ދިވެހިރާއްޖެ ބައިނަލްއަގުއާމީ ދުނިޔެއާއި އެކަހެރިވުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިހެން ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އާ އިމާރަތުގެ ނަން، ދިވެހި ހާރިޖިއްޔާއަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި ކުރީގެ މިނިސްޓަރު މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކޮށް އެ އިމާރަތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ބައިނަލްއަގުއާމީ ދުނިޔެއާއި ރާއްޖެ އެކަހެރިކޮށް އޮންނަތާ ފަސްއަހަރު ދުވަސް ވެފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ މިއަދު ބަލައިގެންފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބައިނަލްއަގުއާމީ މައިދާނުގައި ލިބިފައިވާ މަތިވެރި މަގާމާއި ރާއްޖެއާއި މެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާއެކު މަރުހޫމް ފަތުހު ﷲ ޖަމީލުގެ ބުރަ މަސައްކަތްޕުޅުން ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މިއަދު ވެސް ސަރުކާރުން ދަމަހައްޓަމުން މި އަންނަނީ އެ ސިޔާސަތުތައް. ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެެއްޓުމަށް. ރާއްޖެ އިން އަބަދުވެސް އަޑުއުފުލާނީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް. ރާއްޖެ އިން އަބަދުވެސް ދަމަހައްޓާނީ ޑިމޮކްރަސީގެ ހަމަތަކާއި ސުލްހަ އަށް އިސްކަންދިނުމުގެ ސިޔާސަތު." ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ޚާރިޖީ ވަޒީރު ފަތުހު ﷲ ޖަމީލުގެ ގައުމީ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނަކީ ޚާރިޖީ ދާއިރާގައި 27 އަހަރާއި 4 މަސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ފޮރިން މިނިސްޓްރީގެ އާ އިމާރަތަށް ފަތުހުﷲ ޖަމީލްގެ ނަންފުޅުން ނަން ދެއްވީ އެމަނިކުފާނު ކުރެއްވި ގައުމީ ޚިދުމަތުގެ އަގު ދާއިމީ ގޮތެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެ އިމާރާތާއި ފަތުހު ﷲ ޖަމީލާއި ދެމެދު އޮތް ގުޅުން ރަމްޒު ކޮށްދިނުމަކީވެސް އޭގެ ސަބަބެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މި އިމާރަތަކީ ވެރިރަށް މާލޭގެ މަލަމަތި. ދިވެހިންގެ ގައުމީ ވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަގުސަދުގައި މަރުހޫމް ފަތުހު ﷲ ޖަމީލްގެ ވިސްނުންފުޅާ ޚިޔާލުފުޅާ އެއްގޮތަށް އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްދީފައިވާ އިމާރާތެއް. އެހެންކަމުން އަޅުގަނޑަށް ގަބޫލުކުރެވުނީ އެމަނިކުފާނުގެ އެ ހުވަފެންފުޅަަށް ދިރުން ގެނެސްދިނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް. މީގެ 43 އަހަރު ކުރިން 1978 ވަނަ އަހަރުން ފެށިގެން 27 އަހަަރު ވަންދެން އެމަނިކުފާނު ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ނަން ބައިނަލްއަގުއާމީ މަޝްރަހުގެ އެންމެ ކުރި އުހަށް އުފުއްލާލެއްވި." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުގައި (1978 ވަނަ އަހަރުން ފެށިގެން) ފޮރިންގ މިނިސްޓަރުކަން ހަވާލުކުރެއްވި ފަތުހުﷲ ޖަމީލް، 14 ޖުލައި 2005 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމާއި ހަމައަށް މަގާމުގައި ދެމި ހުންނެވިއެވެ. ޢެމަނިކުފާނު ވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ފޮރިންގ މިނިސްޓްރީގެ އިމާރާތަކީ ކުރިން އެ ތަނުގައި ހުރި ބާ އިމާރަތް ތަޅާލުމަށްފަހު، ފަތުހުﷲ ޖަމީލްގެ މިނިސްޓަރުކަމުގައި ހެދި އިމާރާތެކެވެ. އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހެދި އިމާރާތެކެވެ. އިމާރަތް ހުޅުވާފައިވަނީ 2005 ވަނަ އަހަރު އެވެ. މަރާމާތު ކުރުމަށް އެ އިމާރަތް ބަންދުކުރީ 2019 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން