ސަރުކާރުގެ ލާދީނީކަން އިތުރަށް ހާމަވެގެން ހިނގައްޖެކަމަށް ސަލަފް ޖަމިއްޔާގައި އިސްކޮށް. ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން މިއަދު ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކުރުމުންނެވެ.

މުޖްތަބާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މި މަހުގެ ފުރަތަމަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. އެ ޓުވީޓުގައި މުޖްތަބާ ވިދާޅުވީ މެމްބަރުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަމަށެވެ.

މި ޓްވީޓްކުރުމާއި ގުޅިގެން މުޖްތަބާ ފުލުހަށް ހާޒިރުކުރުމުން، އަލީ ރަމީޒު ވިދާޅުވީ ދީނީގޮތުން މީހުން ސަމާލުކުރުމަށް އިލްމުވެރިޔަކު ބަހެއް ވިދާޅުވުމުގެ ސަބަބުން ފުލުހަށް ހާޒިރުކުރުމުން، މި ސަރުކާރުގެ ލާދީނީކަން އިތުރަށް ހާމަވެގެން ހިނގައްޖެކަމަށެވެ.



ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލާދީނީ ގޮވުން ހުއްޓުވާ ބިލާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިބިލުގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ބުނެ، ބިލު އަނބުރާ ގެންދިއުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެތެރޭގައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު