ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ފުރިހަމަކުރައްވާފައިނުވާކަމަށާއި، އެކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލު އެބައޮތް ކަމަށް މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ.

241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ފުރިހަމަކުރައްވާފައިނުވާ ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ފަސް އިދާރާއެއް ވަނީ ހަމަޖައްސާފައެވެ. އެ އިދާރާތަކަކީ އެމްއެންޑީއެފް، ޕޮލިސް، ކަސްޓަމްސް، އިމިގްރޭޝަން އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެވެ.

މި ފަސް އިދާރާގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް ނުވަތަ އުސޫލެއް ގާއިމުކުރަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމްކުރެއެެވެ. ގާނޫނުގެ 19 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވަނީ އެކަން ކުރައްވަންޖެހޭ ފަރާތަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ. އެ މާއްދާގައި ބުނަނީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށްޓަކައި ކަމާގުޅޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލައި އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓާ ކުރަމުން ގެންދަން ވާނެ ކަމަށެވެ.

މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އެއްކުރާ މައުލޫމާތު އެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަސް އިދާރާގެ މެދުގައި ބަދަލުކުރަން ވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެެވެ.

އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ އޮނިގަނޑެއް ނެތުމުން މައުލޫމާތު ބަދަލުކުރުމުގައި އެއްވެސް ހަރުދަނާ ކަމެއް ނެތް ކަމަށެވެ. އަދި އިދާރާތަކުން މައުލޫމާތު ބަދަލުކުރަނީ ކޮންމެ އިދާރާއެއް ވަކިން ހަދާފައިވާ އުސޫލެއްގެ ތެރެއިން އެއިދާރާއަކަށް ފެންނަ ގޮތަކަށް ކަމަށް ރިޕޯޓްގައިވެ އެވެ.

ހޯމް މިނިސްޓަރަށް ގާނޫނުން ލާޒިމުކޮށްފައިވާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް، މަޖިލީހުގެ އިންކުއަރީ ރިޕޯޓް އާންމުކުރުމާ ހަމައަށް ވެސް ނިންމާފައި ނުވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމިޓީއަށް ހާޒިރުކޮށް އެމަސައްކަތް ނުކުރެވި ލަސްވާ ސަބަބުވެސް ސާފުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަކު އިންޓެލިޖެންސް ބަދަލުކުރުމުގައި އިސް އިދާރާ އަކަށް ވާނެ ފަރާތަކާ މެދު ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަން މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވާފަ އެވެ. އިދާރާތަކުގެ މެދުގައި ބާއްވާފައިވާ ބައްދަލުވުންތަކުގެ ލިޔެކިޔުންތަކުން އެކަން ފާހަގަކުރެވޭ ކަމަށްވެސް އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަމަކު މިނިސްޓަރަށް ގަބޫލުކުރެއްވޭތީ އެ މަސައްކަތުގައި އިސް އިދާރާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ވަނީ ހަމަޖައްސާފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ލާޒިމުކުރާ އޮނިގަނޑު ހަދާފައި ނުވި ނަމަވެސް އެޓާނީ ޖެނަރަލްގެ ލަފާ ލިބިގެން ކަމާގުޅޭ ގަވައިދެއް ހަދައި މިއަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ގަވައިދު ގެޒެޓްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެ ގަވާއިދުގެ ދެވަނަ ބާބު ހާއްސަކޮށްފައިވަނީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި، މައުލޫމާތު ބަދަލުކުރުމަށެވެ. އަދި އެ ބާބުން ބާރު ލިބިގެން ކަމާގުޅޭ މުއައްސަސާ ތަކުގެ މެދުގައި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ތަންފީޒު ކުރާނެ ގޮތުގެ ޕްރޮސީޖުރަލް ފްރޭމްވާކެއްގެ ޑްރާފްޓް، އިސް އިދާރާގެ ހައިސިއްޔަތުން ފުލުހުން ވަނީ އެކުލަވާލާފައެވެ. އެކަމަކު ކަމާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އެ ފްރޭމްވާކް ވެސް ފައިނަލް ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އިންކުއަރީ ރިޕޯޓްގައި ބުނީ ޑިފެންސް މިނިސްޓަރު މާރިޔާއަށް ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާގެ ތެރެއިން ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާ ގުޅިގެން އިންކުއަރީއަށް ފާހަގަކުރެވުނު ކަންތައްތަކަށާއި ހޯދުނު ހޯދުންތަކަށް ރިއާޔަތްކޮށް އިންކުއަރީގައި މަގާމުގެ ޒިންމާ އަދާކޮށްފައި ނުވާކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކާއި މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ އަދާކުރުމަށް އިހްމާލުވެފައިވާ ފަރާތްތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަކުރެވޭނަމަ އެކަމެއް ބަލައި އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖިލީހުގެ އިންކްއަރީ ކޮމެޓީގެ ރިޕޯޓްގައި ލަފާ ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޢަލީ ސަޢީދު

16-Jul-2021

އަޅުގަނޑުގެ ސުވާލަކީ ތިޔަތިބި ބޮންގޮއްވިމީހުނަދޭނީމަރުގެއަދަބުތޯނޫނީ ކޮންއަދަބެއްތޯ ސުވާލުކުރަން



ޓްރެންޑިން