ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ޢާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

މިއަދު ހަވީރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯގައިވާ މީހާ އަކީ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ އެންމެ މުހިއްމު މީހާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ވަނީ ޢާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން ދެމީހުން ހައްޔަރުކޮށް، ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ. ފުލުހުން ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ ދެމީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، މުޖާޒް އަޙްމަދު މއ. ފޭރުގެ ކ. މާލެ އާއި، ތަހުމީން އަޙްމަދު ގއ. ކޮނޑޭ ފޮޅޭމާގެ އެވެ. ނަމަވެސް އެ މީހުންނަކީ ދީނީގޮތުން ހަރުކަށި މީހުންތޯ ނުވަތަ އެހެން ގޮތަކުން ހަރުކަށި މީހުންކަން ނޭނގޭ ކަމަށް ކޮމިޝަނަރ ޙަމީދު ވިދާޅުވިއެވެ.

މާލޭގެ ނީލޯފަރުހިނގުމުގައި ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭޑީކޭގައި ކުރި އޮޕަރޭޝަން ތަކަށް 16 ގަޑިއިރު ވަނީ ހޭދަވެފައެވެ. އެހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ނުރައްކާތެރި ސާޖަރީތަކެއް ހަދަން ޖެހުނު ކަމަށެވެ.

ރައީސް ނަޝީދުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން އޭޑީކޭ އިން މިއަދު ބުނީ ރައީސް ނަޝީދަށް މިހާރު އަމިއްލަފުޅަށް ނޭވާލެވޭތީ ވެންޓިިލޭޓަރު މިހާރު ނައްޓާލެވިފައިވާ ކަމަށާއި އަދި ބްލަޑް ޕްރެޝަރު ބޭސް ވެސް މިހާރު ހުއްޓާލެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ޑޮކްޓަރުން މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން