ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރެރިސްޓް ހަމަލާގައި މި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކަރ" ޕްރޮގުރާމްގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަމަލާ ދިނުމުގައި މި ސަރުކާރުގެ ކުޑަވެސް ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލުފުޅުކުރަށްވަން އެމަނިކުފާނަށް ވަރަށް ދަތި ކަމަށެވެ.

މީގެ އިތުރުން ރައީސްގެ މަގާމުގައި މިހާރު ހުންނެވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އޮތީވެސް އެމްޑީޕީގެ އަޣުލަބިއްޔަތުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ ސަރުކާރުގެ ކުޑަވެސް ބައިވެރިވުމެއް އޮވެގެން ދެވުނު ހަމަލާއެއް ކަމަށް ގަބޫލުފުޅުކުރަށްވަން ވަރަށް ދަތިފުޅު ކަމަށެވެ.

"ކުޑަކޮށްވެސް ގަބޫލެއް ނުކުރާނަން ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއް ދެވުނު ހަމަަލާއެއް ކަމަށް މިއީ. ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީވެސް ސަރުކާރުކަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިހަމަލާގެ އަސްލާއި ހަމައަށް ނުދެވިއްޖެނަމަ އެއީ ސަރުކާރުގެ ފެއިލް ވުމަކަށް ވާނެ ކަމަށެވެ.

"ޑިފެންސް މިނިސްޓަރާއި ގުޅޭ ގޮތުން އަޅުގަނޑު ވަކިއެއްޗެއް ނުދަންނަވާނަން." މިނިސްޓަރ މާރިޔާ ހުންނަވައިގެން އިންސާފުވެރި ތަހުގީގެއް ހިންގިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށް އިތުބާރު އޮތްކަން ސާފުވާނީ މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީ ނިމުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން