މާލެއާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައި ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިމަސައްކަތް ނިންމާލުމުގެ ގޮތުން ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމުގެ މަސައްކަތް މިހާރު ކޮށް ނިމިފައިވާކަމަށެވެ.

މިއީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ހިންގަމުން އަންނަ ބިޔަ މަޝްރޫއުގެ ބައެކެވެ.

މާލެއާއި ހުޅުމާލެއާއި ހުޅުލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމުން މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. އަދި ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ބުނީ އަންނަ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އެނެލިސިސްއެއް ހެދުމަށްފަހު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ޙައްލުކުރެވޭނެކަމަށެވެ. އަދި އެއަށްފަހު މިވިއުގަ ބޭނުންކުރަން ފެށޭނެކަމަށް ސްޓެލްކޯއިން މައުލޫމާދެއެވެ.

45 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ކުންފުންޏަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން