ކޯވިޑްގެ ނުރައްކާތެރިކަން ކުޑަކޮށް، އާންމުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުކުރެވޭތޯ ސަރުކާރުން މިހާތަނަށް ވަނީ ތަފާތު އެކި ފިޔަވަޅުތައް ތަޖުރިބާކޮށްފައެވެ. އެންމެ ފުރަތަމަ ދިޔައީ ފުރަބަންދަށެވެ. ފުރަބަންދުގައި ރައްޔިތުން ވަރަށް ދަތި ހާލުގައި އުޅޭތަން ފެނުމާއި ރައްޔިތުންގެ ނުރުހުމާއި ތަހައްމަލު ކުރަމުން ގެންދިޔަ ހިތްދަތިކަން ސަރުކާރަށް ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވުނެވެ. ރައްޔިތުން އުފުލަމުންދިޔަ ވޭނާއި ކެކުޅުން ބަލި ޖެހުމުން އަޅާ ވޭނަށްވުރެ ވަކިން ކުޑަނޫންކަން އިހުސާސް ކުރެވިގެން ފުރަބަންދަށް ލުއިދޭން ފެށިއެވެ. އިރުޝާދުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލުއިދީގެން ސަރުކާރުން ދެން މަސައްކަތް ކުރީ ރާއްޖޭގެ އިގުތިޞާދު އެ މަސައްކަތެއްގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލައިގެން ރައްޔިތުންގެ ހުއްޓިފައިވާ އާމްދަނީއާއި ހުއްޓިފައިވާ ވިޔަފާރިތަކާއި އިޤުތިޞާދަށް ދިރުމެއް ގެނެވޭތޯއެވެ.


ތިން މަސް ދުވަސް ވަންދެން ރާއްޖެއަށް ވަންނަ ހުރިހާ ދޮރާށި ތަކެއް ބަންދުކޮށްގެން ތިބެފައި އަލުން ހުޅުވާލީ ހަގީގަތުގައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލިބެމުންދިޔަ ނިކަމެތިކަން އިތުރަށް ތަހައްމަލުކުރާން ސަރުކާރުން ބޭނުން ނުވާތީއެވެ. ހަގީގަތުގައި ވެސް ވިސްނުންތެރިމާއެކު ސަރުކާރުން ފަތުރުވެރިކަން އަލުން ހުޅުވާލުމުން ގިނަ ދިވެހީންގެ ހިތްތަކަށް ތަސައްލީ ލިބުނެވެ. އުއްމީދު އާވިއެވެ. ހުއްޓިފައި ހުރި ވިޔަފާރިތައް ހިނގައިގަތެވެ. ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް އާމްދަނީ ވެސް ލިބެން ފެށިއެވެ. ހުއްޓިފައި އޮތް އިޤުތިޞާދު ރަނގަޅުވާން ފެށިއެވެ. ރާއްޖޭގެ މިތަޖުރިބާ ވެގެން ދިޔައީ މުޅި ދުނިޔެއަށް ވެސް ނަމޫނާއަކަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާޢަތައް ދިރުން އަންނާން ފެށިކަން ބައިނަލްއަޤްވާމީ މީޑިއާތަކަށް ވެސް އިހުސާސު ކުރެވުނެވެ. ކޮވިޑްގެ ސަބަބުން ބަންދުވެ ހިއްދަތިކަމުގައި ތިބި ދުނިޔޭގެ އެތައް ރައްޔިތަކަށް ރާއްޖެއައިސް މިނިވަންކަމުގެ ހަމަ ނޭވާއެއްލާނެ ފުރުސަތު ލިބުނެވެ.

މިއާއެކު މުޅި ދުނިޔެ ރާއްޖެއިން ފިލާވަޅު ދަސްކުރަން ފެށިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ހަމަ ތިބެފައި ހުޅުވާލީއަކީ ނޫނެވެ. އަދި ކުއްލިއަކަށް ފަތުރުވެރި ކަމުގެ ހުރިހާ ޚިދުމަތްތަކެއް ހުޅުވާލީއަކީ ވެސް ނޫނެވެ. އެކަން ރާއްޖެއިން ކޮށްފައިވަނީ ހަގީގަތުގައި ވެސް ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް ވެސް ޒިންމާދާރު ކަމާއެކުގައެވެ. ހަގީގަތުގައި އެމަސައްކަތް ފެށީ ރާއްޖެ އުފެދިފައި އޮތް ގޮތުން ރާއްޖެއަކީ ކޮވިޑްގެ ހާލަތާއެކު ވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހަމަ ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ގައުމެއްކަން އެދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނަށް ކަށަވަރުވެގެންނެވެ. ހަމަތިބެފައި ހުޅުވަލީއަކީ ނޫނީ ފަށައިގަތިއަކީ ނޫނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެސިނާއަތު އޮތް ގޮތާ އަދި ހިނގާގޮތާ ވަރަށް ވެސް ތަފާތުކޮށް އޮތް އަދި ހިންގަމުންވެސްދާ ސިނާއަތެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ހަގީގީ ކޮންސެޕްޓަކީ "ވަންއައިލެންޑް ވަން ރިސޯޓް" އެވެ. މި ކޮންސެޕްޓަކީ ހަގީގަތުގައި ވެސް ކޮވިޑްގައި ފަތުރުވެރިކަން ހުޅުވާލުމަށް އެންމެ ރަނގަޅު ކޮންސެޕްޓްކަން ރާއްޖޭގެ ތަޖުރިބާއިން މުޅި ދުނިޔެ އެވަނީ ގަބޫލުކޮށްފައެވެ. ކޮވިޑްގެ ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވާޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖެ ފުރަތަމަ ހުޅުވާލީ ވަރަށް ހަރުކަށި އުސޫލުތަކަކާއެކުގައެވެ. ރާއްޖެއަންނަ މީހާއަކީ ރާއްޖެއަށް އަންނައިރު ކޮވިޑް ނެތް މީހެއްކަން މިހާތަނަށް ޔަގީން ކުރެވެން އޮތް ގޮތަށް ޕީސީއާރް ޓެސްޓްގެ ނެގަޓިވް ނަތީޖާއަކާއެކު ދަތުރުކުރެވޭ ގޮތަށް ފުރަތަމަ އަމަލުކުރަން ފެށި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްގެ ހިމެނޭނެއެވެ. ހަމަގައިމުވެސް ފަތުރުވެރިންނަށް އެގޮތަށް ފުރަތަަ ހުޅުވާލި އެއްގައުމަކީ ރާއްޖެއެވެ. އެއަށްފަހު ފަތުރުވެރިންނަށް، އަދި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް އެއިރެއްގެ ހާލަތާއި އެއްގޮތަށް އެއިރެއްގައި ދެވެން އޮންނަ ލުއިތައް ދީގެން މިހާތަނަށްވެސް ފަތުރުވެރިކަމުގެ ސިނާއަތް އެދަނީ މަޑުމަޑުން ކުރިއަރަމުންނެވެ. މީގެސަބަބުން ގިނަ ބައެއްގެ ވަޒީފާއަލުން އިޢާދަވެ ގިނަ ވިޔަފާރިތައް ހިނގައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑާއެކު ރައްޔިތުން އުޅޭނެ ކަމަށް ބަލައިގެން މަޑުމަޑުން ލުއިތައްދެމުންދިޔައީ ރައްޔިތުންގެ ވެސް ހުރި ކަންބޮޑުވުންތަކާއި އިހުސާސްތައް ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް ލުއިތައްދީގެން ހިފަހައްޓައިލެވޭނީ ރައްޔިތުންވެސް ކޮވިޑާއެކު އުޅެން ދަސްކޮށްގެން، ފަރިތަކޮށްގެން، ނުވަތަ ކޮވިޑާއެކު އުޅެން ސިއްހީ މާހިރުން ދީފައިވާ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުންވެސް އުޅެގެންކަން އެންމެހާ ރައްޔިތުންނަށް އެނގުނު ނަމަވެސް ދޫދިންވަރަކަށް ގިނަ ރައްޔިތުން އެލުއިތަކުގެ ބޭނުން ހިފަމުން ދިޔައީ އެންމެ ރަނގަޅު ގޮތުގައެކޭ ދެންނެވޭކަށްނެތެވެ. އޭގެ ބައެއް މިސާލުތައް ވެސް ދަންނަވާލާނަމެވެ.

ތިންމަސް ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުއަލުން ހުޅުވާލައި ފަތުރުވެރިކަން ފަށައިގަތީ އެދާއިރާގައި މަސައްކަތް ކުރާ ބަޔަކު ވަރަށް ބޮޑު ގުރުބާނީ ތަކެއް ވާންޖެހޭނެކަން ވެސް އެނގިގެންނެވެ. އެކަމަކު ވަކި ހިސާބަކަށް ގޮސް އެހެން މީހުންނަށް ލުއިދޭތަން ފެނުމުން އެދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ އޮހެންފަށައިފިއެވެ. ރަށަށް، އަނބިދަރީން ކައިރިއަށް ނުދެވޭތީއެވެ. ރަށަށް ދިޔަޔަސް އަދި ރަށަށް ގޮސްފައި އެނބުރި ރިސޯޓަށް އަޔަސް ކަރަންޓީންވާން ޖެހޭތީއެވެ. ބޭނުން އިރަކު މާލެއައިސް މާލެއިން ލިބޭ ޚިދުމަތްތައް ނުހޯދޭތީއެވެ. ގިނަ ވަގުތު މަސައްކަތް ކުރަން ޖެހި، އަރާމުކުރާން ނުވަތަ ހުސްވަގުތު ލިބޭލެއް މަދު ކަމުންނެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ހުންނާނެ ޝަކުވާތަކެވެ. އަދި ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާޢަތު ހުޅުވާލީވެސް އެ ދަތި އުނދަގޫތަކާއި ޝަކުވާތައް ހުންނާނެކަމާއި އެކަންކަން ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހޭނެކަން ވަރަށް ރަނގަޅަށް އެނގިތިބެއެވެ. ފަތުރުވެރިޔާ ރާއްޖެ އެތެރެވާ ގޮތަށް ހަމައެކަނި ބައްދަލުވާނީ އެއަރޕޯޓުން އޭނާއަށް ޚިދުމަތްދޭ ފަރާތްތަކާއެވެ. އެއަށްފަހު ފަތުރުވެރިޔާއާއި ބައްދަލުވާނީ މުޅިންވެސް އޭނާ ޗުއްޓީ ހޭދަކުރާން ގޮސް ހުންނަ ރިސޯޓް ނުވަތަ ކޮވިޑްގެ ބަހުރުވައިން ދަންނަވާނަމަ އޭނާ އުޅޭ ބަބްލްގެ ތެރޭގައި ހިމެނޭ މީހުންނާއެވެ. ފަތުރުވެރިޔާ ރިސޯޓަށް އެރުމުން އޭނާ އެހެރީ އެބަބްލްގެ ތެރޭގައި ކަރަންޓީން ވެފައެވެ. އޭނާއަށް ދެން އެރަށުން ނުވަތަ އެބަބްލްގެ ތެރެއިން ނުކުމެވޭނީ އަނެއްކާވެސް އޭނާ ދެން ދާ މަންޒިލަކަށް ދިއުމަށް ފުރަން ބޯޓަށް އަރާ ހިސާބުންނެވެ.

މި ވިޔާފާރިޗޭނުގެ ތެރޭގައި ގުރުބާންވާ އެތައް ބަޔަކު އެބަހިމެނެއެވެ. އެއް ބަޔަކީ ފަތުރުވެރިއާއަށް ރާއްޖެއިން އެންމެ ފުރަތަމަ މަރުހަބާ ކިޔާ މީހުން ކަމަށްވާ އެއަރޕޯރޓުގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންނެވެ. އެ ވަޒީފާތަކުގައި ވެސް ހަމަ ގިނައީ ދިވެހީންނެވެ. އެމީހުންގެ އާއިލާތަކާއި އަމިއްލަ ނަފުސު ގުރުބާން އެކުރަނީ ހަމަ ގައުމަށް ޓަކައެވެ. މިގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައެވެ. އެމީހުން ހެވިފައި ތިއްބަސް އެތިބެނީއަކީ އުފަލުން ގޮސް ހެވިފައެއް ނޫނެވެ. އަދި ބިރު ނުގަންނާތީ އަކީވެސް ނޫނެވެ. އެ ދިވެހީންނަށް ވެސް އޮތީ ބިރާއި ނުރައްކަލެވެ. ކޮންމެ ދުވަކުވެސް މަސައްކަތަށް ދަނީ މަސައްކަތް ނިންމާފައި ކޮވިޑް ފެސިލިޓީއަކަށް ގޮސް ކަރަންޓީންވާން ޖެހޭނެކަމުގެ ފިކުރާއި ބިރުވެރިކަމުގައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް އޮތީ ހަމަ މިގޮތެވެ. މި ދަނޑިވަޅުގައި ކޮންމެވެސް މިންވަރެއްގެ ގުރުބާނީއެއް ވެލުމެވެ. ހަމައެކަނި ތިމާއަށް ލިބޭ އާމްދަނީ އަކަށް ވިސްނައިގެނެއްނޫނެވެ. ގައުމަށްޓަކައި، ގައުމުގެ ރައްޔިތުންނަކައެވެ.

އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޖަހަންފެށި ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭނެއެވެ. ވެކްސިން ކެމްޕޭނާއެކު އަނެއްކާވެސް އިތުރު ލުއިތައް ސަރުކާރުން ދޭން ފެށިއެވެ. ބަލީގެ ނުރައްކާ ކުޑަވެގެނެއް ނޫނެވެ. ވެކްސިންގެ ނަތީޖާވެސް މާ ރަނގަޅަށް ފެންނާތީކީ ނޫނެވެ. ހަމަ ރައްޔިތުން އުފުލަމުން ގެންދިޔަ ތަކުލީފްތަކާއި ހިތްދަތިކަމަށް ތަސައްލީއެއް ދިނުމަށެވެ. ޝަކުވާއާއި ފާޑުކިއުން ބޮޑުވެގެންނެވެ. އެއްބަޔަކު ޝަކުވާ ކުރަނީ ގައިދުރުކޮށްގެން ވަކިބަޔަކު ވަކި ކަންތައްތަކެއް ކުރަން ހުއްދަ ކުރާތީއެވެ. ވަކި ބަޔަކަށް ފުރަފުރައިގެން ގޮސް ޖަލްސާތަކާއި އެއްވުންތައް ބޭއްވިފައި އަނެއް ބަޔަކަށް ނުބޭއްވޭތީއެވެ. އަނެއް ބައެއްގެ ޝަކުވާއަކީ ވަކި ބަޔަކު ކަރަންޓީންގައި ތިބެން ޖެހިފައި އަނެއް ބަޔަކު ރަށަށް އަރާގޮތަށް ބޭނުން ގޮތަކަށް އުޅޭތީއެވެ. މަގުމަތީން މީހުން މަދުކޮށް އެއްތަނަކަށް އެއްވެ އުޅުން މަދުކުރުމަށް، ވިޔަފާރިތައް ވަކި ގަޑިއަކަށް ބަންދު ކޮށްލުމުން ވިޔަފާރިތަކަށް ގެއްލުންވާތީ ޝަކުވާކުރަނީއެވެ. ހޮޓާ، ކެފޭ، ރެސްޓޯރެންޓްތައް އަވަހަށް ބަންދު ކުރާތީ އެމީހުން ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީއެވެ. ފިހާރަތައް އަވަހަށް ބަންދު ކުރަން ޖެހޭތީ އެމީހުން ކަމާބެހޭ އިދާރާތަކަށް ބަވަނީއެވެ. ކުޅިވަރު ކުޅޭ މީހުން އެމީހުން ކުޅުނަ ނުދޭތީ މައިމޫނާ ދިރިއުޅުއްވާ ގޭ ދޮށަށް އެއްވެ މުޒާހަރާ ކުރަނީއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރެވެނީ ނޭފަތާ އަނގަ ރަނގަޅަށް ފޮރުވޭ ގޮތަށް މާސްކް އަޅައިގެންކަން އެނގުނަސް މާސްކް އަޅަން ވަނީ ދަތް ދޮޅީގައެވެ. އެއަށްވުރެ މައްޗަށް ހިއްލާލަނީ ފުލުސްމީހާ އަތުގައި އޮންނަ ޗިޓްފޮތް ފެނުނީމާ އެއްހާސް ރުފިޔާއިން ސަލާމަތްވާން ވެގެންނެވެ. މަގުމަތީގައި ހެލިފެލިވެ އުޅޭއިރު ހަމަ އާދައިގެ ދުވަސްވަރުގައި އުޅޭ ގޮތަށެވެ. މީހަކާ ޖެހި މީހަކު ޖެހި ފިތިގެންނެވެ. ބައިބަޔަށް، ކޯޅިކޯޅިއަށް އެއްވެ ވާހަކަ ދައްކާންވެސް ތިބެނީއެވެ. ދޫދިނުމާއެކު ކުރިން ނުބޭއްވި ދިޔަ ކައިވެނި ޕާޓީތަކާއި އުފަންދުވަހުގެ ހަފުލާތައް ބާއްވަން ފެށީއެވެ. ފިހާރަތަކާއި ހޮޓާތަކުގައި އެއްވެސް ގައިދުރުކަމެއް ނެތެވެ. އަތް ދޮވުމެއް ސެނަޓައިޒް ކުރުމެއް، ފިހާރައަށް ވަންނަ މީހާ އެނގޭނެ ގޮތެއް، ހުންބެލުމެއް ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމެއް އަމުދުން ނެތެވެ. މިސްކިތުގައި ބަލި ނުފެތުރޭނެކަން ބައެއް ދީނީ ޢިލްމްވެރިން ޔަގީންކޮށްދެއްވާފައިވާތީ މިސްކިތައް އަރައި އުޅުމުގައި ވެސް ހަމަ އާދައިގެ ދުވަސް ވަރެކޭ އެއްގޮތެވެ. ހައިރިސްކް މީހުންނާއި ކުޑަކުދިން ހަމަ ސަފުތަކުގައި ފިތި ބާރުވެގެންނެވެ. އަމިއްލަ މުސައްލަ ގެންދާންވެސް ހަނދާނެއް ނުހުރެއެވެ. މާސްކް ޖީބުގައި ނުވަތަ ދަތްދޮޅީގައެވެ. ހަމަ ރީތިކޮށް ކޮވިޑް އަމުދުން ނެތް އިރު އުޅޭހެން އުޅެނީއެވެ.

މިއީ އިރުޝާދުތައް ދީފައި އެގޮތަށް އުޅޭން ޝަރުތުކޮށްފައި ލުއިދިނީމާ ރައްޔިތުންގެ އަމަލުތައް ހުރިގޮތެވެ. ދެން މިގޮތަށް އަމަލުތައް ބަހައްޓާފައި މިހާރު އަތުނުވާ ހިސާބަށް ކަންކަން ދިޔައީމާ ބައެއް މީހުންނަށް ގޯސްވީ ސަރުކާރެވެ. މި ބުރައާއި ވޭން އެންމެ ބޮޑަށް އުފުލަމުން ގެންދާ ސިއްހީ ދާއިރާގެ މީހުންނެވެ. އަނެއް ބަޔަކަށް ގޯސްވީ މިތަނަށް ފަތުރުވެރިން އަންނާތީއެވެ. ޚާއްޞަކޮށް އިންޑިއާއިން ފަތުރުވެރިން އަންނާތީއެވެ. އެމީހުން މިހާރު އުޅެނީ ރާއްޖޭގެ ބޯޑަރު ބަންދު ނުކޮށްގެންނެވެ.

ބޯޑަރު ބަންދު ކުރީމާ އެޅިވޭނާއި ލިބުނު ހިއްދަތިކަން ހަމަގައިމުވެސް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވާނެއެވެ. ފުރަބަންދުގައި ތިބެން ޖެހުނީމާ ވީގޮތް އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. ފަތުރުވެރިކަން ބަންދުކޮށްލީމާ ވަޒީފާގެއްލި އާމްދަނީ ހުއްޓި ވިޔަފާރިތައް ބަންދުވީމާ ވީ ދައްޗާއި ކުރި އަސަރު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ކާފިއު ހިންގީމާ އުޅެން ޖެހުނު ދަތި ހާލު އަދި ތަސައްވަރު ނުކުރެވޭހާ ދުވަހެއް ނުވާނެއެވެ.

އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ހުއްޓާލާފައި މަގުމަތީގައި ނުކުމެ ތިބޭށެވެ. އެ ވިޔަފާރި ބަންދުކޮށްގެން ކޮވިޑް ނޫޅޭއިރު އުޅޭ ގޮތަށް އާންމު ހާލާތުގައި އުޅޭށެވެ. އެކަމަކު ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑާ އެއްކޮށްވެސް ރީއްޗަށް ހިންގެން އޮއްވާ ފަތުވެރިކަން ހުއްޓާލާފައި މަގުމަތީގައި ތިބުމުން ކޮވިޑް ކޮންޓްރޯލްކޮށް ހުއްޓުވި ދާނެ ކަމަށް ގަބޫލުކުރުމަކީ ހަމަ މޮޔަ ފިކުރެކެވެ. ތާކުންތާކު ނުޖެހޭ ޖާހިލު، ގަމާރު ވިސްނުމެކެވެ. ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ހުއްޓާލިޔަސް އަދި ކޮވިޑެއް ނުހުއްޓުވޭނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު ހިންގަމުންދަނީ ކޮވިޑްގެ ހާލަތުގައި ހިންގަމުންދާ އެންމެ ރައްކާތެރި އެއް ސިނާއަތުގެ ގޮތުގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. ރާއްޖޭގެ އެ ސިނާއަތެއްގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހައިނިމި މިހާރު އެދަނީ ދެވަނަ ޑޯޒްވެސް ހަމަކުރަމުންނެވެ. ފަތުރުވެރިން ރާއްޖެއަންނަ ގޮތަށް ގޮސް ތިބެނީ އެމީހުން ތިބޭ ރިސޯޓް ގައެވެ. އެދާއިރާގެ މުވައްޒަފުންނަށް ލުއިދިނީ އެ މުވައްޒަފުންގެ ޝަކުވާތަކަށް ތަސައްލީއެއް ދިނުމަށެވެ. އަނެއްކާވެސް އެބައި ހަރުކަށިކޮށްލާ ހިފަހައްޓާލުމުން ރާއްޖޭގެ ބޯޑަރުތަކާއި އާންމު ދިވެހީންގެ ދިރިއުޅުމާއި މުޅިން ވަކިވީއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ކޮވިޑްގެ ހާލަތުގައި އެންމެ ރައްކާތެރިކަން އޮތް ސިނާއަތްކަން ދުނިޔޭގެ ފެންވަރުގައި ގަބޫލުކޮށް ބަލައިގަނެއެވެ. ދުނިޔޭ އެންމެ މުއްސަނދި މީހުންނާއި އާދައިގެ މީހުންވެސް އެދަނީ އެކަން ތަޖުރިބާ ކުރަމުންނެވެ. ގިނަ މީހުން ސިފަކުރަނީ ރާއްޖެއަކީ ކޮވިޑުން ސަލާމަތްވެ ތިބުމާއެކު ޗުއްޓީ ހޭދަކޮށްލަން މިހާރު އޮތް ހަމައެކަނި މަންޒިލު ކަމަށެވެ.

އިނގިރޭސި ވިލާތުގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުން ދިޔައިރުވެސް ރާއްޖެއަށް އެގައުމުން ފަތުރުވެރިން އައެވެ. ރަޝިޔާގައި އެންމެ ގަދައަށް ރޯގާ ފެތުރުނު އިރުވެސް އެގައުމުން މީހުން ރާއްޖެއައެވެ. އިންޑިއާގައި ކޮވިޑް ފެތުރޭން ފެށިފަހުން އަދި ކުޑަވެސް މަޑުޖެހުމެއް ނާދެއެވެ. އެކަމަކު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އެގައުމުންނެވެ. ރާއްޖޭގައި ބައްޔަށް ޕޮޒިޓުވްވަމުން ދާ ގޮތަށް ބަލާއިރު ރިސޯޓްތަކުގައި ކޮންޓްރޯލް ނުވާވަރަށް ބަލީގެ ބިރުވެރިކަމެއް ނުވެސް ނެތެވެ. އަދި ބަލި ފެތުރިފައިވާ ގޮތަށް ބަލާއިރުވެސް ފަތުރުވެރިންގެ ކިބައިން ބަލި ފެތުރިގެން ބިރުގަންނަ ވަރަކަށް ގޮސްފައެއް ނެތެވެ. ފަތުރުވެރިންގެ ފަރާތުން އެފަދަ ބިރެއް އޮތިއްޔާ އޮތީ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނާ މަސްހުނިކޮށް ގެސްޓްހައުސް ހިންގާ ރަށްރަށުގައެވެ. ފިޔަވަޅުތައް ބާރުކޮށްލުމުން އެމައްސަލަ ހައްލުވީއެވެ.

އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ވެކްސިން ޖަހައިގެން ބަލި ކޮންޓްރޯލް ކުރާށެވެ. މާސްކް ދަތްދޯޅިގައި އަޅައިގެން ނުވަތަ އަމުދުން އެ ނާޅައި ބަލި ކޮންޓްރޯލް ކުރާށެވެ. އަތް ނުދޮވެ ސެނިޓައިޒާވެސް ބޭނުން ނުކޮށް ބަލި ކޮންޓްރޯލް ކުރާށެވެ. މަގުމައްޗަށް ބޭނުން ގޮތަކަށް ނުކުމެ އެއްވުންތައް ވެސް ބާއްވައި ޕާޓީތަކާއި ހަފުލާތައް ވެސް ބާއްވައިގެން ބަލި ކޮންޓްރޯލް ކުރާށެވެ. އެއްވެސް ހުރަހެއް ނެތި ދަތުރުފަތުރުކޮށްގެން ބަލި ކޮންޓްރޯލް ކުރާށެވެ. ހޮޓާތަކާއި ރެސްޓޯރަންޓްތައް ތައްމިނަށް ހުޅުވާލައިގެން ބަލި ކޮންޓްރޯލް ކުރާށެވެ. އެއްވުންތައް ބޭއްވޭގޮތަށް، މުޒާހަރާވެސް ކުރެވޭ ގޮތަށް ބަލި ކޮންޓްރޯލް ކުރާށެވެ. އެކަމަކު އެއީ ދިވެހި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިއަސް ސިއްހީ ދާއިރާގައި ކިތަންމެ މޮޅު ބަޔަކު ތިއްބަސް، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރު ހިންގަން ކިތަންމެ ކުޅަދާނަ ބަޔަލު ތިއްބަސް ބާނެ ކަމެއް ނޫނެވެ. ކޮވިޑް ރޯގާ ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނީ ސިއްހީ މާހިރުން އެދޭ އިރުޝާދު ތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. ނޭފަތާއި އަނގަ ފޮރުވޭ ވަރަށް ރަނގަޅަށް މާސްކް އަޅައިގެންނެވެ. އަތް ދޮވެގެންނެވެ. ނޫނީ ސެނިޓައިޒާ ބޭނުން ކޮށްގެންނެވެ. ސާފުތާހިރުކަން އިތުރުކޮށްގެންނެވެ. އެއްވުންތައް މަދުކޮށްގެންނެވެ. ދަތުރު ކުރުމުގައި އޮންނަ އުސޫލުތައް ހިފަހައްޓައިގެންނެވެ. ބަލީގެ އަލާމާތްތައް ފެނުނީމާ ގެއިން ނުނުކުމެ ތިބެގެންނެވެ. ބައްދަލުވާ މީހުން މަދުކޮށްގެންނެވެ. ވެކްސިން ދެޑޯޒް ޖަހައިގެންނެވެ. މިގޮތަށް އަމަލު ނުކޮށް ބޯޑަރެއްނޫން، މުޅި ގައުމު ދާޖަހާ ބަންދު ކުރިއަސް ކޮވިޑެއް ނުފިލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު