ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ޕާޓީން ވަކިކުރަންޖެހޭ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރީކޯ މޫސާ މަނިކު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ "ގަޓް" ނެތް ކަމަށާއި، ކެބިނެޓް އުވާލާ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަންވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ސަރުކާރާއި ދެކޮޅަށް ތެދުވެ ރައީސްގެ އިސްތިއުފާއަށް ގޮވައި ޕާޓީގެ އުސޫލުތަކާއި ޚިލާފުވާ މެމްބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީން މީގެ ކުރިން އަމަލު ކުރަމުން އައީ އެ އުސޫލުން ކަމަށް މޫސަ ވިދާޅުވިއެވެ.



"މިކަން ނުކޮށްފިނަމަ އިންސާފާ ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވެދާނެ." އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ޓެގްކުރައްވައި މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކެބިނެޓް އުވާލައި ރައީސްގެ އިސްތިއުފާއަށް ގޮވާލެއްވީ، މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ވާހަކަ ދައްކަަވަމުންނެވެ. ބޮންޑެ ވިދާޅުވީ އެ ބިލަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލަން ސަރުކާރުން ހުށައެޅި ބިލެއް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އެއްވެސް އިތުބާރެއް ނެތް ކަަމަށާއި އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ބޮންޑެ ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން. އަޅުގަނޑު އެދެން މިވަރުގެ ކަމެއް ކޮށްފައި ފަހަތަށް ޖެހުނީމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން އަޅުގަނޑު އެދެން ހަމަ. އެއީ އެހާ ގަޓެއް ނެތީމަ. މިއީ ވަރަށް ނުބައި ދަލެއްގައި މި ޖެއްސީ." ބޮންޑެ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން