ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކަށް ޤާނޫނާއި ޚިލާފަށް ލިބިފައިވާކަމަށް ބުނާ ރޮލެކްސް ގަޑިއަކާއި ލަގްޒަރީ އެޕާޓްމަންޓް ދައުލަތަށް ނަގަން ޕީޖީން އެދިއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ ކުށްކޮށްގެން ހޯދާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މިދިޔަ އަހަރު އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.



ޝަމީމް ވިދާޅުވީ މަނީ ލޯންޑްރިން މައްސަލަތަކުގައި ހިމެނޭ ފައިސާވެސް ދައުލަތަށް އަނބުރާ ނެގުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 70 މިލިއަން ރުފިޔާއާއި، ލަޤްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއެއް ދައުލަތަށް އަނބުރާ ނަގައިދިނުމަށް އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދައުލަތަށް ނަގަން އެދުނު ލަގްޒަރީ އެޕާޓްމަންޓާއި ރޮލެކްސް ގަޑިއަކީ ކޮން ބޭފުޅަކަށް ނިސްބަތްވާ ތަކެތިކަމެއް ޝަމީމް ވިދާޅެއް ނުވެއެވެ.

ނަމަވެސް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ނިހާނުގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައެވެ. މިދައުވާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ނިހާން ބަލައިގެންފައިވާކަމަށް ބުނެފައިވެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑެންސުން ފްލެޓެއް ގަނެފައިވާ މައްސަލައެއްވެސް އޭގެތެރޭގައި ހިމެނެއެވެ. އެހެންވީމާ ޝަމީމު އެ ވިދާޅުވާ ރޮލެކްސް ގަޑިއާއި ލަގްޒަރީ އެޕާޓްމެންޓަކީ ނިހާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގައި ހިމެނޭ ތަކެތިކަން ޔަގީންކުރެވެއެވެ.

މިމައްސަލަތަކުގެ އަޑު އެހުމެއް މިއަދުވެސް ބޭއްވުމަށް ތާވަލުކޮށްފައި، ފަހުން ވަނީ ކެންސަލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހަސަނު

16-Jul-2021

ސާބަހޭ. ޕީޖީ އަކާ ތިޔަގަޑިއެއް ނުގުޅޭނެ.



ޓްރެންޑިން