އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގެ ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅު ލީޑަރު ރައީސް އަބުދުﷲ ޔާމިން މިނިވަންކުރަން އެއްވެސް ޑީލެއް ނަހަދާނެ ކަމަށާއި، އެމަނިކުފާނު މިނިވަންކުރާނީ ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ސިޔާސީ ގޮތުން މިހާރު ފިކުރުދިމާނުވާ ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯދުމަށް ރައީސް މުހަންމަދު ނަޝީދު ވަނީ ނިންމަވާފައެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރެއްވުން ކަމަށާއި، އެގޮތުން އެމްޑީޕީއަށް އަައު އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އެފަދަ އިއްތިހާދެއްގެ ޝަރުތުތަށް ވެސް ރައީސް ނަޝީދު ވަނީ ހާމަަކުރައްްވާފައެވެ.

"އެއީ އިންޑިޔާ އައުޓު ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމްނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަނުކުރާ އިއްތިހާދެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.



ޕީޕިއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދުގެ ސިޔާސަތުތަކާއި ރައީސް ޔާމީންގެ ސިޔާސަތުތަކަކީ ވަރަށް ތަފާތު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން އެ ސިޔާސަތުތައް "އުޑާ ބިމާހާ" ތަފާތު ކަމަށާއި، އެހެންކަމުން ރައީސް ނަޝީދާއެކު ޕީޕީއެމްގެ ލީޑަރޝިޕުން މަސައްކަތް ކުރާނެ ޖާގައެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ގައުމުގެ މިނިވަން ކަމާއި އިގްތިސާދު އަރާސްތު ކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތުތަކާއި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް ތަފާތު. އެކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް." އެކުގައި މަސައްކަތް ކުރުމަށް ރައީސް މުހަންމަދު ނަޝީދު ދެއްވި ދައުވަތަށް އިޝާރަތް ކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރަން އެއްވެސް ފަރާތަކާއެކު "ޑީލެއް" ނަހަދާނެ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރާނީ ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން