އެމްޑީޕީ ހަލާކުވެގަންނަނީ އަމިއްލައަށް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.


ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ބޮލުގައި އިލްޒާމް ތަކެއް އަޅުވާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުންވެސް މިއަދު ވަނީ ސަރުކާރުން ދެއްކި ވާހަކަތައް ދޮގުކޮށް ސަރުކާރުގެ ބަހާއި ޢަމަލު ދިމާނުވާކަމަށް ބުނެފައެވެ.

އެމްޑީޕީގެ ސާޅީސް އިންސައްތަ ޙިއްސާއާއެކު މިހާރު އުފައްދާފައިވާ ކޯލިޝަން ސަރުކާރާއި މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއެކު އެމްޑީޕީގައި ފެކްޝަންތަކެއް އުފެދިފައިވާކަމަށް މީގެ ކުރިންވެސް އަޑު ފެތުރިފައިވެއެވެ. މިކަން އިތުރަށް ޔަޤީން ވެގެން ދިޔައީ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލްގެ ބޭބެ އިބުރާގެ މަންދު ކޮލެޖަށް އޮޑިޓަރ ޖެނެރަލްގެ ލަފަޔާ ޚިލާފަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މިހާރު ދެފަރާތުން ބަދަލުކުރަމުންދާ ބަހުގެ ޙަމަލާތަކާ އެކުގައެވެ.

އެކަމާ ގުޅިގެން ނިހާދު މިރޭ ވިދާޅުވީ، "އަހަރުން އަހަރުންނާއި އަމިއްލަ އަށް ހަލާކުވެ ނިމިގަންނަނީ" ކަމަށެވެ. އަދި މިހާރު އިދިކޮޅު ބޭނުން ނުވާކަމަށްވެސް ނިހާދު ވިދާޅުވިއެވެ.މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލާގައި ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ތޮށިގަނޑު ފަޅާލައި ބޭރަށް ނިކުމެފައިވާއިރު މީގެ ކުރިން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ "ނަގޫ ގޮށްޖެހޭނީ އެބޭފުޅުން، އެބޭފުޅުންނާއި" ކަމަށެވެ. ނަމަވެސް އާޚިރުގައި ނަގޫ ގޮށްޖެހޭތަން މި ފެންނަނީ އެމްޑީޕީ އާއި އެމްޑީޕީ އެވެ.

ކިޔުންތެރިންގެ ހިޔާލު