ރާއްޖޭގެ ޚާރިޖީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަވުމުން ޚާރިޖީ ޓީމުގެ ޚިދުމަތްތައް އެތައް ދަރަޖައަކަށް ތަރައްޤީވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އާ އިމާރަތުގެ ނަން، ދިވެހި ހާރިޖިއްޔާއަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި ކުރީގެ ވަޒީރު، މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކޮށް އެ އިމާރަތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ސޯލިހު ވިދާޅުވީ ޚާރިޖީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަވުމުން، ޚާރިޖީ ޓީމުގެ ޚިދުމަތްތައް އެތައް ދަރަޖައަކަށް ތަރައްޤީވެގެންދާނެ ކަމަށެވެ.



އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޚާރިޖީ ޚިދުމަތުގެ ބިލް ޤާނޫނަކަށްވުމުން، ފޮރިން މިނިސްޓްރީގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ، މިހާރަށްވުރެ ޕްރޮފެޝަނަލް ގޮތެއްގައި، މިނިވަންކަމާއި ޒިންމާދާރުކަމާއެކު ޚިދުމަތްކުރާ ބަޔަކަށް ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ބިލް ޤާނޫނަކަށްވުމުން، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި، ރާއްޖޭގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

"މި ބިލުން ޚާރިޖީ ޓީމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، ހުނަރުވެރި ޢިލްމީ މުވައްޒަފުންތަކެއް ބިނާކުރުމަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދިޔުން. އޭރުން ތިޔަބޭފުޅުން މިހާރު ޤައުމަށް ތިޔަ ކޮށްދެއްވާ ޚިދުމަތްތައް، އެއަށްވުރެ މާ ފުރިހަމައަށް ކޮށްދެއްވޭނެ." ބިލުން ޚާރިޖީ ދާއިރާއަށް އަންނާނެ އިންގިލާބީ ބަދަލަށް އިޝާރަތް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، މިއަދުގެ ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލުކުރަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަން، އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި އ.ދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ކުރުމަކީވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ ޚާރިޖީ ޓީމުން ކުރައްވާ މަސައްކަތް އަޅުގަނޑު ހެޔޮހިތުން ބަލައިގަންނަން. ރާއްޖޭގެ ޚާރިޖީ ޓީމުން، ބައިނަލްއަޤްވާމީ މަސްރަޙުގައި، މިހާރަށްވުރެ މާ އަލިގަދަ ވިދުމަކުން، ދިވެހިންގެ ނަން ފަޚުރުވެރިކޮށްދެއްވާނެކަން އަޅުގަނޑަށް ޔަޤީން." ރައީސް ސޯލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން