ކޯވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ހީނަރުކަން އައުމާއެކު އޭގެ އަސަރު ދުނިޔޭގެ ހުރިހާ ޤައުމުތަކަށްވެސް ކުރިއެެވެ. އޭގެތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖެއަކީ މިކަމުން ލިބުނު ގެއްލުން އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މުޅި ޤައުމުގެ އިޤްތިޞާދާއި، އެހެނިހެން ސިނާޢަތްތައް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނައިރު، ކޯވިޑާއި ގުޅިގެން ފަތުރުވެރިކަން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު މިއިން ދުވަހަކު ނުވެއްޓާހާ ފުން އަނދަވަޅަކަށް ވެއްޓުނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތްކުރެއްވީ މިކަމުން ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފްތައް ކުޑަކޮށް، މިކަމުން އަރައިގަނެވޭނެ މަގެއް ހޯދުމެވެ.

ކޯވިޑުން ކުރިމަތިވި ދަތިކަމުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ރައީސް ޞާލިހާއި، އެމަނިކުފާނުގެ ވަޒީރުން ގެންދިޔައީ ކުރައްވަމުންނެވެ. އަދި މިހާތަނަށް އައިރުވެސް ގިނަ ވައުދުތަކެއް ވަނީ ފުއްދިފައެވެ. ހިލޭ ޑިގްރީއަށް ކިޔެވުން، ހިލޭ ނާސްތާ ޕްރޮގްރާމް، ރާއްޖޭގެ އެއް ސަރަޙައްދުން އަނެއް ސަރަަހައްދަށްކުރާ ވައިގެ ދަތުރުގެ އަގު ހެޔޮކުރުން، ވިޔަފާރިތަކުގެ ކުރިއެރުވުމަށް ލޯނު ދޫކުރުން، ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން ކޯވިޑުން އަރައިގަތުމުގެ މަސައްކަތާއެކު، ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުވެސް ސަރުކާރުން މިހާރު ވަނީ ހެޔޮކޮށްދީފައެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތާއެކު ފެނިގެންދިޔައީ އެހެން ޤައުމުތަކަށްވުރެ ފަސޭހައިން ކޯވިޑުން އަރައިގަނެ، އިޤްތިޞާދު އަލުން ހިންގާލަން ފެށި މަންޒަރެެވެ. އެހެން ޤައުމުތަކުގައި އެޅި ފަދަ ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައެއް ނުވެއެވެ. ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، މަގުމަތިވާން ޖެހޭ ހާލަތަށް ނުގޮސް، ކޯވިޑްގެ ހާލަތު ސަރުކާރުން ވަނީ ކޮންޓްރޯލްކޮށްފައެވެ. ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތް ފޯރުކޮށްދިނެވެ. ހީނަރުކަން ކުރިމަތިވި ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ. މިއީ މިހާލަތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ފެނުނު މަންޒަރުތަކެއް ނޫނެވެ.

ކޯވިޑްގެ ހާލަތުން މަޑުމަޑުން އަރައިގަންނަމުންދާއިރު، ސަރުކާރުން މިހާރު ދަނީ ތަރައްޤީގެ ދުވެލި ހަލުވި ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގުޅީފަޅުގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީކޮށް، ރާއްޖޭގެ އެންމެ އުުތުރާއި ދެކުނުގައިވެސް މިފަދަ ބަނދަރުތަކާއި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެއިތުރުން މުޅި ރާއްޖެ ގުޅުވާލަދޭ ދަތުރުފަތުރުގެ ވިއުގައެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިކަންކަމާއެކު އެސަރަޙައްދުތަކުގައި ފަތުރުވެރިކަން ކުރިއަރައި، ވަޒީފާގެ އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ކޯވިޑަށް ފަރުވާދޭ ޚާއްޞަ މަރުކަޒުތަކުގެ އިތުރުން ޓާޝަރީ ހޮސްޕިޓާތައް ބިނާކޮށް މިހާރު ހުރި ހޮސްޕިޓާތަކުގެ ފެންވަރުމަތިކޮށް ޒަމާނީ އާލާތްތައް ހޯދައި ގާއިމުކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ. މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ބޮޑުބައިގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މަޝްރޫޢުގައި ބާކީ ހުރި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ވަނީ ފަށަން ތައްޔާރުވެފައެވެ. ރަށްރަށުގައި އިމާރާތް ކުރާ ހައުސިންގ ޔުނިޓްގެ އިތުރުން ރަށްރަށުގައި ގޯތި ގެދޮރު ބިނާކުރުމަށް ލުއި ލޯނު ދޫކުރުމުގެ ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ. އިމާރާތް ކުރާ ގޯތި ނުވަތަ ހަދާ އިމާރާތަކީ ރަހުނުގެ ގޮތުގައި ބަލައިގެން ދޫކުރާ މިލޯނަކީ މިހާތަނަށް ރާއްޖޭގައި ދޫކުރާ އެންމެ ލުއި، އެންމެ ފަސޭހައިން ލިބޭ، އެންމެ ކުޑަ އިންޓްރެސްޓްގައި ބޮޑު ރަހުނެއް ނުބަހައްޓާ އެންމެ ފަސޭހައިން އަދާކުރެވޭ ގޮތަށް ދޫކުރާ ލޯނެވެ.

ކޯވިޑާ ގުޅިގެން ވިޔަފާރިތައް ހުއްޓުނަ ނުދިނުމާއި ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަކުރުމަށް އެކި ނަންނަމުގައި ޕެކޭޖްތައް ހަދައިގެން ދޫކުރާ ލޯނުތައް ވެސް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އަމިއްލައަށް ކުރާ ކުދިކުދި މަސައްކަތްތަކުން ފެށިގެން ގޮސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ވެސް ލޯނު ލިބޭނެ ފަސޭހަ މަގުތައް ވަނީ ފަހިކޮށްދީފައެވެ. މީގެއިތުރުން ކަންމަތީ ފިހާރަތަކާއި ސެލޫން ނުވަތަ ބޯކޮށުމާއި ޒީނަތްތެރިވުމުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި ކަސްރަތު ނުވަތަ ޖިމާއި، ސައިހޮޓާ، ރެސްޓޯރެންޓް އަދި ކެފޭ ހިންގުމުގެ ވިޔަފާރި ފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވެސް މި ލޯނުތަކުން ހިނިތުންވުން ގެނެސްދޭނެ ކަމީ ޔަގީންވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން