އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އައްސަވައިފި ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ނަފުރަތުގެ ކުށް ކަނޑައަޅާ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ގެނައި ބަދަލުތަކާއި މެދު ދީނީ ޢިލްމްވެރިންނާއި ބައެއް އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން އެބިލް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. އެމައްސަލައިގައި އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ދެމެދުގައި މަޖިލީހުގައި މިއަދު ހޫނު ޒުވާބު ތަކެއް ހިނގައި ސަރުކާރަށް ބަހުގެ ހަމަލާތަކެއްދީ ރައީސްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވާ ‏"‎ލާދީނީ" ބިލު އޮތްގޮތަށް މަޖިލީހަށް ބަލައި ނުގަނެ، އެބިލާ ގުޅިގެން ރައްޔިތުން ފާޅުކުރި ޝުޢޫރުތައް ރައީސް ސޯލިހު އަޑުއައްސަވާފައިވާކަން މިއަދުގެ މަޖްލިސް ޖަލްސާއިން ވަރަށް ސާފުކޮށް އެނގިގެން ހިގައްޖެ ކަމަށެވެ. އެކަމަށްޓަކައި އަލްޚާން ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.



ނަފުރަތުގެ އަމަލުތައް ކަނޑައަޅާ އެފަދަ އަމަލުތައް ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެހެން ނަމަވެސް އެކޮމެޓީން ބިލް އިސްލާހުކުރިއިރު އޮތީ ކުރިއަށްވުރެ ގޯސްކޮށް ކަމަށް ބުނެ ބައެއް ދީނީ އިލްމްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ. އެކޮމެޓީން ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން އަނެއްކާވެސް މިއަދު ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދު ﷲ މެދުވެރިކުރައްވައި އެބިލަށް އިސްލާހުތަކެއް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް ބިލް އަބުރާ ކޮމެޓީއަށް ފޮނުވަން ތާއިދު ލިބުމުން ޔައުގޫބް ވަނީ އެ އިސްލާހުތައް އަނބުރާ ނަންގަވާފައެވެ.

ރައީސް ސޯލިހު މީގެކުރިން ވަނީ ނަފުރަތުގެ ބިލު ފާސްވެގެންދާނީ އެބިލާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްފަހު ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން