ސިޔާސީ އައު ޕާޓީތައް އުފެއްދުމުގެ މަސައްކަތް ބަޔަކު ކުރިޔަަސް، އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްވެސް ބައިވެެރިވުމެއް ނެތްކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކޮށްފައި މިވަނީ، ރައީސް ސާލިހުގެ ބައިވެރިވުން އޮވެގެން އެހެން ޕާޓީއެއް އުފައްދަން އުޅޭ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ ޖާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އުފައްދަވަން މަސައްކަތްކުރަށްވަމުން ގެންދަވާ ޕާޓީއަކީ ރައީސް ސާލިހަށް އެމްޑީޕީގެ ޓިކެޓް ނުލިބިއްޖެނަމަ ރިޔާސީ ޓިކެޓް ހޯދަން އުފައްދާ ޕާޓީއެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި އެފަދަ ލިއުމެއް ހުރެގެން އެމައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ އިދާރާއަށް ވެސް ހުށައެޅިކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި ރައީސް ސާލިހުގެ އެއްވެސް ބައިވެެރިވެ ވަޑައިގެންނެވުމެއް ނެތްކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސް ސާލިހަކީ އެމްޑީޕީގެ ފައުންޑިންގ މެމްބަރެއްކަމަށާއި، ރައީސް ސާލިހު ދެމިހުންނަވާނި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިކަމަށެވެ.

ކާނަލް ނާޒިމް އުފައްދަވަން މަސައްކަތްކުރަށްވާ ޕާޓީގައި ރައީސް ސާލިހުގެ ދައުރެއް އޮންނަކަމަށް ބުނެ ވާހަކަތައް ފެތުރިފައިވާއިރު، ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެކަމަށް ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުގެ އިދިކޮޅު ލީޑަރު ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ޕީޕީއެމާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވިނަމަވެސް، ޕީޕީއެމުން ވަނީ އެކަމަށް ޝައުގެއް ނެތްކަން ރަސްމީކޮށް ހާމަކޮށްފައެވެ. އެޕާޓީން އިއްޔެ ބުނެފައިވަނީ ރައީސް ޔާމިންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރަކީ އެއްނުކުރެވޭނެ ވަރަށް ތަފާތު ދެ ފިކުރެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން