އެޗްއާރުސީއެމްގެ މެމްބަރުން
އެޗްއާރުސީއެމްގެ މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާގެ މައްސަލަ ބަލަމުންދާކަމަށް އެޗްއާރުސީއެމުން ބުނެފިއެވެ.

އެޗްއާރުސީއެމުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ރައީސް ނަޝީދަށް ދިން ޙަމަލާގެ މައްސަލަބެލުމަށް އެމްޑީޕީން އެކުލަވާލާފައިވާ ކޮމެޓީއަށް ލިބިފައިވާ މަޢުލޫމާތުތައް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޙިއްސާކުރުމަށް ރޭބޭއްވި ބައްދަލުވުމުގައި އެކޮމިޓީގެ ޗެއަރ ތ. ވިލުފުށި ދާއިރާގެ ހަސަން އަފީފް ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ބަޔާނެއް ނެރުންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަފީފްގެ ވާހަކަތަކަށް ރައްދުދީ އެޗްއާރުސީއެމުން މިރޭ ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ޙަމަލާގެ މައްސަލައިގެ ތަހުޤީޤު ހިނގަމުންދާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ހާދިސާއާއި ގުޅިގެން 3 ޓްވީޓްކޮށް، ޓްވިޓަރގައި ބަޔާނެއްވެސް ޢާއްމުކޮށްފައިވާނެ ކަމަށެވެ. އަދި ހަމަލާދިން ރޭގެ 21:00 ގައި އެޗްއާރުސީއެމްގެ މެންބަރެއް ހިމެނޭގޮތަށް ހާއްސަ ޓީމެއް ހޮސްޕިޓަލަށް ޒިޔާރާތް ކުރި ކަމަށާއި، އެކަމާގުޅިގެން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވާގޮތާއި ކުރަމުންދާގޮތް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ލިޔެފައިވާ ކަމަށެވެ.

ކޮމިޝަނުން ލިޔުންފޮނުވި އިދާރާތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ފިޔަވާ އެހެނިހެން މުއައްސަސާތަކުން ކޮމިޝަނުން އެދިފައިވާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެޗްރާއުސީއެމުން ވަނީ ކޮމިޝަނުގެ އިތުބާރު ގެއްލޭފަދަ ވާހަކަތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތާއި ދިމާކޮށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން މިހާތަނަށް ފަސް މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން