ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަކީ އޭރުގެ ސަރުކާރު އެންމެ ބާރުގަދަ ވަޒީރެވެ. ރައީސް ޔާމިންގެ ސަރުކާރު ދިފާއުކޮށް، މުޅި ސަރުކާރު ކޮންޓްރޯލް ކުރަމުންދިޔައީ އަދީބެެވެ. އަދީބަކީ ރައީސް ޔާމިން ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ބޭފުޅެކެވެ. އެކަން އެހެންވީވެސް ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ޒުވާން ވިސްނުމާއި ކެރުމާއި ފައިސާ ހޯދާނެ ގޮތްތައް އެނގުމެވެ. ދުނިޔޭގެ މުއްސަނދިންނާ ގުޅުން ބަދަހިކުރަން ވެސް އެނގުމެވެ. ސައުދީގެ ޝާހީ އާއިލާގެ ތެރޭގައި އަދީބު ވަކިހިއްޕާލުން މިއީ ސަމާސާ ކަމެއް ނޫނެވެ. ޕްރިންސް މުހައްމަދު ރާއްޖެ ވަޑައިގެން އުޅުއްވި ޔޮޓަށް ރައީސް ޔާމީން ގަދަކަމުން ގެންގޮސް ސައޫދީގެ މިހާރުގެ ރަސްގެފާނަށް ރައީސް ޔާމީން ތަޢާރަފުކޮށް ސަޢުދީގެ ޝާހީ އާއިލާގެ ގާތް އެކުވެރިއަކަށް ރައީސް ޔާމީން ހައްދަވައިދެއްވި މީހަކީ އަދީބެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންގެ އިތުބާރާއެކު އަދީބުގެ ދުރުވިސްނުމުގެ ކުޅަދަނާ ކަމާއެކު ގާނޫނު އަސާސީއާވެސް ކުޅެލައި އަލުން ދޮރެއް ކަނޑައިގެން ވެރިކަމުގެ ކޮއިލް ތެރެއަށް ވަދެ ރައީސުލްޖުމްހޫރިއްޔާއާއި ޖެހިގެން ހުރި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ހޯދިއެވެ.

ރައީސް ޔާމިންގެ ބާރުގަދަ ސަރުކާރަށް ލޮޅުން އަރުވާލައި މުޅި ގައުމު ސިއްސުވާލީ ރައީސް ޔާމިންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ އެއްޗެއް ގޮއްވާލި ހާދިސާއިންނެވެ. ރައީސް ޔާމިން އަވަހާރަކޮށްލަން ދިން ބޮމުގެ އެ ނުރައްކާތެރި ހަމަލާއިން މާބޮޑު ގެއްލުމެއް ލިބިވަޑައިނުގެން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވިއެވެ. އެހެން ނަމަވެސް ރިޔާސީ ލޯންޗުކޮޅުގައި ދިން ބޮމުގެ ހަމަލާއިން ރައީސް ޔާމިންގެ އަނބިކަބަލުން ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް ޒަޚަމްވެވަޑައިގެންނެވި އެވެ. އެކަމަނާ އަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދުވަސްތަކެއް ވަންދެން ފަރުވާވެސް ހޯއްދެވިއެވެ. ޒަޚަމް ތަކުގެ ފޮޓޯތައް އާންމު ނުކުރި ނަމަވެސް ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ގާތް ބޭބޭފުޅުން އެކި މުނާސަބަތު ތަކުގައި އެކަމާނާއަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ދެއްކެވިއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ފަސްޓްލޭޑީ ވެގެން ދިޔައީ ވަރަށް ތަފާތު ބޭފުޅަކަށެވެ. ގާތް މީހުން ބުނެއުޅޭ ގޮތުގައި ރައީސް ޔާމިންގެ ސިޔާސީ އެޖެންޑާގެ މުހިންމު ބައި ހިންގެވީ އެކަމަނާއެވެ. ވަކި އޮފީހެއް ހައްދަވައިގެން ރައީސް ޔާމީނާއި ސަރުކާރުގެ އެޗް އާރް ބައި ނުވަތަ މޫނުމަތި ރީތިކުރުމުގެ ބައި ކުޅުއްވީ އެކަމަނާއެވެ. އެކަމަނާއަކީ ސަރުކާރުގައި ވެސް ވަރަށް ބާރުގަދަ ބޭފުޅެކެވެ. އަދީބު ނަގާފައި ނޫނީ އަދީބަށްވުރެވެސް އެކަމަނާގެ ބާރު ގަދަކަމަށް މީހުން ކިޔާ އުޅުނެވެ. އޭގެ ނަތީޖާއަކަށްވީ ކުންފުނިތަކުގެ ބައެއް ބޮޑުންނާއި ބައެއް މަޖިލިސް މެންބަރުން އެކަމަނާގެ ފަހަތުގައި އެކަމަނާ ވިދާޅުވާ ގޮތަކަށް އަބަދުމެ އެނބުރި އެނބުރި ތިބުމެވެ. އެކަމަނާގެ ދަތުރުފުޅު ތަކުގައި މިދެންނެވި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. އެކަމަނާ ބޭހާއި ފައިސާއާއި ކަދުރު ބަންދުކުރަށްވާއިރު އެބޭފުޅުން އަރިހުގައި ތިއްބަވައިގެން އެމަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެއިތުރުން އަދީބާއި އެކަމަނާއާއި ދެމެދުވެސް ވަރަށް ޚާއްޞަ ގާތް ގުޅުމެއް އޮންނަ ކަމަށް އޭރު މީހުން ކިޔައި އުޅުނެވެ. އަދީބަށް ނާއިބް ރައީސްކަން ރައީސް ޔާމީން ދެއްވީ އެމަނިކުފާނު އެކަން ކުރައްވާން ބޭނުންފުޅުވެގެން ނޫންކަމާއި އެކަން ކުރެއްވީ އަނބިކަނބަލުން ބޭނުންފުޅުވެގެން އެކަމަނާ އެތައް ވަރަކަށް އެކަމަށް އެދިވަޑައިގެންނެވުމުން ކަމުގައި ރައީސް ޔާމިން ވިދާޅުވެފައިވާ ކަމަށް ވެއެވެ.

ކޮންމެެއަކަސް ރައީސް ޔާމިން އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ހުރީ އަދީބުކަން ހަމަލާގެ ފުރަތަމަ ދުވަހުން ފެށިގެން ބައެއް މީހުން ނިންމައިފިއެވެ. އެހެން އެކަންވީ އަދީބާމެދު އޭރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ އޮތް ހަސަދަވެރިކަމުން ކަމުގައި ވެސް ދެންނެވިދާނެއެވެ. އޭރު އަދީބާއި އެންމެ ގަޔާނުވާ އެއް ބޭފުޅަކީ ރައީސް ޔާމީންގެ ބޮޑު ބޭބޭފުޅު ރައީސް މައުމޫނެވެ. އޭގެއިތުރުން ވެސް ސިޔާސީ ވާދަވެރިކަމާއި ވެރިކަމުގެ ބާރުތަކުގެ ވާދަވެރި ކަމުގައި އަދީބާއި ހަސަދަވެރި އެތައް ބޭފުޅުންނެއް ސަރުކާރުގެ އެތެރޭގައާއި ބޭރުގައި ތިބިކަމަށް ވެއެވެ. އެގޮތުން ސަލާމަތީ ބާރުގެ ތެރޭގައި ވެސް މިދެންނެވި ހަސަދަވެރި ކަމާއި ވާދަވެރިކަން އޮތްކަން އެ ހަމަލާއިން ވަރަށް ބޮޑަށް ޔަގީންވިއެވެ. އެހެންކަމުން މިހަމަލާ އަކީ އެފަދަ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން އަދީބު ދުއްވާލުމަށް ކުރި ކަމެއްކަމަށް ބައެއް މީހުން ބުނެއެވެ. އެހަމަލާ ދިނުމުގައި ބާރުގަދަ ނުރައްކާތެރި އެއްޗެއް ބޭނުންކޮށްފައި ނުވާކަން އޭރުގެ ހޯދުންތަކާއި ބޭރުން ގެނައި ޓީމުތަކުގެ ތަހުގީގުން އެނގިގެން ދިއުމަކީ މިކަމަށް ލިބޭ ވަރަށް މުހިންމު ހެއްކެކެވެ. ފުރަތަމަ ދުވަހުން ފެށިގެން އަދީބުގެ މައްޗަށް ކުރެވުނު ތުހުމަތު ރައީސް ޔާމިނަށް ޔަގީންކޮށް ދިނުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އެހަމަލާގެ ތަހުގީގާ ބެހޭ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެހަމަލާގެ ތުހުމަތު އަދީބުގެ މައްޗަށް ކުރަމުން ގެންދިޔަ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އުމަރާއި އަދީބާ ދެބޭފުޅުންނަކީ ދެ ހަތުރުންނެވެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ އުމަރުގެ ވަރަށް ގާތް އެކުވެރި ކާނަލް ނާޒިމު ވަރުގަދަ މަޅިއެއްގައި ޖެއްސުމުގައި އިސްކޮށް ހުންނެވި ބޭފުޅަކީ އަދީބުކަމަށް އުމަރަށް ޔަގީންވުމެވެ. އެކަން ހިނގައި ދިޔަ ގޮތުގެ ވާހަކަތައް މިފަދަ އެހެން ރިޕޯޓެއްގައި ގެނަސްދެވޭތޯ ބަލާނަމެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމެވެ. އަދީބު ހައްޔަރުކުރުމާއެކު ކުރިން ފެންމަތިވެފައިނުވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި ދައުލަތުގެ އެތައް މިލިއަން ރުފިޔާއަކަށް އަދީބު ޚިޔާނަތްތެރިވެފައިވާ މައްސަލަވެސް ހިލިގަތެވެ. އެހަމަލާގެ ފަހަތުގައި އޮތީ ރައީސް ޔާމިން އަވަހާރަކޮށްލައިގެން ކުރު މަގަކުން ރާއްޖޭގެ ވެރިކަމަށް އަދީބު ވަޑައިގަތުމުގެ މަގު ތަނަވަސް ކުރުން ކަމަށް ބުނެއެވެ. އަދީބު ހައްޔަރުކުރިފަހުން ރައީސް ޔާމިން ވަނީ އަދީބު އިސްވެ ހުރެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރައްވާފައެވެެ. ކޮންމެއަކަސް މިހުރިހާ ކަމެއް ފަޅާއަރައި ބުޅާ ގޯނިން ބޭރުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހުއެެވެ. އެމައްސަލައިގައި އަދީބުގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ. އެހެން ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލްކޮށްފައެވެ.



މިއަދުގެ ހަގީގަތަށް ބަލާލަމާ ހިނގާށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. ހަމަލާއަށްފަހު ކުއްލިއަކަށް ވަރަށް ގިނަ އާ ވާހަކަ ތަކެއްގެ ކުރިފަޅައިފިއެވެ. މިކަންވެގެންދިޔައީ އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ވާދަވެރިކަން ފެންމަތިވެގެން ވެސް ދިޔަ ހާދިސާއަކަށެވެ. މިހަމަލާއަށްފަހު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި ކޯޅުން ބޮޑުވެ ނަފުރަތުގެ އަލިފާނުގެ ހުޅު ވަނީ ރޯވެފައެވެ. އެންމެ ގާތް އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާ ވެރިކަމުގައި ހުންނަވަނިކޮށް އެ އެކުވެރިޔާއާއި ރައީސް ނަޝީދާއި ދެމެދު އޮތް ސިޔާސީ ވާދަވެރިކަން އެންމެންނަށް ހާމަވީ ބޮމުގެ ހަމަލާއަށްފަހުއެވެ.

އެމްޑީޕީގައި ދެ ފެކްޝަން އުފެދި ބައިބައިވިކަން ޕާޓީގެ ލީޑަރޝިޕުން ވެސް ގަބޫލު ކުރީ އެ ބޮމުގެ ހަމަލާއިން އަރައިގަތް އަލިފާނުގެ ހޫނުގަނޑުތެރެއިންނެވެ. ބޮމުގެ ހަމަލާއަށްފަހު މިހާރު އިނގިރޭސިވިލާތުގައި ހުންނެވި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑު ޒަލްޒަލާއެއް އަންނަން އުޅޭފަދަ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ. ރައީސް ނަޝީދު ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމާއި އަލުން ވެރިކަމަށް ވަޑައިގަތުމުގެ ފޮނި އުއްމީދުގައެވެެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ކުރައްވާ އުންމީދު ދޫ ނުކުރައްވާ ކަމަށެވެ. އަދި އެކަން ހާސިލްކުރެއްވުމަށް ކިތަންމެ އުނދަގޫ މަގަކުން ހިންގަވަން ޖެހިވަޑައިގަތަސް އެމަނިކުފާނު ހުންނެވީ އެކަން ކުރަށްވާ ގޮތަށެވެ.

ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ސަރުކާރު އުވާލައްވާށެވެ. 2023 ގައި ރިޔާސީ އިންތިހާބެއް ނުބޭއްވުމަށެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާށެވެ. 2023 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓަކީ ސީދާ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ޕްލޭނަކީ 2023 ގެ ފެބްރުއަރީގައި ނިޒާމް ފުރޮޅާލައި އޭގެ ފަހަށް 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރުމެވެ. އޭރުން އެބޭފުޅަކީ އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ނުވާނެކަން ކަށަވަރުވާތީއެވެ.

އެކަމަށްޓަކާ އިދިކޮޅާ ޑީލް ހައްދަވައިގެން ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަން ހޯއްދަވަން ރައީސް ނަޝީދު ހުންނެވީ ތައްޔާރަށެވެ. ސަރުކާރު ހިންގާ އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ކޯޅުން އެންމެ ބޮޑަށް ހާމަވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ. އެޖަލްސާ އެމްޑީޕީގެ ގިނަ މެމްބަރުން ރައީސް ސޯލިހަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑެ ވަނީ ރައީސް ސޯލިހަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ. މިއީ އެމްޑީޕީގެ މަޖިލިސްގެ މެމްބަރަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ރައީސްގެ އިސްތިއުފާއަށް ގޮވާލި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތްތާގައި މި ކޯޅުންގަނޑު ބޮޑުވެ ވަރަށް ބޮޑަށް، ފިތުނައިގެ ހުޅު ރޯވެގެން ހިގައިދާނެ ކަމަށް ސިޔާސީ މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބޮމުގެ ހަމާލާއާއެކު މިހުރިހާ ކަމެއް ފެންމަތިވުމުން މިއީ ހަމަ ސިޔާސީ އިއްތިފާގެއްތޯ ސުވާލު އުފެދެއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ކޮންމެ ފަދަ ކަމެއް ކުރަންވެސް މީހަކު ފަސް ނުޖެހޭނެކަން ހަނދި ހަސަން ރަސްގެފާނު ވާހަކަ ފަދަ ތާރިޚީ ފަތްފުތްތަކުންވެސް އެހެރީ ފެންނާށެވެ. އަމިއްލަ ދަރިފުޅު ވެރިކަން ކުރާތަން ބަލަން ބައްޕަ އަކަށް ކެތެއް ނުވިއެވެ. ދަރިފުޅާ ވެރިކަން ހަވާލުކޮށްފައި ގޭގައި ހުންނަވާއިރު ހަތްކޮޅުގައި ދަރިފުޅު ހުކުރަށް ވަޑައިގަންނަވާ މަންޒަރު ބައްލަވަން ހުންނެވުނީ މަދު ދުވަސްކޮޅަކު ކަމަށް ވެއެވެ. އެހެންވީމާ މިފަހަރުވެސް ވާގޮތް ބަލަން ތިބެމާހެވެ. އަބަދުވެސް ހަކުޅި ކުރިއަށް ކުޅުއްވާ ރައީސް މުހަންމަދު ނަޝީދާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ދެމެދު ކުރިއަށް އޮތީ ވަރުގަދަ ކުރިމަތިލުމެކެވެ. ރައީސް ސޯލިހާއި ވާދަކުރައްވައި ވެރިކަމުގެ މިހަނގުރާމަ ފަތަހަކުރަށްވައި ރައީސް ނަޝީދަށް މިފަހަރު ކުޅި ފަސް ލިބޭނެތޯ މިއީ މިހާރު އޮތް އެންމެ ބޮޑު ސުވާލެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޖުހާ

16-Jul-2021

ބޮޑުބޭބެ ކިޔަނީ މަންމައާ ނުވަތަ ބައްޕައާ ނުވަތަ ކާފައާ ނުވަތަ މާމައާ އެއްބަނޑު އެއްބަފާ ނުވަތަ އެއިން މީހަކާ އެއްބަނޑު ނުވަތަ އެއްބަފާ ފިރިހެނަކަށް. މައުމޫނަކީ ޔާމީނުގެ ބޮޑުބޭބޭފުޅެއް ނޫން. މައުމޫނަކީ ޔާމީނުގެ އެއްބަފާ ބޭބޭފުޅު. އެމީހަކާ އެއްބަފާ މީހަކު އެމީހެއްގެ ބޮޑުބޭބެއަކަށް ނުވާނެ. ވާނީ ބޭބެއަށް. ތަންދޮރު ނޭނގުނަސް އެއްޗެހި ލިޔެވޭތޯ ބަލާތި. މި ނޫހުގައި އުޅޭ މީހުންނަކީ ތާނައަކުރުން ރަނގަޅަށް ލިޔަންވެސް ނުދަންނަ ބައެއް. "ޚިޔާލު" ލިޔަންޖެހޭ ތަނުގައިވެސް އެއްފަހަރު ލިޔެފައިއެއޮތީ "ހިޔާލު". އަނެއްފަހަރު ލިޔެފައި އެއޮތީ "ޙިޔާލު". ހާގެ މަތީގައި ޖަހަންޖެހޭ ތިކި ހާގެ ތިރީގައި ޖަހާފައި. މި ފެންވަރުގެ މީހުން ނޫސްވެރިކަން ކުރީމާ ބަހުގެ ލިޔެކިޔުމުގެ ގަވާއިދުތައް ކުދިންނަށް ވެސް އޮޅޭގޮތް ވަނީ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ



ޓްރެންޑިން