ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން
ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން
ރައީސް ނަޝީދަށް ޙަމަލާދިން މަންޒަރުގެ ވީޑިއޯ ފުލުހުން ޢާއްމުކޮށްފިއެވެ.

ފުލުހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާގެ ވީޑިއޯ ޢާއްމުކޮށްފައެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި ތުހުމަތުކުރެވޭ ހަތަރުމީހުން ތިބިކަމަށް ފުލުހުން ބުނެފައިވާއިރު އޭގެ ތެރެއިން ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު އާންމު ކުރި ވީޑީއޯ ފުޓޭޖުން ފެނިގެން ދަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާ ވަޑައިގަތުމަށް ހިންގަވާފައި ގޮސް މަޖީދީ މަގާއި ނީލޯފަރުހިނގުން ގުޅޭ ކަންމައްޗާ ހިސާބުން އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި އަރާ ހަމަވި ވަގުތު ގޮއްވާލާ މަންޒަރެވެ.



މި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯގައިވާ މީހާ އަކީ އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ އެންމެ މުހިއްމު މީހާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުން ވަނީ ޢާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.



މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ، އައިއީޑީ ހަރުކޮށްފައިވާ ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަކު ފޮރެންސިކުން މިހާރު ވަނީ އެ ނަންބަރު ދެނެގަނެފައި ކަމަށް ބުނެފައެވެ. ފުލުހުން ބުނީ މި ޙަމަލާ ދިނުމަށް ގޮއްވާލާފައިވާ ސައިކަލުގެ ރަޖިސްޓަރީ ނަންބަރަކީވެސް ސައްޙަ ނަންބަރެއް ނޫން ކަމަށެވެ.



ހަމަ އެއާއެކު ފުލުހުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. ފުލުހުން ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރެވުނު ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ ދެމީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، މުޖާޒް އަޙްމަދު މއ. ފޭރުގެ ކ. މާލެ އާއި، ތަހުމީން އަޙްމަދު ގއ. ކޮނޑޭ ފޮޅޭމާގެ އެވެ. ނަމަވެސް އެ މީހުންނަކީ ދީނީގޮތުން ހަރުކަށި މީހުންތޯ ނުވަތަ އެހެން ގޮތަކުން ހަރުކަށި މީހުންކަން ނޭންގޭ ކަމަށް ކޮމިޝަނަރ ޙަމީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރެވިފައވާ ދެމީހުންގެ މައްޗަށް ދަޢުވާ ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި މި ޙަމަލާގެ ތަޙުޤީޤު ކުރިއަށް ގެންދިއުމުގައި ކުރިއަށް ދާންވީ މަގު ސާފުވެފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން އޭޑީކޭ އިން މިއަދު ބުނީ ރައީސް ނަޝީދަށް މިހާރު އަމިއްލަފުޅަށް ނޭވާލެވޭތީ ވެންޓިިލޭޓަރު މިހާރު ނައްޓާލެވިފައިވާ ކަމަށާއި އަދި ބްލަޑް ޕްރެޝަރު ބޭސް ވެސް މިހާރު ހުއްޓާލެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ޑޮކްޓަރުން މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން