ރާއްޖޭގައި ވަރަށް އަވަހަށް މިނިމަމް ވޭޖު ކަނޑައަޅާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވަހާކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެއްކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅިގެންދާނެކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ބޮޑު މައްސަލައެއްކަމަށެވެ. އަދި މަސައްކަތްތެރިންނަށް ހުރި މިފަދަ ގޮންޖެހުންތައް ނައްތާލުމަކީ މުހިއްމުކަމެއްކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ކަނޑައެޅުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ނަމަވެސް އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިޢުލާން ކުރެވިގެން ދިއުން. ފުރަތަމަ ދެބަސްވުންތަކެއްވެސް ހުންނާނެ. އަލަށް ތަޢާރަފްކުރެވިގެން ދިއުމަކީ، ކުރިއެރުންތަކެއް ލިބިގެންދާނެ." ފައްޔާޒު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6400 ރުފިޔާ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާދީފައެވެ. ނަމަވެސް މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން މީގެކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ހަސަނު

16-Jul-2021

ދޮންކަލޯ ވަރަށް އަވަސްވެއްޖެއެއްނު. ދެން ތީގެ މުއާލާތްކެނޑުނީމާ ރައްޔިތުން ވަރަށް ވިސްނާނެ 2023 ގެ ވޯޓާމެދު.



ޓްރެންޑިން