މި ލިޔުމުގައި މި ބަލައިލަނީ ޚާއްޞަކޮށް ރޯދަމަހު ރޯދަ ވީއްލުމަށްފަހު ކެއިންބުއިމުގެ އާދަތައް ގެންގުޅެވިދާނެ ރަނގަޅު ގޮތްތަކެކެވެ. ރޯދަ ވީއްލުމަށްފަހު ރޯދަމަހުގެ ރޭގަނޑު ވަރަށް ގިނަ މީހުން ހައިހޫނުކަން ފިލުވާން ވަރަށް ގިނައިން ކައިބޮއި ހަދައެވެ. އަދި މިގޮތަށް ކައިބޮއި ހަދާއިރު އަބަދުވެސް ބަލަނީ ތިމާގެ އަނގަޔަށް މީރު ބާވަތްތައް ކެއުމަށާއި ބުއިމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯ އިން ލަފާދެނީ ރަމަޟާންމަހު ރޯދަ ވީއްލުމާއި ހާރުކެއުމާއި ދެމެދު 10 ތަށި ފެން ބުއިމަށެވެ. އަދި ކަރާ ފަދަ ހަށިގަނޑަށް ފެން ގިނައިން ލިއްބައިދޭ ބާވަތްތައް ބޭނުން ކުރުމަށެވެ. ކޮފީ ފަދަ ކެފެއިން ހުންނަ ބުއިންތަކުން ރޯދަމަހު ދުރުހެލި ވުމަށްވެސް ޑަބްލިޔޫ އެޗް އޯ ލަފާދީފައި ވެއެވެ. ރޯދަމަހު ތިމާ ބޭނުންކުރާ ކާނާއަކީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ކަމުގައި ހަދަން ބޭނުމިއްޔާ ދެން ކާންވީ ނުވަތަ ބޯންވީ ކޮންކޮން ބާވަތްތަކެއް ކަމާއިމެދު މިހާރު ސުވާލު އުފެދޭނެއެވެ.

ރޯދަމަހު ރޯދަ ވީއްލާއިރު މާ ބުރަކޮށް ކައިގަތުމުންނާއި ބަލާނުލާ ބަނޑަށް އުނދަގޫވާ ވަރަށް ކައިގަތުމުން ގޮހޮރަށްވެސް އަދި ހަޖަމަށްވެސް ވަރަށް ބާރުބޮޑުވެއެވެ. މިހެންވީމާ ބޯންޖެހޭ މިންވަރަށް ފެން ނުބޮވުމުގެ ސަބަބުން ހަށިގަނޑަށް އެތައް ގެއްލުންތަކެއް ލިބެއެވެ. ރޯދަމަހު ރޭގަނޑު ކާން މިލިބޭ ކުޑަ ވަގުތު ކޮޅުގައި ކާ ބާވަތްތަކަކީ ޕްރޯބަޔޮޓިކްސް ނުވަތަ ހަށިގަނޑުގައި ހުންނަ ގޯސް ބެކްޓީރިއާތައް މަރާލާފަދަ ރަނގަޅު ބެކްޓީރިއާ ހަށިގަނޑަށް ލިއްބައިދޭ ފަދަ ކާނާގެ ބާވަތްތަކަށް ވުން ވަރަށް މުހިންމެވެ.

ޕްރޯބަޔޮޓިކްސް ލިބޭ ކާނާ ބޭނުން ކުރުމުން ހަށިގަނޑުގެ އިމިއުނިޓީ ނުވަތަ ދުޅަހެއުކަން އިތުރުކޮށްދީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖައްސާ ސެލްތަކާއި ހަނގުރާމަ ކުރެއެވެ. ރޯދަމަހުގެ ކެއުމުގައި މިދެންނެވި ފަދަ ޕްރޯބަޔޮޓިކްސް ހިމެނޭ ބާވަތްތައް ހިމަނައިފި ނަމަ ހަށިގަނޑުގެ ދިފާޢީ ބާރު ގަދަކޮށްދީ ނުރައްކާތެރި ބަލިތަކަށް ތިމާގެ ހަށިގަނޑު ހުށަހެޅުމުން ދުރުކޮށްދޭނެ ކަމީ ސައިންސްގެ އަލީގައި ކަށަވަރުވެފައިވާ ކަމެކެވެ.

ކާނާގެ ބާވަތްތައް އުފައްދާ ފަރާތްތަކުން ޕްރޯބަޔޮޓިކްސް ތަޢާރަފުކޮށްދިނުމުގައި "ލައިވް ކަލްޗަރ" ނުވަތަ "އެކްޓިވް ކަލްޗަރ" ގެ ގޮތުގައިވެސް ބޭނުންކޮށް އުޅެއެވެ. މީގެ މާނައަކީ ކާނާ އުފައްދާފައި ހުންނަ އިރުވެސް މިދެންނެވި ފައިދާހުރި ބެކްޓީރިއާ، އެބާވަތެއްގައި ދިރިހުންނާނެ ވާހަކައެވެ. ގިނަ ފަހަރަށް ވާގޮތަކީ ކާނާގެ ބާވަތްތައް އުފައްދާއިރު މިފަދަ ބެކްޓީރިއާތައް މަރުވަނީއެވެ. ގިނަ ފަހަރަށް ހަރުގަނޑު މަތީގައި، އައިސްއަލަމާރިއަށް ނުލައި ބެހެއްޓުމުން މިފަދަ ބެކްޓީރިއާތައް ހުންނަނީ މަރުވެފައެވެ. އެފަދަ ބާވަތްތަކުގައި ގިނަ ފަހަރަށް ދިރޭ ބެކްޓީރިއާއެއް ނުހުރެއެވެ.

ކިރުން އުފައްދާ ބާވަތްތަކުގެ ތެރެއިން ޕްރޯބަޔޮޓިކްސް ހިމެނޭ ބައެއް ބާވަތްތައް

- ޗެޑަރ އަދި މޮޒެއްލާ ފަދަ ދުވަސްވީ ޗީޒްގެ ބާވަތްތައް

- ކެފިރް ފަދަ ޕްރޯބަޔޮޓީކް މިލްކް ޑްރިންކް

- ކުރީޒަމާނުގައި އުފައްދައި އުޅޭ ގޮތަށް އުފައްދާފައި ހުންނަ ބަޓަރ މިލްކް

- ޔޯގަޓް

ޕްރޯބަޔޮޓިކް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހަމައެކަނި ކިރުން އުފައްދާ ނުވަތަ ޑެއިރީ ފުޑްގެ ބާވަތްތަކެއް ނޫނެވެ.

ޕްރޯބަޔޮޓިކް ހިމެނޭ ނޮން ޑެއިރީ ބައެއް ބާވަތްތައް

- ނޮން ޑެއިރީ ޔޯގަޓް

- ފްރެޝް، ސަވަރ ޑިލް ޕިކްލްސް

- ކިމްޗި

- ކޮމްބުޗާ، (ފްރެމެންޓެޑް ޓީ)

- ނަޓޯ، ސޯޔާބީން ބޭނުންކޮށްގެން އުފައްދާ ބާވަތެއް

- މިސޯ

- ފެން ނުވަތަ ބްރައިންގައި ހުންނަ، އޮލިވްސް

ކޮންމެ ވަގުތެއްގެ ކެއުމުގައި ވެސް މިފަދަ ބާވަތްތައް ހިމެނުމަކީ ހަށިގަނޑުގެ ދިފާއީ ބާރު ގަދަކޮށްދީ ނުރައްކާތެރި ބަލި ތަކާ ހަނގުރާމަ ކުރާ ސެލްތައް ވަރުގަދަކޮށްދޭ ކަމެކެވެ. މި ދެންނެވި ބާވަތްތައް ނޫނަސް ކާބޯތަކެތި ބައްލަވައި ގަތުމުގައާއި ތައްޔާރު ކުރެއްވުމުގައި ޕްރޯބަޔޮޓިކްސް ގެ ބާވަތްތައް ހިމެނޭ ކާނާގެ ބާވަތްތަކަށް އިސްކަން ދިނުން ވަރަށް މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން