ހިކި ކިރު ޕެކެޓްތަކެއްގެ ފައިސާ ނުލިބިގެން މީހެއްގެ ވީޑިއޯ އާއްމުކުރުމުން ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފިއެވެ.

ފުލުހުން އިއްޔެ ވަނީ‏ ފަހުން ފައިސާ ދައްކާނެކަމަށް ބުނެ ހިކި ކިރު ޕެކެޓްތަކެއް ފިހާރައަކުން ނެގި މީހަކު ހޯދުމަށް، އެ މީހާގެ ވިޑިއޯ އާއްމުކޮށްފައެވެ.

ފުލުހުން ބުނީ އެ މީހަކީ ހުޅުމާލެ، ބިގް ސީ ފިހާރައިން 2021 ޖޫން 09 ވަނަ ދުވަހުގެ ވަގުތެއްގައި، ފަހުން ފައިސާ ދައްކާނެކަމަށް ބުނެ 6 ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކާފައިނުވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދައި ނުފެނިފައިވާ މީހެއްކަމަށެވެ.

އަދި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުންގެ އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ މީހާއަކީ ފިހާރައަކުން ވައްކަން ކޮށްގެން ނުވަތަ ކުށެއްގެ ތުހުމަތުގައި ހޯދާ މީހެއް ނޫނެވެ. އެހެންކަމުން ފަހުން ފައިސާ ދައްކާނެކަމަށް ބުނެ ކިރު ޕެކެޓްތަކަކަށް ފައިސާ ނުލިބިގެން ވީޑިއޯ އާއްމު ކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.



ވީޑިއޯ އާއްމުކުރުމުން ބައެއް މީހުން ބުނީ ކިރު ޕެކެޓްތަކަށް ދައްކަންޖެހޭ ފައިސާ އެމީހުން ދައްކައިދީފާނެކަމަށެވެ. އަދި އެ މީހާ ދޫކޮށްލާފައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުން މާ ރަނގަޅުވާނެ ކަމަށް ކޮމެންޓް ކުރި ބައެއް މީހުން ބުންޏެވެ.



ބައެއް މީހުން ވަނީ މިއީ މީހަކު ބޭޒާރު ކުރުމުގެ ނިޔަތުގައި ފުލުހުން ކުރިކަމެއްކަމަށްވެސް ތުހުމަތުކޮށްފައެވެ.

ކިރު ޕެކެޓްތަކެއްގެ ފައިސާ ނުލިބިގެން، އެ މީހާ ހޯދުމަށް ވީޑިއޯ އާއި ފޮޓޯ ހާމަކޮށްފައިވާއިރު، މިއަށް ވުރެ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ފޮޓޯ ފުލުހުން އާއްމު ނުކުރަނީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ދައުލަތަށް ބޮޑެތި ޢަދަދުތަކުން ދަރާފައި ތިބި މީހުންގެ ފޮޓޯ ވެސް އާއްމުކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން