އެމްޑީޕީއާއި ޕީޕީއެމް އިއްތިހާދުވުމަށް ކުރީގެ ރައީސް, ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި އަދި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމާއެކުގައި މަސައްކަތް ކުރުމަށް ފާޅުކުރައްވާފައިވާ ހިޔާލުފުޅާއި ގުޅިގެން އެމްޑީޕީ މެންބަރުންނާއި އަދި ޕީޕީއެމް މެންބަރުންނަށް ވެސް އޮޅުންތައް އަރާތީ އެކަން ސާފުކޮށްދިނުމަށް މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް އިއްތިހާދު ވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި އަދި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ޕީޕީއެމަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށްވެ، އެހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން. އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ދެކެމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ތާއިދު ކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވެ ސިޔާސީ ގުޅުން މިހާރު ވަނީ ކަނޑާލާފައެވެ. އަދި އޭގެ ފަހުން ރައީސް ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅު ކުރައްވާފައެެވެ.އެހެން ނަމަވެސް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެޕާޓީގެ ސިޔާސީ ފިކުރާއި ނަޝީދުގެ ސިޔާސީ ފިކުރު "އުޑާއި ބިމާހާ ތަފާތު ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދާއި އެކުގައި މަސައްކަތް ކުރެވޭނެ ޖާގަ އެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން