ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު، އަލުން އިސްލާހުކޮށް ތަރުބިއްޔަތު ކުރުމަށް އިސްލާހިއްޔާއަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމަށް ނިސްބަތްކުރައްވައި ޓުވީޓާގައި އަވަގުރާނަ ގޮވައި ހުތުރު ބަހުން މުޚާތަބުކުރަށްވާފައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އިންސާނުންނާ އެހެން މަޚްލޫޤުން ފަރަގުކުރެވޭ މައިގަނޑު އަސާސަކީ ‏ތަރުބިއްޔަތު ކަމަށެވެ. އަދި އެއްވެސް "ރަނގަޅު ތަރުބިއްޔަތެއް ނެތް ނާޒިމް ސައްތާރު ފަދަ ބޭފުޅުން" އިސްލާހިއްޔާއަށް ފޮނުވަންޖެހޭ ކަމަށް ހައިލަމް ވިދާޅުވިއެވެ.

"މިފަދަ މީހުން އިސްލާހިއްޔާއަށް ފޮނުވައިގެން ވިޔަސް އަލުން ތަރުބިއްޔަތު ކުރެވޭނެ ނިޒާމެއް ދައުލަތުން ގާއިމްކުރަންޖެހޭ." ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ޓެގްކުރައްވައި ހައިލަމް ވިދާޅުވިއެވެ.

ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމަށް ނިސްބަތްކުރައްވައި ޓުވީޓާގައި އަވަގުރާނަ ގޮވައި ހުތުރު ބަހުން މުޚާތަބުކުރުމާއި ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެއީ އަޚުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ. ނާޒިމް ސައްތާރަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރަށްވާ ވެސް ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު