ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް އިއްޔެ ނިންމާލިއިރު މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ނިމިފައިވަނީ 39 އިންސައްތަ މަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މަޖިލީހުގައި 2 ވަނަ ދައުރުގައި 41 ބިލެއްގެ މަސައްކަތް ކުރެވުނުއިރު އޭގެތެރެއިން ނިމިފައިވަނީ އެންމެ 9 ބިލުގެ މަސައްކަތެވެ. 11 ގަރާރެއްގެ މަސައްކަތް ކުރިއަށްދިޔައިރު އޭގެތެރެއިން ނިމިފައިވަނީ އެންމެ ގަރާރެއްގެ މަސައްކަތެވެ. ވަޒީރުންނާއި ސުވާލުކުރުމުގެ 14 ހުށަހެޅުން އޮތްއިރު، އޭގެތެރެއިންވެސް ނިމިފައިވަނީ އެންމެ 6 ސުވާލެވެ.

މަޖިލީހުގެ ނިމުނު ދައުރުގައި ކުރެވުނު މަސައްކަތް 39 އިންސައްތައިގައި ހުރިއިރު، މިއީ އެވްރެޖްކޮށް މަޖިލީހުގެ މަސައްކަތުގެ ދުވެލި ހުންނަ 60 އިންސައްތައާ އަޅާބަލާއިރު، ވަރަށް މަޑު ދުވެއްޔެކެވެ.

މަޖިލީހުގެ މަސައްކަތަށް ލަސްތަކެއް ކުރިމަތިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު މަޖިލީހުން ތައްޔާރުކުރަން ޖެހުނު އިންކުއަރީގެ މަސައްކަތްތަކާއި ގުޅިގެނެވެ. މިއީ މަޖިލީހުގެ ތާރީޚުގައިވެސް އެކުލަވާލި އެންމެ ބޮޑު، އަދި އެންމެ ފުރަތަމަ އިންކުއަރީއެވެ. 271 ސަފްހާގެ ރިޕޯޓް ތައްޔާރުކުރުމަށް މަޖިލީހުގައި ގިނަ ވަގުތުތަކެއް ވަނީ ހޭދަކޮށްފައެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް އިއްޔެ ނިމިފައިވާއިރު، މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ އޮގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން