ރާއްޖޭގެ ސިޔާސީ ޕާޓީތައް ޝަހްސީ އެއްޗަކަށްވަނީ ޕާޓީތަކުގައި އުޅޭ މީހުންގެ ސަބަބުންކަމަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރަމުންދާ ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމާލުއްދީން ވިދާޅުވީ އެ ޕާޓީއަކީ ވަކި ބައެއްގެ އެއްޗަކަށް ހެދުމުގެ ފުރުސަތު ކުޑަކުރައްވާނެކަމަށެވެ. އެގޮތުން ޕާޓީގެ މަގާމްތަކާއި ސަރުކާރުގެ މަގާމްތައް ވަކިކޮށް، ޕާޓީގެ މަގާމްތަކަށް ދައުރެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

"ސަހްސީ އެއްޗަކަށް ވަނީ ތިއްބަވާ ބޭފުޅުންގެ ސަބަބުން. ކަންކަން ދުނިޔޭގައި ހިނގާނީ އެކަމުގައި އުޅޭ ބަޔަކު ކަންކަން ކުރާ ގޮތަކަށް. އެހެންވީމާ މި ޕާޓީ ހަދާނީ ވަކި ބަޔަކަށް ޕާޓީއަށް ގަދަ ނުވެވޭގޮތަށް" ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވިދާޅުވިއެވެ.

ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ރައްޔިތުން ކަންބޮޑުވާ، އަދި ހިތާމަކުރާ ގިނަ މައްސަލަތަކެއް އެބަހުރިކަމަށެވެ. އަދި އެމައްސަލަތަކަށް ހައްލު ގެނެވެން އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދައިގެންކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

"ޖަމުއިއްޔާ، ޖަމާއަތްތައް ހަދައިގެން މި ވާހަކަތައް ދެއްކިނަމަވެސް، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދެވޭނީ ސިޔާސީ މީހުންނަށް" ކަމާލުއްދީން ވިދާޅުވިއެވެ.

"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވިކަން ކަމާލުއްދީން އިއުލާންކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭގެކުރިން އޭނާ ވަނީ، ޑީއާރުޕީ، ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން