މިހާރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްތިއުފާދިން ކޯޗުގެ އުނދަގޫ ބޮޑުވެ ޓީމަށް އެކަށީގެންވާ ޕާފޯމަންސެއް މިހާރުގެ ކޯޗަށް ނުގެނެވިގެން އުޅޭ އުނދަގުލެވެ. ކުރުކޮށް ދަންނަވާނަމަ ދެންނެވެން އޮތީ "އިސްތިއުފާދިން ކޯޗުގެ އުނދަގޫ ހާދަ ބޮޑު ވެއްޖެއޭ" އެވެ.

މިސްރުން ތަމްރީނު ލިބިގެން ޓީމާއި ހަވާލުވި ކޯޗަކީ ފުރަތަމަ ކޮޅު ސަޕޯޓަރުން ވަރަށް ގަޔާވި ކޯޗެކެވެ. ކޯޗަށް ސަޕޯޓަރުން އިތުބާރު ކުރީ ލޯމަރާލައިގެން ތިބެގެންނެވެ. އެހެންކަމުން ކޯޗް އައީ ޓީމުގެ ހުރިހާ ކަމެއް އަތްމައްޗަށް ނަގާ ވަރުގަދަކޮށް ބާރުގަދަ ކުރަމުންނެވެ. ޓީމުން ގިނައިން ފުރުސަތު ލިބިގެން ދިޔައީ އާއިލީ ކުޅުން ތެރިންނަށެވެ. ދިގުމުއްދަތަކަށް ކޯޗުކަމުގައި ހުރެވުމުގެ ސަބަބުން ސަޕޯޓަރުންނަށް ބިރުދެއްކުން އިންތިހާޔަށް ބޮޑުވެ، ސަޕޯޓަރުން ބޭނުންވާ ޕާފޯމެންސެއް ނުފެނުމުގެ ސަބަބުން ސަޕޯޓަރުން މާޔޫސްވިއެވެ. ބައިކޮޅަށް ގޯލުވަނީ އިންތިހާޔަށެވެ. މިކަމާއި ކެރިގެން ނުކުތް ސަޕޯޓަރުންނަށް އަނިޔާތަކާއިވެސް ކުރިމަތިލާން ޖެހުނެވެ. ކުޅިބަލާން ވަދެ ދަނޑަށް ވަދެ ތިއްބާ ނެރެންވެސް ނެރެނީއެވެ. ކުޅުންތެރިންނަށް ރަތްކާޑުވެސް ދައްކަނީއެވެ. ފަހުންފަހުން އައިސް ސަޕޯޓަރުން ދަނޑަށް ނުވެސް ވައްދަނީއެވެ. ކޯޗާ ދެކޮޅަށް ބަހެއް ބުނާ މީހަކު ވިއްޔާ ނިމެނީ ހުރަގޭގެ ތޭރިތަކުގެ ތެރެއަށެވެ. މިހެން އުޅެނިކޮށް ކެރިގެން ކޯޗާ ދެކޮޅަށް ނުކުމެ ކޯޗު ބަދަލުކޮށް ގައުމީ ޓީމު އަލުން އަތުރާލުމުގެ ނިޔަތުގައި ނުކުތް މަދު ސަޕޯޓަރުން ތަކެއްގެ ހިތްވަރުން ކޯޗް ބަދަލުވެގެން ދިޔައީ 30 އަހަރު ފަހުންނެވެ. ކޯޗު ބަލިކުރެވުނީ އޭރު ކޯޗާ ދެކޮޅަށް ނުކުތް ގިނަ މެނޭޖަރުންގެ އެހީތެރިކަމާއެކު އެވެ.


މުސްކުޅި ކޯޗު ބޭރުކޮށް ޓީމާއި އަލަށް ހަވާލުވި ކޯޗުގެ ފަރާތުން ސަޕޯޓަރުން ވަރަށް އުއްމީދީ ބަދަލު ތަކެއްގެ އިންތިޒާރު ކުރިއެވެ. ޓީމު އަތުރާލުމާއި އެކު ސަޕޯޓަރުންނަށް ލިބިގެން ދިޔަ އުއްމީދަކީ މޮޅުކުޅުމެއް ފެނިގެން ދާނެ ކަމުގެ ހިތްހަމަ ޖެހުމެވެ. ކުރީ ކޮޅުގައި ކޯޗުގެ އިރުޝާދާއެކު ފޯވާޑު ކުޅުންތެރިންގެ ކުޅުން ވަރަށް ފާހަގަ ވިއެވެ. ކޮއްޓަމުން މޮޅަށް ގޯލުޖަހަމުން ގެންދިޔައެވެ. ދުވަސް ކޮޅަކުން ފެނިގެން ދިޔައީ ޓީމުގެ ހުރިހާ މޮޅު ކުޅުން ތެރިން އަމިއްލަޔައަށް އިސްތިއުފާ ދިން މަންޒަރެވެ. ސަޕޯޓަރުންނަށްވެސް މިކަމުން ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމަކެވެ. ޓީމުގެ ހެދިފައި އޮތް އުސޫލު ތަކުގެ ބޭރުން ނުވަތަ ޗާޓުން ބޭރުން މޮޅެތި ކަންތައްތައް ކުރުމަށް ޗޯކު އަތުކުރި އޮޅާލިއެވެ. އަދި ގިނަ ސަޕޯޓަރުން ގަބޫލު ނުކުރާ އޯލްޓަނޭޓިވް އުސޫލުތަކެއް ބޭނުންކަމަށް ކޯޗުބުނެ، ގިނަ ސަޕޯޓަރުން ބޭނުންވާ ކުޅުމެއް ޓީމަކަށް ނުދެއްކުނެވެ. މުޅި ޓީމުގެ ޑިފެންސް ފެއިލްވެ ބައިކޮޅަށް ގޯލު ވަންނަން ފެށީ ސުމާރެއް ނެތިއެވެ. ނަމަވެސް ކޯޗުގެ އަރިސް ސަޕޯޓަރުން ދިޔައީ ބާރަށް އަތްޖަހަމުންނެވެ. ކުރިއަށް ބާރަށް ކުރިއަށް ދިއުމަށް ގޮވަމުންނެވެ.

ނަމަވެސް އެހެނިހެން ގިނަ ސަޕޯޓަރުންގެ ނުރުހުން އިންތިހާއަށް އިތުރުވެ، ކޯޗުގެ ޓާމު ފުރިހަމަ ނުވަނީސް މަޖުބޫރީ ހާލަތުގައި ކޯޗަށް ޖެހުނީ އިސްތިއުފާ ދޭށެވެ. ނަމަވެސް އިސްތިއުފާ ދިނުމަށް ފަހު ކޯޗު މިބުނީ އިސްތިއުފާ ނުދޭކަމަށެވެ. ބަޔަކު ބަޣާވާތް ކޮށްގެން ކޯޗު މަގާމުން ދުރުކުރީ ކަމަށެވެ. މީގެ ސަބަބުން ކޯޗްކަމާއި ޙަވާލުވި އެސިސްޓެންޓް ކޯޗަށް ކުރިއަށް ދިއުމަށް ގިނަ ހުރަސްތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޓާމު ފުރިހަމަ ކުރުމަށްފަހު ޓީމުގެ ކޯޗު ބަދަލުވެގެން ދިޔައީ އެހާ އެކަށޭނެ ކުޅުމެއް ނުދެއްކިއެވެ.

ސަޕޯޓަރުން އެހާ ގަޔާ ނުވިއެއްކަމަކު ޓީމާއި ދެން ހަވާލުވި ކޯޗްގެ ތަފާތުކަން ފެނިގެން ދިޔައެވެ. ވަރުގަދަ ވިޝަނެއް އޮތްކަން ގިނަ ބަޔަކަށް ފާހަގަ ވިއެވެ. ޓީމު އަތުރާލީ ހަމަ ގާބިލު މޮޅު ކުޅުންތެރިންނާއި އެކުއެވެ. ގާތް މީހަކަށް މޫނަކަށް ކަނދުރާއަކަށް ނުބަލައެވެ. ރަނގަޅަށް ކުޅޭ ކޮންމެ ކުޅުން ތެރިޔަކީ ހަމަ ކޯޗަށް އެންމެ ގަޔާވާ ކުޅުން ތެރިޔާއެވެ. ނަމަވެސް ކުޅުން ތެރިން ކިތައްމެ މޮޅަސް، އެކުޅުންތެރިންގެ އިޚްލާސްތެރިކަން ނެތްކަމަށް ފާހަގަ ވެގެން ދިޔައީ ޓީމުގެ މާލިއްޔާއަށް އެކުޅުންތެރިން ނަހަމަ ގޮތުގައި އަރައި ގަތުމަށް މަސައްކަތްކުރި ހިސާބުންނެވެ. ޓީމާ ހަވާލުވެ ތިބި މީހުން ކޯޗަށް އެނގިގެންނާ ނޭނގިވެސް ތިޖޫރި ފަޅައިގެން ވެސް ވައްކަން ކުރަނީއެވެ. ރިޝްވަތު ނަގައިގެން މެޗު ވިއްކަނީއެވެ. ކޯޗަށް ވާނުވާ އެނގިގެންނާ ނޭނގިވެސް ވައްކަން ކުރާކަމަށް ވެއެވެ.

އެކަން ހާމަވެގެން ދިޔައީ ކުޅުން ތެރިއެއްގެ އޯޑިއޯއެއް ލީކުވުމުންނެވެ. ކޯޗުގެ ފަރާތުން ހައްގުވާ މުސާރާއިގެ އިތުރަށް ކުޅުންތެރިންނަށް ފައިސާ ފޮއްޗެއްވެސް ނުލިބޭ ކަމެވެ. އަދި ބޭނުން އެހެން އެއްވެސް ކަމެއް ގަވާއިދާއި އުސޫލުން ބޭރުން ނުލިބޭ ކަމެވެ. ނަމަވެސް ކޯޗަށް ނޭގި ޓީމުގެ ރައުސުލްމާލުން ކުޅުން ތެރިން އައީ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެކަން ފަޅާ އެރި ހިސާބުން ވަގުތުން ފިޔަވަޅުވެސް އެޅިއެވެ.

ކަންމިހެން އޮތް ނަމަވެސް އާ ކޯޗަކީ މޮޅު ކޯޗެއްކަން އެނގެނީ ޓީމަށް ލިބިގެން ދިޔަ ކުރިއެރުމުންނެވެ. ސަޕޯޓަރުންގެ ބަޔަކު ވައްކަން ކުރައޭ ބުންޏަސް ޓީމަށްޓަކައި އަދި ސަޕޯޓަރުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށްފަހުވެސް ޓީމުގެ ރައުސުލްމާލު މަތިވަމުން ދިޔަތަން ފެނުނެވެ. ސަޕޯޓަރުންގެ ޙައްގުގައި ބޮޑެތި ޕްރޮޖެކްތައް ހިންގާ އޭގެ ފަސޭހަކަން ސަޕޯޓަރުންނަށް ލިބިގެން ދިޔައީ އިންތިހާއަށެވެ.

ނަމަވެސް ޓީމުގެ އިސް އޮފިޝަލުންގެ ޚިޔާނާތްތެރިކަން ބޮޑުވެ ކޯޗުގެ ބޮލުގައި ދިޔައީ ވަގު ބަދުނާމުތައް އެޅެމުންނެވެ. ސަޕޯޓަރުންގެ ބަޔަކު ތެދުވެ ވަގު ޓެގް ހިފައިގެން ނިކުމެ ސަޕޯޓަރުންގެ ނުރުހުން ކޯޗަށް އިންތިހާޔަށް ކުރިމަތި ކުރުވިއެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ކޯޗު ދެވަނަ ދައުރަކަށް އިންތިޚާބު ނުވުމެވެ. ނަމަވެސް ކޯޗުގެ އިރުޝާދާއެކު ޓީމަށް ލިބިގެން ދިޔަ ކުރިއެރުމަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ތަފާތު ކޯޗަކަށް ނޫނީ ހާސިލު ނުކުރެވޭނެ ކުރިއެރުން ތަކެކެވެ. އެއީ ތަފާތު ދެއްކި މޮޅު ކޯޗެއްކަން މިހާރު ގިނަ ސަޕޯޓަކުން ގަބޫލުކުރެއެވެ.

ނަމަވެސް ވަގު ބަދުނާމާއެކު ގިނަ ތުހުމަތުތަކެއް ވެސް ކުރެވިގެން ސަޕޯޓަރުން ނުކުމެ ކޯޗު ބަދަލު ކޮށްލިއެވެ. މިފަހަރު ކޯޗުކަން ލިބުނީ އިސްތިއުފާ ދިން ކޯޗުގެ އެންމެ ގާތް އެކުވެރިޔާ އަށެވެ. މިފަހަރުގެ ކޯޗަށް ކޯޗުކަން ލިބުނީ ކޮންމެހެން ގާބިލު ވެގެނެއް ނޫނެވެ. އިސްތިއުފާ ދިން ކޯޗާއެކު ރިޓަޔާ ކޮށްފައި ތިބި އަދި ކޯޗް ކަމަށް އަންނަން ބޭނުންވާ ގިނަ ކޯޗުންގެ ސަޕޯޓާއި އެކުގައެވެ. ސަޕޯޓަރުންނަށް އުއްމީދީ ހުވަފެން ތަކެއް ދައްކައުގެންނެވެ.

ކޯޗުގެ ޓީމު އަތުރާލީ އިސްތިއުފާދިން ކޯޗާއި ބައިއަތު ހިފި ކޯޗުންގެ އިރުޝާދާއެކު މަގުމަތީގައި ބޯޅަ ތަޅަން އުޅުނު ކުދިން ކޮޅަކާއެކުއެވެ. އެއްވެސް ގާބިލުކަމެއް ފުރަތަމަ އަހަރުވެސް ފެނިގެން ނުދިޔައީ މިސަބަބާއި ހުރެ ކަމަށް ސަޕޯޓަރުން އައީ ބުނަމުންނެވެ. ކޯޗުގެ މުހިއްމު ކަމަކަށް ވެފައި އޮތީ އިސްތިއުފާ ދިން ކޯޗާއި އެހެން ކޯޗުން ރުއްސައިގެން ޓީމުގެ ކުޅުން ރަނގަޅު ކުރުމަށެވެ. ޚަރަދު ބޮޑުވުމުގެ ސަބަބުން ބޭރު ޓީމެއްގެ ކޯޗެއްގެ އެހީގައި އެޓީމުގެ އެހީގައި ޓީމަށް ލޯނުތައް ނަގަމުން ގޮސް މިހާރު އެއްކަލަ ބޭރު ކޯޗުގެ އަޑާއި ބާރުވެސް ރަށު ޓީމުގެ މައްޗަށް މާ ގަދަ ކަމަށް ގަބޫލު ކުރެވެއެވެ. މިއީ އިސްތިއުފާދިން ކޯޗުވެސް ގަބޫލު ގޮތެވެ. ސަޕޯޓަރުންނަށް އެނޫން ގޮތެއް ނެތްކަމަށް ދެއްކީއެވެ. ޓީމު މިހާރު މިއޮތީ ބޭރު ކޯޗު ބޭނުން ގޮތަކަށް މެޗު ކުޅޭ ގޮތަށެވެ. ރަށު ޓީމުގެ ކޯޗިގެ އެއްވެސް ބާރެއް މިހާރު ޓީމަކަށް ނެތެވެ. ބޮޑެތި މެޗުތައް ނުކުޅެ ދޫކޮށްލާން ބުންޏަސް އެއްކަލަ ބޭރު ކޯޗު ބުނީމާ ޖެހެނީ މެޗު ނުކުޅެ ދޫކޮށްލާށެވެ. ގައުމީ ކޯޗާއި ކޯޗުގެ ޓީމު ގަބޫލުކުރާ ގޮތުގައި މިހާރު އެއީ ޓީމާއި ސަޕޯޓަރުންގެ ބޮޑު ބޭބެއެވެ.

މިއީ ހަގީގަތުގައި އިސްތިއުފާ ދިން ކޯޗަށް ލިބުނު ރަނުގެ ފުރުސަތަކެވެ. ރުޅިއަންނަ ސަޕޯޓަރުން އަންނަނީ ބާކީ ކުރަމުންނެވެ. މިހަރު ފެންނަނީ ޓީމާއި ހަވާލުކުރި ކޯޗަށް އެއްކަމެއްވެސް ނުކުރެވިގެން އުޅޭތަނެވެ. އިސްތިއުފާ ދިން ކޯޗުގެ މަގުސަދަކީ މިހާރުގެ ކޯޗަކީ ނާގާބިލު ކޯޗެއްކަން ދައްކާ، ކުރެވެން އޮތް ކޮންމެ މަސައްކަތެއްކޮށް އަލުން ޓީމުގެ ކޯޗުކަމަށް އައުމެވެ. އެއީ މިހާރު ޓީމުގައި ހެދިފައި އޮތް އުސޫލު ބަދަލު ކޮށްގެން ނަމަވެސް މެއެވެ. ފެންނަ މަންޒަރަކީ އެކުވެރި ކޯޗު ވައްޓާލަން އަމިއްލަ ޓީމު ތެރެވެސް ފިތުނަވެރި ކޮށްލާތަނެވެ. މިހިސާބުން އަސްލު މޮޅު ކޯޗަކީ މިހާރުގެ ކޯޗުގެ ކުރީގައި ޓީމާ ހަވާލުވެ ހުރި ކޯޗުކަން ގިނަ ބަޔަކަށް ގަބޫލުކުރެވެން ފަށައިފިއެވެ.

އޭރު ޓީމުގެ ހުރިހާ މަގާމެއްވެސް ވަރަށް ހަރަކާތްތެރިކަން މިހާރު ވަރަށް ބޮޑަށް އެބަފާހަގަ ކުރެވެއެވެ. ފޯވާޑް، މިޑްފީލްޑް، ވިންގް އަދި ޑިފެންސްވެސް ހަމަ އޭރު ވަރަށް ގާބިލުކަން މިހާރު އެބަ އެނގެއެވެ. އޭރު ދެއްކީ މާބޮޑު ހަގީގަތެއް ނެތް ވާހަކަ ތަކެއްކަން މިހާރު ގަބޫލު ކުރާ ސަޕޯޓަރުން ނިސްބަތުން އެބަ ގިނަވެއެވެ.

އޭރު ޖެހި ގޯލުވެސް ގިނައެވެ. ބައިކޮޅަށް އަމުދުން ގޯލެއް ނުވަދެއެވެ. އޭގެ ސިއްރަކީ ކޯޗުގެ އިރުޝާދުގެ ހަރުދަނާ ކަމެވެ. ކޯޗުހަމަ މޮޅީއެވެ. އެކަން މިއެނގުނީ ވަގުތު ފާއިތު ވުމުންނެވެ. އިސްތިއުފާ ދިން ކޯޗުގެ ސަބަބުން ޓީމު މިދަނީ ބިރުވެރި އަދި އަނދިރި ވިލާގަނޑެއްގެ ދަށުވެ އެއިން ވެހިގަންނާނެ ކަޅު ބޯ ވާރޭގެ ތެރެއަށް ޣަރަގު ވަމުންނެވެ. ކަޅު ވާރޭފެނުގެ ފިނި ކަމެއް ނެތެވެ. ނަގަނީ ދިލައެވެ. ހަންގަނޑު މިދަނީ ނޮޅެމުންނެވެ. މިހާރު މިއޮތީ އަތްގަދަ ކުރި ބޭރު ކޯޗުގެ އަތްދަށުން ސަލާމަތް ނުވެވޭ ވަރަށް ބަނދެވި ނިމިފައެޗެ.

ޓީމުގެ އެކި މަގާމު ތަކުގެ ކުޅުންތެރިންނަށް މިހާރު ބޭރުކޯޗުގެ ރަށުމީހުން ފާރަވެރި ވުމަށް އެކޯޗުގެ މިލިޓަރީ ޓްރެއިނިން ހަދާފަ ތިބި ކުޅުންތެރިން މިއަންނަނީ ހަމަޖައްސަމުންނެވެ. އިސާހިތަކު އަސްލު ޓީމުގެ ކުޅުންތެރިންގެ ބޭނުން ކެނޑި މުޅި ޓީމު ބޭރު ކޯޗުގެ އަތްމައްޗަށް އަރާފާނެއެވެ. އޭރަށް އެއްކަލަ އިސްތިއުފާ ދިން ކޯޗުބުނާފަދަ އޯލްޓަނޭޓިވް ސިސްޓަމެއް ގާއިމު ކުރެވުނީއެވެ. ހުރިހާ ސަޕޯޓަރުންގެ މިނިވަންކަން ގެއްލި، މުދަލާއި ގެދޮރު ގެއްލި މަގުމަތި ވީއެވެ.

ކޯޗުގެ ޓީމާ ދެކޮޅު ސަޕޯޓަރުން ބުނާ ގޮތުންނަމަ މިކަމަށް އޮތް ހަމަ އެކަނި ހައްލަކީ ކުރީގެ ގަޓް ކޯޗާ އަނެއްކާވެސް ޓީމު ހަވާލުކުރުމެވެ. ނަމަވެސް އެކަން ކުރެވޭނެ މަގު އޮތީ ހަމަ މުޅިންހެން ބަންދު ވެފައެވެ. ދެންއޮތީ އެކަމަށް އެދި ހެޔޮދުއާ ކުރުމެވެ. އިސްތިއުފާ ދިން ކޯޗާހެދި ސަޕޯޓަރުންގެ ޒިންދަގީ މިއޮށްދަނީއެވެ. އެކަމަކު އަދިވެސް ކުރިއަށް ބާރަށް ކުރިއަށް ކިޔާ ސަޕޯޓަރުންވެސް މަދެއް ނޫނެވެ. ތަންދޮރު ނޭނގެނީކީ ނޫނެވެ. ހަމަ ޖާހިލުކަން ބޮޑީއެވެ.

ކިޔުންތެރިންގެ ހިޔާލު