ތަފާތު އެކި ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ބޭންކް ޓްރާންސްސެކްޝަން ސްލިޕް ފޮނުވާ މީހެއް އުޅޭ ތަނެއް ނޭނގިގެން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް ބުނެ، ފުލުހުން ވަނީ އެ މީހާގެ ވަނަވަރު މިއަދު އާއްމުކޮށްފައެވެ.



ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ވިނޯލިޔާ، އިބްރާހީމް ޚަލީލް (32އ) ކަމަށެވެ. އޭނާ ހާޒިރުކުރަނީ އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށްކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މިމަހުގެ 15 ވަނަދުވަހުގެ 16:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށްވެސް ފުލުހުންގެ އިއުލާންގައި އޭނާއަށް އަންގާފައިވެއެވެ.

ފަހަކަށް އައިސް ފިހާރަތަކުން މުދާގަނެ ބޭންކް ޓްރާންފަރ ކުރުމުގައި ފޭކް ސްލިޕް ފޮނުވާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން