2023 ވަނަ އަހަރު ރައީސް ކަމަށް ކުރިމަތިނުލެވިއްޖެނަމަ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ތާއިދުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކަރ" ގެ ތިންވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ދުވަހެއް ނާންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އިއުލާންކުރައްވާފައިނުވާ ކަމަށާއި، އެފަދަ އެއްވެސް ވާހަކަފުޅެއް އެމަނިކުފާނާއި ހިއްސާ ކުރައްވާފައިވެސް ނުވާކަމަށެވެ.

އެމްޑީޕީން 2023 ވަނަ އަހަރު ރިޔާސީ ޕްރައިމަރީއެއް ބާއްވައިފިނަމަ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭގެކުރިން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިިޒާމަކަށް ފޮރުޅާލަންޖެހޭ ކަމަށާއި، ބަރުލަމާނީ ނިޒާމުގައި ގައުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. ބަރުލަމާނީ ނިޒާމް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސް ނާޅުއްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ވެސް ރައީސް ސޯލިހަށް އެންމެ އިހްލާސްތެރި ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އެއް ބޭފުޅަކަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުދިކުދި ކަންތައްތަކުގައި ޚިޔާލު ތަފާތުވުން ހުރި ނަމަވެސް ރައީސް ސޯލިހާއި މައްސަލައެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން