ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ކުރިން، ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް ރައީސް ނަޝީދަށް ބަޔަކު ފާރަލަމުން ދިޔަކަމަށް މަޖިލީހުގެ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް މިއަދު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓުގައި 6 މޭގެ ހަމަލާގެ ވަށައިގެން ހުރި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓްގައިވާ ގޮތުން ހަމަލާގެ ކުރިން ރައީސް ނަޝީދަށް ބަޔަކު ފާރަލަމުންދިޔަކަން އެނގިފައިވެއެެވެ. އެގޮތުން ކައުންސިލު އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ހުންނެވިއިރު، ރައީސް ނަޝީދުގެ ހަރަކާތްތައް ބަލަމުން، ފޮޓޯ ނަގަމުން ބަޔަކު ދިޔަކަމަށް އިންކުއަރީގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ރައީސް ނަޝީދަށް ހަމަލާދިން ފަރާތްތަކުން ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަޙައްދު އެއްފަހަރަށްވުރެ ގިނަ ފަހަރު ސާވޭކޮށްފައެވެ. އަދި ހަމަލާދިނުމަށް ބޭނުންކުރި ސައިކަލް އެ ސަރަޙައްދުގައި ބަހައްޓާފައިވަނީ ހަމަލާދިން ރޭ ނޫން ކުރީ ރޭގެ ރޭގަނޑު 8:00 ހާއިރުކަމަށް ރިޕޯޓުގައިވެއެވެ. މީގެއިތުރުން ބޮން ގޮއްވާލި އަދުހަމް އެސަރަޙައްދަށް ދިޔައީ، ބޮން ގޮއްވާލުމުގެ ގަޑިއެއްހާއިރު ކުރިންކަމަށްވެސް ރިޕޯޓުގައިވެއެވެ.

އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް އަމާޒުވާ ތްރެޓްތަކުގެ މައުލޫމާތުތަކުގެ މައްޗަށްވެސް ބަލާލާފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގދ. މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅެއްގައި ހަރުކަށި ފިކުރުގެ ބަޔަކު ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން މީހަކު ހައްޔަރުކުރިކަމަށްވެސް ރިޕޯޓްގައިވެއެވެ.

މީގެއިތުރުން 2019 ވަނަ އަހަރު ސުޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި ގުޅިގެންވެސް ރައީސް ނަޝީދަށް ނުރައްކާތަކެއް އަމާޒުވިކަމަށް ރިޕޯޓުގައިވެއެވެ. މީގެއިތުރުންވެސް އެކި ފަހަރުމަތިން ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައި ހުރިކަން މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިންކުއަރީ ރިޕޯޓުގައި ސިފައިންގެ ގާނޫނު އިސްލާހުކޮށް ސިފައިން ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކުއިރިޓީ ގާނޫނެއް ގާއިމް ކުރުމާއި، އެމްއެންޑީއެފްގެ އިދާރީ ހިންގުމާއި އިންޓެލިޖެންސް އަދި އޮޕަރޭޝަން ކަންކަމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި މިހާރު އެކުވަލާފައިވާ އުސޫލުތަކާއި ޕްލޭންތައް އަދާހަމަކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިހްތިސާސްތައް މުރާޖައާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ފުލުހުންގެ ޚިދުމަތް އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިދާރާތަކުގެ މެދުގައި ޙިއްސާ ކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން