ޖެންޑާ މިނިސްޓަރަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނީ ތަހުގީގު ކުރުމަށް ފަހުގައި ކަމަށް މީޑިޔާ ކައުންސިލްގެ ރައީސް، ޝަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

މީޑިޔާ ކައުންސިލްގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އެކޮމެޓީގައި ވާހަކަ ދައްކަވަމުން މީޑިޔާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، ތަރައްގީ ވެފައިވާ ގައުމުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގައި ވެސް މީޑިއާތައް ޖޫރިމަނާ ކުރުމަކީ ދުނިޔެ ގަބޫލުކުރާ ވިސްނުމެއް ނޫން ކަމަށެވެ. މީޑިޔާތަށް ޖޫރިމަނާކުރުމަކީ އެކައުންސިލުން ގަބޫލުކުރާ ކަމެއް ނޫންކަމަަށް ޝަހުބާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖެންޑާ މިނިސްޓަރަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނީ ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެއްވެސް ތަހުގީގު ކުރުމެއްނެތި އަދި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ މީޑިޔާތައް ޖޫރިމަނާ ކުރުމުން ޝަހުބާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ހަވާލާ ދެއްވައި ޝަހުބާން ވިދާޅުވީ މީޑިއާތަކުން ހަބަރު ގެނައުމުގެ އުސޫލާ ހިލާފު ވެއްޖެނަމަ އެކަން ޖެންޑާ މިނިސްޓްރީން ހުށަހަޅަން ޖެހޭނީ ރެގިއުލޭޓްރީ ބޮޑީއަކަށް ކަމަށެވެ. އެހެން ނަމަވެސް، ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ނުކުރާކަން ޝަހުބާން ފާހަގަކުރެއްވިއެެވެ. މީޑިއާއެއް ޖޫރިމަނާ ކުރާނަމަ އެކަން ކުރީ ކޮން ހަބަރަކާ ގުޅިގެންކަން ބުނެދޭން ޖެހޭ ކަމަށާއި، އެހެން ނަމަވެސް ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ޝަހުބާން ވިދާޅުވި އެވެ. އެހެންކަމުން މީޑިޔާތައް ޖޫރިމަނާ ކުރިގޮތުގެ ތަފުސީލު ހޯދަން ޖެންޑާގައި އެދިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ޖަވާބު ނުލިބޭ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހަބަރުތައް ގެނެސްދޭއިރު އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ބައެއް ނޫސްތަކުން މައުލޫމާތު ފަތުރާފައިވާކަން ޝަހުބާން ވަނީ ފާހަގަކުރައްވާފައެވެެ. މީޑިޔާ ކައުންސިލުން މީގެ ކުރިން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަހުބާން ވިދާޅުވީ މީޑިޔާތަކުން ހަބަރުތައް ފަތުރާފައިވާ ގޮތް އެ ކައުންސިލުން ބެލިއިރު 44 އާޓިކަލެއްގައި ގާނޫނުތަކާއި ގަވައިދާ ހިލާފަށް ކުއްޖާގެ ވާހަކަ ލިޔެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެމްއެމްސީން މިހާރު އެމައްސަލަތައް ދިރާސާ ކުރަމުންދާ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ގުޅޭ ގޮތުން ނޫހެއްގައި ޝާއިއުކުރި ލިޔުމެއްގެ މައްސަލަ ބެލުމަށް މީޑިއާ ކައުންސިލުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދުނު މައްސަލާގައި ލިޔުމުން ޖަބާބުދާރީވާން މީޑިއާ ކައުންސިލަށް ކޮމިޓީން ވަނީ އަންގާފައެވެ.

ކުޑަކުއްޖާގެ މައްސަލައިގައި ޚަބަރު ފެތުރިގޮތުން "އަވަސް" ނޫސް 2،000 ރުފިޔާއިން އިން ވަނީ ޖޫރިމަނާކޮށްފައެވެ. މީގެއިތުރުން ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިތުރު ތިން މީޑިއާއަކަށް ޖެންޑަރ މިނިސްޓްރީން ވަނީ އިންޒާރުގެ ސިޓީތައް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން