ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާ
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާ
ޓެރަރިސްޓުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހޭ ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާގެ ވީޑިއޯ ޢާއްމުކޮށްފައެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި ތުހުމަތުކުރެވޭ ހަތަރުމީހުން ތިބިކަމަށް ފުލުހުން ބުނެފައިވާއިރު އޭގެ ތެރެއިން ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން މިރޭ ވަނީ ފުލުހުންގެ މަސައްކަތަށް ތަޢުރީފު ކުރަށްވާފައެވެ. އަދި ދިވެހިރާއްޖެ ޓެރަރިސްޓުންގެ ކިބައިން ސަލާމަތްކުރަންޖެހޭ ކަމަށް ރައީސް މައުމޫން މިއަދު ވިދާޅުވިއެވެ.



ފުލުހުންގެ މަސައްކަތަށް ތަޢުރީފް ކުރަށްވަމުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިޙްސާން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް 24 ގަޑިރު ވީއިރު މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ހޯދާފައިވާ ކުރިއެރުމަކީ ފަޚުރުވެރިވާ މަސައްކަތެއް ކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް ފުލުހުންގެ ތަޙުޤީޤަށް އެއްބާލުން ދެވޭނެ ފަދަ މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނަށް ޙިއްސާ ކުރުމަށް އިޙްސާން ވަނީ އެދިވަޑައިގެންފައެވެ. އެންމެން ގުޅިގެން ޓެރަރިސްޓުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ކެޕްޓަން އިޙުސާން މިއަދު ވިދާޅުވިއެވެ.



ފުލުހުން މިއަދު ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ ދެމީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. އަދި ރޭ ބޭއްވި ޤައުމީ ދިފާޢީބާރުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި މިނިސްޓަރ މާރިޔާ ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންނަށް ބިރު ދެއްކުމަށްފަހު ޓެރަރިސްޓުންނަށް ފިލާ ނުތިބެވޭނެ ކަމަށާއި، އެމީހުން ހިފައި ހައްޔަރު ކުރުމަށް ދިވެހި ސިފައިން އެމީހުންގެ ފަހަތުން ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން