ނ. ފޮއްދޫގެ ފެނާނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފިއެވެ.

މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްކަމަށް އެމް ޑަބްލިޔު އެސް ސީން ބުނެފައިވެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފޮއްދޫއަށް ގެންދެވިފައިވާކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.  

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 4.76 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފައިވެއެވެ.

އަދި މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައިނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށްވެސް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފައިވެއެވެ.



ފޮއްދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.= ޑަބްލިޔު އެސް ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. 540 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ އަގަކީ ޖުމްލަ  58،147،625.9 ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ފޮއްދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމަށް ކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން