އައުރަ ނިވާނުކޮށް އުޅުން ޖިނާއީ ކުށަކަށް ހެދުން މާ އައުލާކަން ބޮޑުކަމަށް ވިދާޅުވެ، ޑރ އިޔާޒްގެ ބަހުގެ ހަމަލާތަކެއް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް އަމާޒު ކުރައްވައިފިއެވެ.

ޑރ. އިޔާޒްގެ ބަހުގެ ހަމަލާތަކެއް އާޒިމާއަށް އަމާޒުވީ ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމަކީ ޖިނާއީ ކުށަކަށް ހަދަންޖެހޭކަމަށް އާޒިމާ ވިދާޅުވުމުންނެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރުކަންވެސް ކުރެއްވި އާޒިމާ ޝަކޫރު މިހެން ވިދާޅުވީ، އަންހެންކުދިން ޚިތާނު ކުރުމާއި ގުޅޭގޮތުން މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެެވެ. އާޒިމާ ޝަކޫރު ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.



އާޒިމާގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ދީނުގައި ކަނޑައަޅުއްވާފައިވާ ކަމެއް، ނެތްކަމަށް ހަދަން އުޅުން ވެސް ޖިނާއީ ކުށަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އައުރަނިވާނުކޮށް އުޅުމަކީވެސް ޖިނާއީ ކުށަކަށް ހަދަންޖެހޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.





އެފޯރަމްގައި ވާހަކަދައްކަވަމުން އާޒިމާ ވަނީ ކުޑަކުދިންގެ ހައްގުތަކާއިބެހޭ ގާނޫނުގައި ކުޑަކުއްޖަކަށް މައިންބަފައިން އެއްވެސް ކަހަލަ އަނިޔާއެއް ދިނުމަކީ ގާނޫނީ ކުށެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ ގާނޫނުގެ ދަށުން ވެސް އަންހެން ކުދިން ޚިތާނުކުރާ މީހުންނަށް ފިޔަވަޅު އެޅޭނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމަކީ މިހާރުވެސް ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުއާމީ ކޮންވެންޝަންތަކުގައި ބޮޑު ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

"ބައިނަލްއަގުއާމީ ގޮތުން އެއީ ޖިނާއީ ކުށަކަށްވައްޏާ ދިވެހި ރާއްޖޭގައި ގާނޫނު އަސާސީ ބުނާގޮތުން އެކަން ތަންފީޒުކުރެވޭނެ. އެއީ އަޅުގަނޑުމެންނަށް ލިބޭ ބާރެއް މީހަކަށް އަނިޔާ ދީފިއްޔާ އެއީ ގާނޫނީ ޖިނާއީ އަމަލެއް ނޫންތޯ އެއީ؟ މިކަން ކްރިމިނަލައިޒް ކުރެވެންވީ ދައުލަތުގެ ފަރާތުން މީ ޖިނާއީ އަމަލެއް ކަމަށް ކަނޑައަޅަންވީ. ޕޮލިސީ ލެވެލްގައި އެކަމަށް ހަމަ ފިޔަވަޅު އަޅަންވީ، އޭރުން އެ އޮތީ އެކަން ނިމިފައި." އާޒިމާ ވިދާޅުވިއެވެ.

އަބްހެން ކުދިން ޚިތާނު ކުރުމާބެހޭ ބަހުސް މިފަހަރު ފެށިގެން މިއުޅެނީ ޑރ. އިޔާޒު ޓްވިޓާގައި ހިއްސާކުރެއްވި އެކަމާ ބެހޭ ދިރާސާ ރިޕޯޓަކާއި ގުޅިގެންނެވެ. އެއާއެކު، އަންހެން ކުދިން ޚިތާނު ކުރުމަށް ޑރ. އިޔާޒު ވަކާލާތު ކުރަށްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އޭނާގެ މައްސަލަ މެންބަރަކު ވަނީ ހުށައަޅުއްވާފައެވެ. މިކަމާ ގުޅިގެން އިޔާޒު ވިދާޅުވެފައިވަނީ އޭނާ ހިއްސާ ކުރެއްވީ ބަޔަކު ކޮށްފައިވާ ދިރާސާއެއް ކަމަށާއި އެއީ އޭނާ އެކަމަށް ތާއީދު ކުރަށްވާ ވާހަކައެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު