19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.



މި އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލެއްގެ ގޮތުގައި ފާހަގަކުރެވޭތީކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އެގްސެމްޕަލަރީ ލީޑަރ އޮފް ދި އިޔަރއަށް މުޣުނީ ހޮވިވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެއްވުމާއި، ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް ކުންފުނި ދީލާލުމަށް މުޣުނީގެ ލީޑާރޝިޕްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްސް ވިއްކުމާއި، މުޣުނީގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ތައާރަފްކޮށްފައިވާ މުޅިން އައު އީޖާދުތަކުގެ ތެރޭގައި ހިމެނޭ ސައްތަ އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕާއި، ދިވެހި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިންގ ސޯލާ ޕޮޑް ހިމެނެ އެވެ.

މީގެ އިތުރުން ތިމާވެށި ފެހި ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވާފައިވާ، ރަށްފެހި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ހަމަ އެކަނި ކުންފުންޏަށް ސްޓެލްކޯވުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި، ރާއްޖެ ލޮކްޑައުންއަކާ ދިމާލަށް ގޮސްދާނެކަމަށްބަލައި، ދުރާލާ އެކަމަށް ތައްޔާރުވެ، ބަލީގެ އެކި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް، ކުންފުނީގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް މުޣުނީގެ އިރުޝާދުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާވުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ލޮކްޑައުން ހާލަތުގައި ކުންފުނީގެ އެއްވެސް މުވައްޒިފަކު ކޮވިޑަށް ޕްޒިޓިވްވެފައިނުވުން ހިމެނެ އެވެ. އަދި ކޯވިޑްގެ ހާލަތުގައިވެސް، ކުންފުނިން ކުރިޔަށް ގެންދާ ބޮޑެތި މަޝްރޫޢުތައް ލަސްކަމެއްނެތި ކުރިޔަށްގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރެވުނު ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުންވެސް ހިމެނެއެވެ.

19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަށް މުޣުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިންގ ލީޑަރ އޮފް ދި އިޔަރގެ އެވޯޑްވެސް މުޣުނީއަށް ވަނީ ލިބިވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން