ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވާން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ސިއްހީ އެކިއެކި ކަންކަމަށް ކުރި ހޭދަ 1.8 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ސްޕެންޑިން ނުވަތަ ހަފުތާގެ ޚަރަދުބަރަދުގެ ރިޕޯޓްގައި ބުނާގޮތުން މި ހިނގާ ޖުލައި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކަންކަމަށް ކުރި ހޭދަ ވަނީ 1،815.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިކަމަށް މިދިޔަ ހަފުތާގައި ކުރި ހޭދަ ވަނީ 0.6 ޕަސެންޓް އިތުރުވެފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކަންކަމަށް ކޮށްފައިވާ ޚަރަދު ތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ކަން ފާހަގަކޮށްލެވެއެވެެ. އެންޑީއެމްއޭއަށް 867.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ދެން އެންމެ ބޮޑު ހޭދައެއް ކުރި ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކަނީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީއަށް 574.6 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަ ކޮށްފަ އެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު މައި ހޮސްޕިޓަލު، އައިޖީއެމްއެޗަށެވެ. މައި ހޮސްޕިޓަލަށް 151.0 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެެވެ.

މީގެ އިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީ ވަސީލަތްތަށް ގެނައުމަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްފައިވެއެެވެ. އެކަމަށް 852.5 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދުވެފައިވެއެވެެ. އަދި އިކްއިޕްމަންޓާއި ކެޕިޓަލް ޚަރަދަށް 201.7 މިލިއަން ރުފިޔާ އަދި އޮޕަރޭޝަން ސާވިސަސްއަށް 198.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މުވައްޒަފުންނަށް އެލަވަންސް ދިނުމަށް 165.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެެ.

ކޮވިޑުގެ ސިއްހީ ޚަރަދުތަކުގެ އިތުރުން އިގްތިސާދު ހިންގަން ކުރި ހޭދަ ވެސް 1،758.6 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އެ ޚަރަދުތަކާއެކު ކޮވިޑްގެ ހަރަދުތަކަށް ކުރި ޖުމްލަ ހޭދަ މިހާރު ވަނީ ހަތަރު ބިލިއަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން