ކުރީގެ ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުޙައްމަދު އާދިލް ސަލީމް
ކުރީގެ ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުޙައްމަދު އާދިލް ސަލީމް
ޖިނާއީ ޢަދުލުގެ ނިޒާމަށް ސަމާސާ ކުރަން ދޫނުކުރެވޭނެ ކަމަށް ކުރީގެ ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މުޙައްމަދު އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާމެދު އުފެދުނު ދެބަސްވުމެއްގައި ޖަޒްބާތުގައި ޖެހިގެންކަމަށް އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހުށައަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއްވެސް ނޫން ކަމަށާއި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށް އަސްރާ ވަނީ ކޯޓުގައި އެދިފައެވެ.

އެކަމާ ގުޅިގެން އާދިލް ސަލީމް މިއަދު ވިދާޅުވީ، ފުލުހުންނަށް ދޮގު ބަޔާން ދިނުމަކީ ޖިނާއީ ކުށެއް ކަމަށާއި، ޖިނާއީ ޢަދުލުގެ ނިޒާމަށް ސަމާސާ ކުރަން ދޫނުކުރެވޭނެ ކަމަށެވެ.

އަސްރާ ފުލުހުންނަށް ދޮގު ބަޔާނެއް ދިންކަމަށް އިޢުތިރާފްވެފައި ވާއިރު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަސްރާއަށް ފާޑުކިޔަމުންނެވެ. އެގޮތުން އީސަގެ މައްސަލަ ބޭއްވުމަށްފަހު ފުލުހުން ފުރަތަމަ ބަލަންވީ އަސްރާ ދޮގު ބަޔާންދިން މައްސަލަކަމަށާއި، އަސްލެއްނެތް ކަންކަމުގައި މީހުންގެ އަބުރު ކަތިލަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

އަސްރާ އާއި ދަރިފުޅަށް، އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުސް އޮފީހުގައި އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓާނުލައެވެ. އަދި ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައެވެ. ޕީޖީ މިހާރު ވަނީ އެމައްސަލައިގައި އީސާގެ މައްޗަށް ދައުވާކުރުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.

އީސަގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް އަންނަ ހޯމަ ދުވަހަށް މިހާރު ވަނީ ތާވަލުވެސް ކޮށްފައެވެ. އީސަގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ކުރުމުގެ ދައުވާއެވެ. ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ އޭނާ މުގަައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މަގާމުތަކަކުންވެސް އޭނާ މިހާރު ވަނީ އެކަހެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު