ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގާއިމް ކުރާ މުވައްސަސާ ވަނީ ސިޔާސީ މަސައްކަތުގައި "ބިޒީވެފައި" ކަމަށްރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް ރަހުމުކުޑަގޮތަކަށް މަރާލި މައްސަލައާއި ގުޅިގެން މާލެ ސަރަަހައްދުގެ ރައްކާތެރިކަމާއި އަމާންކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައި އެކަމާއި މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށް، ފުލުހުން މާލޭ ސަރަހައްދުގައި ޗެކް ޕޯސްޓްތައް ޖަހައި ޕެޓްރޯލްކޮށް ބަލަހައްޓަމުންދަނިކޮށް ކުޑަކުއްޖަކު އަނިޔާވެރިގޮތަކަށް މަރާލައި މޫދަށް އެއްލާލާފައިވަނިކޮށް ފެނުނު މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

އެކަމަށް އިޝާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ވިދާޅުވީ، މުޖުތަމައުގައި އަމާންކަމާއި ހަމަޖެހުން ބަަލަހަައްޓަން ހަމަޖެހިފައިވާ މުވައްސަސާ ވަނީ ސިޔާސީ ކަންތައްތަކުގައި ބިޒީވެފައި ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގެ ބަދަލުގައި ހަގީގީ މަސައްކަތް ކުރެވޭނެމަގު ދެއްކިގެން ނޫނީ މި ފަސްގަނޑުގައި އަމާންކަން ގާއިމް ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.



އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ލިބި، އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހުޅުމާލޭ ދެވަނަ ފޭސްގެ މޫދު ހިމެނޭ ސަރަހައްދުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ފިލާ ތިއްބައެެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ހައްޔަރުކުރި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 15 ދުވަހެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، މައްސަލަ ޝަރީއަތަށް ހުށައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު