ނަފުރަތުގެ ބިލާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވި މެމްބަރުން ކ-ވ މީކާއިލް، ވައްްޑެ، ބޮންޑެ އިންތި
ނަފުރަތުގެ ބިލާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވި މެމްބަރުން ކ-ވ މީކާއިލް، ވައްްޑެ، ބޮންޑެ އިންތި
އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލާއި ގުޅިގެން ސަރުކާރާއި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން ކޯޅި ބޮޑު އަރައިރުންގަނޑެއް ހިންގައިފިއެެވެ.

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ބައެއް އިސްލާހުތަކެއް ގެނެސްފައެވެ. އެހެން ނަމަވެސް އެކޮމެޓީން ބިލް އިސްލާހުކުރިއިރު އޮތީ ކުރިއަށް ވުރެ ގޯސް ކަމަށް ބުނެ ބައެއް ދީނީ އިލްމްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ. އެކޮމެޓީން ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން އަނެއްކާވެސް މިއަދު ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދު ﷲ މެދުވެރިކުރައްވައި އިސްލާހުތަކެއް ހުށައަޅާފައެެވެ..

އެކަމާ މެދު މެމްބަރުންނަށް އެއްބަސްވުމަކަށް ނާދެވި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން  މިއަދު ވަނީ ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މެމްބަރުން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ، ސަރުކާރުން ހުށައެޅި ބިލް ސަރުކާރުން ދިފާއު ނުކުރާ މައްސަލައިގައެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ސަރުކާރުން ހުށައެޅި ބިލަކަށް ދެކޮޅު ހަދަނީވެސް ސަރުކާރުން ކަމަށެވެ. މި ބިލް މިދަނޑިވަޅުގައި މަޖިލީހަށް ގެނައީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ބޮންޑެ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ "ގަޓް" ނެތް ކަމަށް ވިދާޅުވެ ކެބިނެޓް އުވާލާ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

"އަޅުގަނޑު އެދެން މިވަރުގެ ކަމެއް ކޮށްފައި ފަހަތަށް ޖެހުނީމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން އަޅުގަނޑު އެދެން ހަމަ. އެއީ އެހާ ގަޓެއް ނެތީމަ. މިއީ ވަރަށް ނުބައި ދަލެއްގައި މި ޖެއްސީ." ބޮންޑެ ވިދާޅުވިއެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ބިލު ސަރުކާރުން ހުށަހެޅީ ދީނުގެ ނަމުގައި ނަފުރަތު އުފައްދައިގެން، މީހުންގެ ލޭ ހުއްދަކޮށް ގަތުލު ކުރަމުންދާތީ ކަމަށެވެ. މި ބިލް ސަރުކާރުން ދިފާއު ނުކުރާތީ އިންތި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. އިންތި ވިދާޅުވީ ބިލަށް ކޮމިޓީން އިސްލާހުތައް ގެނައީ ވަރަށް ފުޅާކޮށް ހިޔާލު ހޯދައިގެން ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކޮމިޓީން ބޭނުންނުވި މިންވަރަށް ވެސް އެ ބިލަށް ދޫތަކެއް ދެވުނު ކަން އިންތި ފާހަގަކުރެއްވިއެވެ.

"ސްޓޭންޑެއް ނަގައިފިއްޔާ. އެ ސްޓޭންޑުގައި ދެމި ތިބެން ޖެހޭނެ. ކެރެން ޖެހޭނެ. އަމާޒެއް އޮންނަންޖެހޭނެ." ސަރުކާރުން ހުށައެޅި ބިލު ދިފާއު ނުކުރާތީ އެކަމަށް އިޝާރަތް ކުރައްވައި އިންތި ވިދާޅުވި އެވެ.

މި ބަހުސްގައި ވާހަކަ ދައްކަަަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އެމްޑީޕީގެ ޕީޖީގައި ތިއްބެވީ 65 ފިނޑިން ކަމަށެވެ. ލާދީނީ ޓެގް ހުއްދަކުރަން ބިލާ ދެކޮޅަށް އެމްޑީޕީ ބަޔަކު ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ގަތުލުތަކުގެ ފަހަތުގައި އޮތް ސަބަބު ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލު ދިފާއުކުރުމުގެ ހިތްވަރު ހުންނަންޖެހޭ ކަމަށް ވިދާޅުވެ މީކާއިލް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެެވެ.

"ވޯޓު ހޯދަންވީމާ ނިކަން ފޯރީގައި އަދި ވޭނުގައި އަޅުގަނޑުމެންނަށް ފެނޭ ނޫންތޯ ރިޟްވާންގެ މަންމަ، ޔާމީން ރަޝީދުގެ ދައްތަ. ވޯޓު ހޯދަންވީމާ ނިކަން ފޯރީގައި ދެއަތް ޖަހާފައި އަޅުގަނޑުމެންނަށް ފެނޭ ނޫންތޯ ޑރ އަފްރާޝީމްގެ އާއިލާ. އެ އާއިލާތަކުގެ ދަރިން މިގައުމުން ނެތިކޮށްލި ސަބަބު ނައްތާލުމަށް ހުށަހެޅި ބިލެއް މި ބިލަކީ ސަރުކާރުގެ ފަރާތުން." މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މިބިލަކީ ދީނާ ގުޅުވައި ނަފްރަތު އުފައްދައި، މީހުން މަރައި، މީހުން ގެއްލުވައިލައި މި ގައުމު މިއީ ބިރުވެރި ތަނަކަށް ހަދާފައި އޮތް އޮތުން ނައްތާލުމަށް ހުށަހެޅިފައިވާ ބިލެއް ކަމަށެވެ. އެހެންނަމަވެސް ބިލު މަޖިލީހަށް ހުށަހެޅުމަށްފަހު ދެން ކަންތައް ވެގެންދިޔަ ގޮތަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ލަދުގަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، މި ބިލަކީ ސަމާސާއެއް ވެސް ނޫންކަމަށާއި އަދި ސަކަރާތެއް ވެސް ނޫންކަމަށެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ކަމަށާއި، ބިލަށް ކޮމިޓީން ގެނައި އިސްލާހަށް އަނެއްކާވެސް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންކަމަށް އީވާ ވިދާޅުވިއެވެ. މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ބިލް ހުށަހެޅުއްވުމާއެކު ހިސާން އަށް ކުރިމަތިވެވަޑައިގެންނެވި ނުރައްކަލާ ގުޅިގެން ސަރުކާރުގެ ފަރާތުން އެޓަރނީ ޖެނެރަލް ފިޔަވައި އެހެން އެއްވެސް ބޭފުޅަކު އޭނާ ދިފާއުނުކުރައްވާކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބް ރައީސް އީވާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ، ސަރުކާރުން ބިލް ފޮނުވާފައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހަވަރަށް ދޭ އުސޫލުން ކަންކުރުމުން އެކަން ކުށްވެރިކުރަށްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން، ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން. ހަމަ ނެއްޓިލާފަ، ހިސާނުގެ ބިލު، ދައުލަތުގެ މީޑިއާއިން ޕީއެސްއެމުން މި ބިލަށް ހިސާނުގެ ބިލް. އިސްލާމްދީނަށް ތައުހީނުކުރުން މަނާކުރާ ބިލުވީމާ ސަރުކާރުގެ ބިލް. މި ފާޑަށް ކަންތައް ނުކުރާށޭ." ވަރަށް ރުޅިވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާއަށް މުހާތަބުކުރަށްވައި ވައްޑެ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އެ ބިލް މަޖިލީހުން ބޭރުކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ގޮވާލެއްވިއެވެ. އެގޮތުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފު ވަނީ އެބިލް ބޭރުކޮށްލުމަށް ގޮވާލައްވާފައެވެ. އެހެން ނަމަވެސް އެގޮތަށް ތާއިދު ނުލިބުމުން ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން