ބޮޑު ޚިޔާނާތުގެ ބައިވެރިން އެމްޑީޕީއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެނގެންޏާ ވެރިކަމުގައި ތިބެ އެމީހުންނާއި މެދު ފިޔަވަޅު އަޅައި އެ ބޮޑު ޚިޔާނާތް ތަހުގީގު ކުރަން ނޫޅެނީ ކީއްވެގެން ހެއްޔެވެ؟ އެމްއެމްޕީއާރްސީގެ ޚިޔާނާތް ތަހުގީގުކޮށް އެޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމަށް ވަޢުދުވެގެން ވެރިކަމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއަކުން އެފަދަ ކަމެއް ނިންމި އިރު، މިއީ އެމަނިކުފާނަށް ކުރެވުނު މަލާމާތެއް ހެއްޔެވެ؟ ނޫނީ މިއީ ވަކިބަޔަކަށް އިންތިޚާބުގައި ވާދަކުރުމަށް ހުރަސް އެޅުމަށް ނިންމި ނިންމުމެއް ނޫންވާވައެވެ؟

މި ސުވާލު ތަކަކީ ރޭގައި ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމި ނިންމުމަކާއެކު ރައްޔިތުން މީސްމީޑިއާގައާއި އޮންލައިން ނޫސްތަކުގެ ޚަބަރުތަކަށް ކޮށްފައިވާ ކޮމެންޓް ތަކުގައި ފާޅުކޮށްފައިވާ ޚިޔާލު ތަކެވެ. އުފައްދާފައިވާ ސުވާލު ތަކެވެ. އެނިންމުމަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތާއި ބެހޭގޮތުން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމި ނިންމުމެކެވެ. ކުރިއަށް އޮތް އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާން ހުށައަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރެއިން އެއް ޝަރުތަކީ މިދެންނެވި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވެފައިވާ މީހަކަށް ނުވުމެވެ. ނޫނީ އެޚިޔާނާތުން މަންފާ ލިބިފައިވާ މީހަކަށް ނުވުމެވެ.

މި ނިންމުމަކީ އެއްގޮތަކަށް ވެސް ގޯސް ނިންމުމެކޭ ދަންނަވަނީއަކީ ނޫނެވެ. އެކަމަކު އެބުނާ ޚިޔާނާތެއްގައި ބައިވެރިވި މީހާއަކީ ކާކުކަން ނިންމަން ކިރާނެ ތިލަފަތަކާއި މެދުނޫނީ އެކަން ކުރަން ހަދާނެ ގޮތަކާއިމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެނީއެވެ. މިހާތަނަށް އެބުނާ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ނިންމައި ޝަރުއީ ނިޒާމުގެ ތެރެއިން އެކަން ސާބިތުވެ ހުކުމެއް އައިސްފައި ވަނީ އެންމެ ތިން މީހުންގެ މައްޗަށެވެ. އޭގެތެރޭގައި ހިމެނޭ އެއްބޭފުޅަކީ އެންމެ ފަހުން ރާއްޖޭގައި ރައީސްކަން ކުރެއްވި، ރައީސް އަބްދުﷲ ޔާމީނެވެ. އަނެއް ބޭފުޅަކީ އެމަނިކުފާނުގެ ދެވަނަ ނާއިބް ރައީސް އަހުމަދު އަދީބެވެ. ތިންވަނަ ފަރާތަކީ އެމްއެމްޕީއާރްސީގެ އެ ޚިޔާނާތް ހިނގާދިޔައިރު އެތަން ހިންގަން ހުރި އަބްދުﷲ ޒިޔަތެވެ. މިނޫން އިންސާނެއްގެ މައްޗަށް އެ ތުހުމަތުގައި އަދި ރާއްޖޭގެ ކޯޓެއްގައި ޝަރީއަތްކޮށް ހުކުމެއް އިއްވި ކަމަކަށް އެނގިފައެއް ނެތެވެ. ކުރިން މިދެންނެވި ސުވާލު އުފެދެނީ މިހާހިސާބުންނެވެ.

ތެދެކެވެ. އެބުނާ ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ ފަރާތްތަކާއި އެބުނާ ޚިޔާނާތަކުން މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ދިގު ލިސްޓެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުގައި އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އެލިސްޓެއް އެބައޮތެވެ. އެލިސްޓުގައި ތިބީ ކުރިއާއި މިހާރުގެ ސަރުކާރުގައި ތިއްބެވި ފަރާތްތަކުގެ ނަންތަކާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ ނަންތަކެވެ. ކުރީގެ ބައެއް ފަނޑިޔާރުންނާއި މިހާރުގެ ބައެއް ފަނޑިޔާރުންނެވެ. ސަލާމަތީ ބާރުތަކުގައި ކުރިން އުޅެފައިވާ އޮފިސަރުންނާއި މިހާރުގެ ބައެއް އޮފިސަރުންގެ ނަންތަކެވެ. ކުރިއާއި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނަންތަކެވެ.

މި ދިގުލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރެއިން މިހާރުގެ ސަރުކާރުގައި ތިބި ދެތިން ހަތަރު ބޮޑުން ދުވަސްކޮޅަކު ގޭގައި ބެއިތިއްބެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ "ޒީރޯ ޓޮލަރެންސް ފޯ ކޮރަޕްޝަން" ގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުންނެވެ. ރައީސް ގެއަށް ފޮނުވާލެއްވި ބޭފުޅުންގެ ތެރޭގައި ޒުވާނުންނާ ކުޅިވަރާބެހޭ ވަޒީރާއި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ދުވަސް ކޮޅަކު އެބޭފުޅުން ގޭގައި ބައިތިއްބައިގެން "ސާފު" ކުރަށްވައިގެން އަލުން ވަޒީފާއަށް ނެރުއްވިއިރު ތިއްބެވީ ހަމަ ސާފު ހުދު ކަފަކޮޅެއްހާ ވެސް ހުދުކޮށް ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.

އެމްޑީޕީން ނިންމި އެނިންމުމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައި ފާޑުކިޔަނީ މިހާހިސާބުންނެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރަށްވާ މަޝްހޫރު ބޭފުޅަކަށް ގިނަ ބަޔަކު ދަންނަނީ އަކްރަމް ކަމާލުއްދީނެވެ. އޭނާ މިހާރު ވެސް ހުންނެވި މަގާމަށް މިފަހަރުވެސް ވާދަކުރަށްވާނެކަން ވަނީ އިޢުލާން ކުރަށްވާފައެވެ. އޭނާއާއި އެމްޑީޕީގެ ރައީސް، ރައީސް މުހަމަދު ނަޝީދާއި ދެމެދު ކޮންމެވެސް ވަރެއްގެ ހިތްބުރަކަމެއް، ނުވަތަ ނަފުރަތެއް ނޫންނަމަ ވާދަވެރިކަމެއް އެބައުޅޭ ކަމަށް މީޑިއާތަކާއި މީސްމީޑިއާގެ ސުރުޚީ ތަކުން އެނގެއެވެ. އެހެންކަމަށްވާނަމަ މިއީ ސީދާ އޭނާއަށް އަމާޒުވި ހަމަލާއައެއް ކަމަށް ބައެއް މީހުންގެ ވިސްނުމުގައި އެބަހުއްޓެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ނިންމި އިންތިޚާބީ ޝަރުތު ތަކުގައި ވަރަށް ރަނގަޅު ކަންކަން އެބަހުއްޓެވެ. ގަބޫލުކުރެވޭ ވަރަށް ރަނގަޅު މުހިންމު ކަންކަން އެބަހުއްޓެވެ. މިގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައަޅައި މެންބަރުން ވަނީ އެނިންމުން ފާސްކޮށްފައެވެ. މީގެއިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާއްމުކޮށްފައިވާ އެއްވެސް ލިސްޓެއްގައި ހިމެނޭ އެއްވެސް މީހަކަށްވެސް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ރޭގައި ކަނޑައެޅިއެވެ. މީގެއިތުރުން ރޭފްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްކޮށްފައިވާ މީހުންނަށްވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ނިންމިއެވެ.

މި ޝަރުތު ތަކުގެ ތެރެއިން ބޮޑު ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުން މިހާރުގެ ސަރުކާރުގެ މަތިފަޑިމަތީގައިވެސް، އެމްޑީޕީގެ އިސް މެންބަރުންގެ ގޮތުގައި ވެސް، އަދި މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ވެސް އެބަތިއްބެވެ. އެއިން އެއްވެސް ފަރާތަކާއިމެދު އެމްޑީޕީން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ. ރޭގައި އެނިންމި ނިންމު ކިތަންމެ ރަނގަޅަސް އަދި އެނިންމުމުގައި ކޮންމެ ނިޔަތެއް އޮތަސް އެނިންމުމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަނީ އެހެންވެގެންނެވެ. ތިމަންނާމެންގެ ގާތުގައި، އެންމެ އެތެރޭގައި އެޚިޔާނާތުގެ ބައިވެރިން އެބަތިބިކަން އެނގެއެވެ. އެޚިޔާނާތުން ލިބުނު ފައިސާގެ މަންފާ ތިމަންމެންގެ އޮޑީގައި ތިބި ކޮންމެވެސް ބަޔަކަށް ލިބިފައި އެބަހުރިކަން ޔަގީންވެއެވެ. އެފައިސާއިން ބަޔަކު ޚަރަދުތަކެއް ކޮށްގެން އެބަޔަކަށް ފައިދާވާ ގޮތަށް ކަންތައްތަކެއް ކޮށްފިކަން އެބަ ގަބޫލުކުރެވެއެވެ. އެފައިސާ ތިމަންނާމެން ކޮށްފައިވާ ކަންކަމުގެ ތެރޭގައި ދައުރުވެފައިވާކަމަށް އެބަ ކިޔައެވެ. އެކަން އެބަ ގަބޫލުކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މަދު މެންބަރަކު މިވާހަކަތައް އެބަ ދައްކަވައެވެ. އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިދާ އަތުގައި ހޭކުނު މީހުންނާއި ދަތުގައި ހޭކުނު މީހުން އެމްޑީޕީއާއި ސަރުކާރުގައި މިހާރުވެސް ތިބި ކަމަށް އެފަދަ ބޭފުޅުން ވަރަށް އަޑުހަރުކޮށް އެބަ ވިދާޅުވެއެވެ. އެމީހުން ދެނެގަނެ ޕާޓީއާއި ސަރުކާރު ވެސް އެ ކޮރަޕްޝަނުން ސާފުކޮށް މިންޖުވާން ޖެހޭކަމަށް ވަކާލާތު ކުރަށްވައި އެޚިޔާލު އެބަ ފާޅުކުރަށްވައެވެ. އެކަމަކު އެބޭފުޅުން ދައްކަވާ މިވާހަކަތައް މިހާތަނަށް ވެފައި ވަނީ ހުސް ތާކުންތާކު ނުޖެހޭ ހޮޅި ވާހަކަ ތަކަކަށެވެ. ތެޅޭ ބޭކާރު ހުސް އަނގަ ތަކަކަށެވެ. ދެން މިކަން މިވަނީ މަލިކު ލަވައަށެވެ. މިވާހަކަ ދެއްކޭކަށް ނެތެވެ. ނުދައްކާ ވާކަށްވެސް ނެތެވެ. ދެއްކީމާ ވާނީ ގޯހެވެ. ނުދެއްކިޔަސް ވާނީ ގޯހެވެ.

ކަންމިހެން އޮތް ނަމަވެސް އެމްޑީޕީގެ އެންމެ ބާރުގަދަ އެއް ގުނަވަން ކަމަށްވާ ގައުމީ ހިންގާ ކޮމިޓީގެ މިނިންމުމާއެކު އެމްޑީޕީގެ އެތެރޭގެ މިފަހަރުގެ އިންތިޚާބު އަނެއްކާ ވެސް ތާރީޚުގެ ތެރެއަށް ވަދެގެން ދާނެއެވެ. މިނިންމުން ތަންފީޒު ކުރެވިއްޖެނަމަ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ އެއްވެސް މީހަކު އެމްޑީޕީން މިފަހަރުގެ އިންތިޚާބީ އެއްވެސް މަގާމެއްގައި ނުހުންނާނެކަން ކަށަވަރުވީއެވެ. އެކަމަކު އަދި އެއީ އެމްޑީޕީގެ ވަޢުދު ފުރިހަމަ ކޮށްދެވުނީއަކީ ނޫނެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުން ހަޑިވެފައިވާ ފަސްބައިން އެންމެ ތަންފުކެއްވެސް އަދި ސާފެއް ނުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން