ރެމްޑެސިވިރް
ރެމްޑެސިވިރް
ކުއްލި ހާލަތުގައި ކޯވިޑް-19 އަށް ފަރުވާކުރުމަށް އެންޓި-ވައިރަލް ބޭހެއްކަމަށްވާ ރެމްޑެސިވިރް ބޭނުންކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން، އެފްޑީއޭއިން ހުއްދަ ދީފިއެވެ.

އެފްޑީއޭއާއި ހަވާލާދީ އެންބީސީ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފްޑީއޭއިން ލަފާ ދީފައިވަނީ ވަރަށް ހާލުދެރަ މީހުންނަށް ފަރުވާ ކުރުމުގައި މި ބޭސް ބޭނުން ކުރުމަށެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށާއި އޮކްސިޖަން ލެވެލް ދަށް ފަރާތްތަކާއި، ވެންޓިލޭޓަރުގައި ތިބޭ ހާލުދެރަ ބަލި މީހުންނަށް މިބޭހުން ފަރުވާ ދިނުމަށް އެފްޑީއޭއިން އިރުޝާދު ދީފައިވެއެވެ.

އެފްޑީއޭއިން މި ބޭސް ބޭނުން ކުރަން ހުއްދަކޮށްފައި މިވަނީ އިއްޔެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އޮތް ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެޗްއެޗްއެސް ސެކްރެޓަރީ އެލެކްސް އަޒާރްއާއި، އެފްޑީއޭގެ ކޮމިޝަނަރ ޑރ. ސްޓީވެން ހާން ގެ އިތުރުން، ރެމްޑެސިވިރް އުފައްދާ ކުންފުނި ކަމަށްވާ ގިލިއެޑް ސައިންސަސްގެ ސީއީއޯ އެވެ.

ކްލިނިކަލް ތަހުލީލުތައް ނިމުމުގެ ކުރިން އެއްވެސް ބޭހެއް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެފްޑީއޭއިން މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް އެފްޑިއޭގެ މި ނިންމުމުގެ ސަބަބުން އެމެރިކާގެ ހޮސްޕިޓަލްތަކުގައި ތިބި ކޯވިޑް-19ގެ ހާލުދެރަ ބަލި މީހުންނަށް ފަރުވާކުރުމަށް މިބޭސް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ވޭންޑަރބިލްޓް ޔުނިވަރސިޓީ މެޑިކަލް ސެންޓަރގެ އިންފެކްޝަސް ޑިސީޒަސްއާއި ބެހޭ ޑޮކްޓަރެއްކަމަށްވާ ޑރ. ވިލިއަމް ޝޭފްނާ ވިދާޅުވީ އެފްޑީއޭގެ މި ހުއްދައިގެ ސަބަބުން ކޮންމެ ޑޮކްޓަރަކަށްވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި މި ބޭސް ބޭނުން ކުރެވިދާނެކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކޯވިޑް-19 އަށް ފަރުވާ ދިނުމުގައި މި ބޭސް ކޮންމެހެން ބޭނުން ކުރާށެކޭ ބުނަނީ ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބޭހުން ފަރުވާ ކުރަން އެންމެ ރަނގަޅުވާނީ ކޮންބަޔަކަށްކަން، މިހާރު ކުރިއަށްދާ ކްލިނިކަލް ތަހުލީލުތަކުން އެނގިގެންދާނެކަމަށް ޑރ. ޝޭފްނާ ވިދާޅުވިއެވެ.

ރެމްޑެސިވިރް އިން ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ގޮތުގައި އެފްޑީއޭއިން ފާހަގަކޮށްފައިވަނީ އިންފްލެމޭޝަން އުފެދުން ނުވަތަ ލިވަރގެ ސެލްތައް ހަލާކުވުމުގެ ސަބަބުން ލިވަރ އެންޒައިމްސް ހަށިގަނޑުގައި ގިނަވުމާއި، ލޭގެ ޕްރެޝަރު ދަށްވުމާއި، މޭނުބައިކުރުމާއި ހޮޑުލެވުމާއި ދާހިއްލުން އަދި ހީކެރުވުން ފަދަ ކަންކަމެވެ.

އެމެރިކާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.13 މިލިއަނަށްވުރެ މައްޗަށް ގޮސަފައިވާއިރު، އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 65،776 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން