އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތައްދީ އެތައްބައެއްގެ ގެދޮރު ސުންނާފަތިކޮށް އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މިވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ފަލަސްތީނުގެ ކުށެެއްނެތް އާންމު ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ސިފައިން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ގަތުލްއާންމަށެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ޚަބަރުތަކާއި މަންޒަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް މުޅި ދުނިޔެއަށް ހާމަކޮށްދިނުމަށް ހަނގުރާމައިގެ މައިދާނުގައި ބައިނަލްއަގުއާމީ ބޮޑެތި މީޑިޔާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.


އިޒްރޭލްގެ ސިފައިން ނޫސްވެރިންނަށް ވެސް ބެލުމެއް ނެތި ހަމަލާތައް ދެމުންދާއިރު ދާދިފަހުން އަލްޖަޒީރާއާއި އޭޕީފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތައް ހިންގާ ބޮޑު އިމާރާތަކަށް ބޮން އަޅައި އެތަން ވަނީ ބިމާ ހަމަކޮށްލާފައެވެ. އެމީހުން ގެންދަނީ އެމީހުންގެ އަނިޔާވެރި މަންޒަރުތަކާއި އަޑުތައް ދުނިޔެއަށް އިވުނަ ނުދޭށެވެ. ފެނުނަ ނުދޭށެވެ.

ސްވީޑުންގެ ''ގޮތަންބާރގް'' އަށް ނިސްބަތްވާ އެލަން ހެންސަން އަކީ އިންސާނީ ޙައްޤުތަކަށާއި ޞުލްޙައަށް މަސައްކަތްކުރާ ހިތްވަރުގަދަ އަންހެނެކެވެ. ސްވީޑުންގެ ''ގޮތަންބާރގް'' އަށް ނިސްބަތްވާ އެލަން ހެންސަން އަކީ އިޒްރޭލްގެ އަނިޔާ ތަހަމައްލު ކޮށްފައިވާ އަންހެނެކެވެ. އެ އަނިޔާ އޭނާ ތަހަމައްލު ކުރަންޖެހުނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހާލަތު ދުނިޔެއަށް އަންގައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިންނެވެ.

އިތުރު 12 މީހުންނާއެކު އެލަން ހެންސަން ސްވީޑުންއިން ފުރައިގެން ކަނޑުމަގުން ޣައްޒާއަށް ކުރި ދަތުރުގައި، ތަހައްމަދު ކުރަން ޖެހުނު އަނިޔާވެރި ހިތްދަތި ތަޖުރިބާ އޭނާ ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ. އިޒްރޭލްގެ އަނިޔާވެރި ސިފައިންގެ ލާއިންސާނީ އަމަލުތައް އެލަން ހެންސަން އާއި އޭނާގެ އެދަތުރުގެ ބައިވެރިން ތަހައްމަލު ކުރަން ޖެހުނު ކަންކަން އޭނާ ހިއްސާ ކުރީ ވަރަށް ވެސް އަސަރާއެކުގައެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން، ޔަހޫދީންގެ ކަނޑުގެ އުޅަނދުފަހަރުތައް އައިސް ހެންސަންމެން ދަތުރުކުރި އުޅަނދު ވަށާލުމަށްފަހު، ވަރަށް އަނިޔާވެރިކަމާއެކު އެމީހުން ހައްޔަރު ކޮށްގެން، އިޒްރޭލަށް ގެންގޮސް، އޭނާއާއެކު ދަތުރުކުރި ބައިވެރިންނަށް ލާ އިންސާނީ އަނިޔާތައްދިން ނަމަވެސް އޭނާގެ ހިތްވަރަކަށްވެސް އަޒުމަކަށްވެސް ކުޑަވެސް ބަދަލެއް ނައެވެ. އޭގެ ބަދަލުގައި އެ ލާއިންސާނީ އަނިޔާތަކުން ލިބުނީ އިތުރު ހިތްވަރެކެވެ. އެލަން ހެންސަންއާއި އޭނާގެ ޓީމު ކަނޑުމަތިން ހައްޔަރުކޮށްގެން އިޒްރޭލުގެ އިމިގްރޭޝަނަށް ގެންގޮސް ބަލާ ފާސްކޮށް އޭނާގެ ލަގެޖާ އެހެނިހެން ސާމާނު އަތުލައި ޕާސްޕޯޓުވެސް ހިފެހެއްޓިއެވެ. އެގޮތަށް ތަކުރާރުކޮށް ބަލާފާސްކޮށް މުޅި ހަށިގަނޑުވެސް އެތައް ފަހަރަކު ބަލާ ފާސް ކުރިއެވެ. އަދި އެމީހުންނަކީ ގަވާއިދާއި ޚިލާފަށް އިޒްރޭލަށް އެތެރެވާން އުޅުނު ބައެއްކަމަށް ބުނެ ޖަލުގައި ހަތަރު ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅުނެވެ. އިޒްރޭލު ސިފައިން އުޅުނީ އެމީހުންނަކީ އިޒްރޭލަށް ގަވާޢިދާ ޚިލާފަށް އެތެރެވާން އުޅުނު ބައެއް ކަމަށް ލިއުމެއްގައި ސޮއިކުރުވާށެވެ. ޖަލުގައި ހައްޔަރުކޮށްގެން ވަރަށް އަނިޔާކޮށްވެސް ހެދި ކަމަށް ހެންސަން ކިޔައިދީފައިވެއެވެ.އިޒްރޭލުގެ އަނިޔާވެރި ސިފައިންގެ އަނިޔާގެ ހިތި ރަހަ އަމިއްލައަށް އިހުސާސް ކުރަންޖެހުމުން ފަލަސްތީނު ރައްޔިތުން އެމީހުންގެ އަނިޔާތައް ތަހައްމަލު ކުރާނެ މިންވަރާއި އެމީހުން އުޅެމުންދާ ނިކަމެތި ހާލާއި ކޮންމެ ދުވަހަކު އެމީހުން ތަހައްމަލު ކުރަމުން އެދާ ވޭނާ ކެކުޅުން ދުނިޔެއަށް ބަޔާންކޮށްދިނުމުގައި އޭނާ ހިތުގައި އޮތް ޝައުގުވެރިކަން އިތުރަށް ބޮޑުވިއެވެ. އެލަން ހެންސަން ވަނީ އިޒްރޭލުގެ ސިފައިން އޭނާއަށް ކުރި އަނިޔާގެ ތަޖުރިބާ މީޑީޔާއާ ހިއްސާކޮށްފައެވެ. ސްވީޑުންގެ ''ގޮތަންބާރގް'' އަށް ނިސްބަތްވާ އެލަން ހެންސަން ބުނެފައިވަނީ އިޒްރޭލުގެ އަތްދަށުގައި ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރަމުން އެދާ އަނިޔާތަކާ، ވޭނާ، ކެކުޅުންތަކަކީ، (އެކަންކަން ނުފެންނަ ބަޔަކަށް) ޚިޔާލަށްވެސް ގެނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

"މިއީ އަހަރެންގެ ލޮލަށް ފެނި އަތުން ހިފާފައިވާ ކަންކަން. އަހަރެމެންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެންވެސް ދުނިޔެއަށް މިވާހަކަތައް ކިޔައިދީ، ދުނިޔޭގެ ރައްޔިތުން ހޭލައްވަންޖެހޭ." އެލަން ހެންސަން ބުނެފައިވެއެެވެ.

އެލަން ހެންސަން ބުނިގޮތުގައި އިޒްރޭލުގެ އެއަނިޔާއަށް ބިރުން އެމީހުން (ޣައްޒާއަށް) ދިއުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އެކަން ހުއްޓުވުމަށް އިޒްރޭލަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ބުނެ އޭނާ ވަނީ އިޒްރޭލަށް ވަރުގަަދަ މެސެޖެއް ދީފައެވެ.

"ފަލަސްތީނު ޙިޞާރުކޮށްގެން އުޅޭ އިޒްރޭލުގެ ބާރުތަކަށް ބުނެލަން އޮތީ ތައްޔާރުވެގެން ތިބޭށޭ. އަހަރެމެން އަދިވެސް އަންނާނަމޭ. ދެންވެސް އަންނާނަމޭ. ދެންވެސް އަންނާނަމޭ. ފަލަސްޠީނަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް، އެއްވެސް ޝަރުތެއްނެތި އުވާލަންދެން، އަހަރެމެންގެ ދަތުރުތައްް ހުއްޓައެއް ނުލާނަން." މީޑިޔާއާއި ހިއްސާކުރި އަސަރުގަދަ މެސެޖުގައި އެލަން ހެންސަން ބުނެފައިވެއެވެ.

އޭނާ ބުނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުން އެދާ ލާއިންސާނީ އަނިޔާ ދުނިޔެއަށް ހާމަކޮށްދިނުމަށް އޮތް އޭނާގެ ޢަޒުމު އިހުނަށް ވުރެވެސް މިހާރު ވަރުގަދަވެއްޖެ ކަމަށެވެ.

ސުވާލަކީ، މުސްލިމު އަޚުންނާއި އުޚުތުންތަކެއް މިފަދަ ލާއިންސާނީ އަނިޔާތަކެއް ތަޙައްމަލުކުރަމުން ދާއިރު، އެކަމާ ދެކޮޅަށް ޣައިރު މުސްލިމުން މިކުރާ ހިތްވަރުގެ ކުރިމަތީގައި، މުސްލިމް އުއްމަތުގެ ވެރިން ބިމަށް ބޯހަރާލައިގެން ޔަހޫދީންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ތިބެން ލަދު ނުގަންނަ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު


1

އިސްމައިލް

20-May-2021

ވަރަށް ރަގަޅުވާހަކައެއް.