އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އިސްމާއިލް ނަސީރު ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ސާބިތުވެފައިވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅައި އެހެން ސްކޫލަކަށް ބަދަލުކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މުޅިން އެހެން ވާހަކަތަކެއް ދައްކައި އެކަމާގުޅިގެން ދެފަރާތަކުން ނެރުނު ބަޔާންތައް ކުށްވެރިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށްކަމަށެވެ. އަދި ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލި ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދީފައިވާކަމަށްވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ މި ހަތަރު ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނުވާކަމަށެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު ބަލާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ މި މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަޤީގަތާ ޚިލާފަށް މައްސަލަ އޮޅޭގޮތަށް އެ މަޢުލޫމާތު ހިމަނާފައިވާތީ އެކަން މިނިސްޓްރީން ކުއްވެރިކުރާކަމަށެވެ. އަދި މިފަދަ ބަޔާންތައް ނެރުމުގައި ހަޤީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް މިނިސްޓަރީން ވަނީ އިލްތިމާސް ކޮށްފައެވެ. ނަމަވެސް އެބަޔާންތަކުގައި އޮޅޭ ގޮތަށް ނޫނީ ނުބައިކޮށް އޮތީ ކޮން ވާހަކަތަކެއް ކަމެއް މިނިސްޓްރީއަކަށް ހާމަކޮށްދެވިފައެއް ނުވެއެވެ.

ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އިސްމާއިލް ނަސީރު، ހަ ޓީޗަރަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ސާބިތުވެފައިވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅައި ވަޒީފާގެ ކުރިއެރުމާއެކު އޭނާ އެހެން ސްކޫލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޓީޗަރުންނަށް އެކި ކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާބެހޭ ފަރާތްތަކަށް މައްސަލަހުށަހެޅުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން މި މައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު އޭނާގެ މައްޗަށް ސާބިތުވެފައިވާކަމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ މައްސަލަ ސާބިތުވެފައި ވަނިކޮށް މިއަމަލު ހިންގި ފަރާތަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަނަކާއެކު އެހެން ސްކޫލަކަށް ބަދަލުކޮށްފައިވާތީ ޓޭމް ގެ ބަޔާނުގައި ވަނީ އެކަން ކުއްވެރިކޮށްފައެވެ. މިއީ ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ސާބިތުވެފައި ވަނިކޮށް، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ މަސައްކަތެއް ކަމަށް އެ ޖަމްއިއްޔާއިން ސިފަކޮށްފައިވެއެވެ.

ޓީޗަރސް އެސޯސިއޭޝަނުން ވަނީ ޖިންސީ ފުރައްސާރައިގެ، ޝިކާރައަށްވި ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ގޮތުން އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެމީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ. މިފަދަ ނިންމުންތަކަކީ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރުލިބޭފަދަ ނިންމުންތަކެއް ކަމަށްވެސް އެޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން