ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ވަޙީދަކީ ވަރަށް ކުރީއްސުން އަޅުގަނޑު ދަންނަ ރައްޓެއްސެކެވެ. އޭނާގެ ޢާއިލާއަކީވެސް ގާތް ރަޙްމަތްތެރި ޢާއިލާއެކެވެ. ދީންދެކެ ލޯބިވާ ދީނީ ކަންކަމަށް ފަރުވާތެރިވާ ފަރުދުންތަކެއް އުޅުއްވާ ގެއެއްގެ ވެރި ބައެކެވެ.


މިދޭތެރޭގައ ސިޔާސީ ޕޯޑިއަމެއްގައި ވަޙީދު ދެއްކެވި ވާހަކައެއް މީސްމީޑިޔާގައި ފެތުރެން ފެށުމުން އަޅުގަނޑުވެސް ވަޙީދުގެ ވާހަކަ އަޑު އަހާލީމެވެ. އޭނާ އިސްލާމް ދީނަކާވެސް އަދި ޤުރުއާނުގެ އާޔަތަކާވެސް އިންކާރު ކުރެއްވީއެއް ނޫނެވެ. އޭނާ ދެއްކެވިހާވެސް ވާހަކައަކީ ރައީސް ޔާމީނުގެ ސަރުކާރުގެ އިސްވެރިން މަޝްހޫރު ހުމާމު މަރާނުލެވިގެން ޖަހަމުން ދިޔަ ސަކަރާތަށް ކުރި އިޝާރަތެކެވެ. ސިޔާސީ ހަމަލާއެކެވެ.

ޔާމީނުގެ ސަރުކާރުގެ ބައެއް ވެރިން ތިމާމެންގެ ލޮލުގެ ދުރުމީއަށް މިސްކިތް ކިޔާތަނެއް ވެސް ނާރާ ހިނދުމެ އަމިއްލަ މަޤްޞަދެއް ޙާޞިލު ކުރުމުގެ ގޮތުން، އިސްލާމް ދީނޭ، މަރަށް މަރޭ ކިޔައިގެން ދައްކަމުން ދިޔަ ވާހަކަތަކަކީ ސިކުނޑިއެއް ހުރި މީހަކު އަޑު އަހައިފިނަމަ އިސްލާމް ދީނަކާ އެއްވެސް ގުޅުމެއް އޮތް ވާހަކަތަކެއް ނޫނެވެ. ޤަބޫލު ކުރިބަޔަކަށް އެބައިމީހުން އިސްލާމް ދީން ކުރިއެރުވަނީކަމަށް ހީވުމަކީ އެމީހުންގެ ސިކުނޑީގެ އުނިކަން ނޫން ދެވަނަ ކަމެއް ނޫނެވެ.

ކޮންމެއަކަސް ވަޙީދުގެ އެވާހަކަ ރަނގަޅަށް އަޑުއަހާލުމުން އޭނާ އިސްލާމް ދީނުގެ އޮތް ޙުމަކަށް ވާހަކަ ދައްކަވާފައި ނެތްކަން އެނގެއެވެ. އެހެނަސް ސައްތައިން ސައްތަ އިސްލާމް ދީން އޮތް ތަނެކޭ ކިޔައިގެން، މީސް މީޑިޔާއަށް އަރާތިބެ، މިހަކު ކާފަރު ކުރަމުންދާ މީހުންނަށް ތިމާމެންގެ މިކަމަކީވެސް އެބުނާ ސައްތައިން ސައްތަ އިސްލާމް ދީން އަންގާ ގޮތެއް ވެސް ނޫންކަން އެނގެން އެބަޖެހެއެވެ. އިސްލާމީ ޝަރީޢަަތުގައި މީހަކާމެދު ހުކުމް ކުރަނީ މަގުމަތިންނެއް ނޫނެވެ. ޝަރުޢީ މަހްކަމާގައެވެ. އެގޮތް އިޚްތިޔާރު ނުކޮށް މަގުމަތިން މީހުންގެ މައްޗަށް ހުކުމްކުރުމަކީ ފިތުނަ ފަސާދަ އުފެއްދުމެވެ. އިސްލާމީ ވަހުދަތު ނަގާލަން އުޅުމެވެ. މިއީ ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެފަދަ ބަޔަކު ކުށްވެރިވާންޖެހޭ ކަމެކެވެ. ނުވަތަ މިފަަދަ މީހުންނަކީ ސިކުނޑީގެ އުނިކަމެއް ހުރެ ފަރުވާލިބެން ޖެހޭ ބައެކެވެ. ހަމަގައިމު އިސްލާމީ ޤަވާޢިދު ދައްކައިދޭ ގޮތުން މިގޮތަށް މީސްމީހުން ކާފަރުކޮށް އުޅޭ މީހުންނަކީ ޢަޤީދާގައި ބަލިމަޑުކަމެއް އުފެދިފައިވާ ބައެކެވެ. މިކަހަލަ މީހުން އެންމެ ފުރަތަމަ އުފެދުނު ކަމަށް ތާރީޚުން ދައްކަނީ ހަތަރުވަނަ ޚަލީފާ މާތް ﷲ ރުއްސުން ލެއްވި ޢަލީގެފާނުގެ ދުވަސްވަރުގައެވެ.

ތިމާގެ ދުލުކޮޅުން ޝަހާދަތް ކިޔައިފި މީހަކު ހަމަ ބުނެލާ ބަހަކުން ނުވަތަ ކޮށްލާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ކާފަރު ކުރުމަކީ މިހާރަކަށް އައިސް ވަރަށް ފަސޭހައިން ކުރަމުންދާ ކަމަކަށް ވިއަސް އެއީއަކީ އިސްލާމްދީން އިރުޝާދުދޭ ކަމެއް ނޫނެވެ. ޢިލްމުވެރިން ވިިދާޅުވަނީ އެއީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށެވެ. އެއާ ޚިލާފަށް ކުފުރުގެ އެބަސް ތިމާގެ މޫނާދިމާއަށް އެނބުރި އަންނާނެކަން ދަންނަން ޖެހެއެވެ. ކީރިތި ރަސޫލާގެ އަރިހުން އެތަކެއް މުޙައްދިޘުން ރިވާ ކުރަށްވާފައި ޙަދީޘު ބަސްފުޅެއްގައި ވެއެވެ. أَيُّمَا رَجُلٍ قَالَ لِأَخِيهِ كَافِرٌ بَاءَ بِهَا أَحَدُهُمَا މާނައީ: އެއްވެސް މީހަކު ތިމާގެ މުސްލިމު އަޚާއާ ދިމާއަށް ތިޔައީ ކާފަރެކޭ ބުނެގޮވައިފިނަމަ އެދެމީހުންކުރެން އެކަކަށް އެބަސް ރައްދުވެގެން ދާނެއެވެ. އެހެންކަމުން މީހަކު ކާފަރު ކުރުމަކީ ތިމާ އެބަހުން ސަލާމަތްވާނެ ބަހެއްނޫނެވެ. ތިމާގެ މޫނުމައްޗަށް އެބަސް ރައްދުވެގެން އަންނާތީއެވެ.

ކީރިތި ރަސޫލާގެ ދުވަސް ވަރުގެ ޙާދިޘާއަކަށް އަލިއަޅުވާލާނަމެވެ. ހަނގުރާމަައެއްގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އުސާމާ އިބްނި ޒައިދާ ކާފަރަކާ ދެމެދު ޙަމަލާ ބަދަލުވަމުން ދިޔައެވެ. ދެން މިދެމީހުން ހަނގުރާމަ ކުރަމުން ގޮސް ކާފަރުމީހާ ބަލިވާހެން ހީވެ، އުސާމާ އޭނާ ޤަތުލުކޮށްލައްވަން ޤަޞްދު ކުރެއްވި ހިނދު މިކަލޭގެ ޝަހާދަށް ކިޔައިފިއެވެ. އެއަޑަށް ސަމާލުކަން ނުދެއްވައި ލޮންސިކޮޅުން ޖައްސަވާ އުސާމާ އެކަލޭގެ ޤަތުލު ކުރަށްވައިފިއެވެ. މިޚަބަރު ކީރިތި ރަސޫލާއަށް ލިބިވަޑައިގަތުމުން ކޯފާވެފައި ޙަދީޘު ކުރެއްވިއެވެ. އުސާމާއެވެ! ޝަހާދަތް ކިއުމުން ވެސް ކަލޭ އޭނާ މަރާލީހެއްޔެވެ؟ އުސާމާ ދެންނެވި އެވެ. އޭ ﷲގެ ރަސޫލާއެވެ! އޭނާ ޝަހާދަތް ކިޔުނީ މަރަށް ބިރުންނެވެ. އެހިނދު އިތުރަށް ކޯފާ އިސްކުރަށްވައި ކީރިތި ރަސޫލާ އެއްސެވިއެވެ. ބަލަ އުސާމާއެވެ! އޭނާ މަރަށް ބިރުން ޝަހާދަތް ކީކަން ތިޔަ އެނގުނީ އޭނާގެ ހިތް ފަޅާލާފައި ބެލީހެއްޔެވެ؟ މިހިރީ މީހަކު ފަސޭހައިން ކުފުރު ކުރުމުގެ ބިރުވެރިކަން ހުރިލެއް ބޮޑު ކަމެވެ. އެކަމާ ދެރަވެގެން އުސާމާ އަވަހާރަވަންދެން ވިދާޅުވި ބަސްފުޅެއް ވެއެވެ. ތިމަން އިސްލާމް ވުމުގައި، އެދުވަހަށް ފަހުން އިސްލާމް ވީނަމަ ކިހާރަނގަޅޭ ހިތަށް އަރައެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީިހަކު ދެނެގަންނަން ޖެހޭ ކަމަކީ އީމާން ކަމަކީ ހިތުގައި އޮންނަ ޝުޢޫރަކަށް ކިޔާ އެއްޗެއް ކަމެވެ. އޭނާގެ ހިތުގައި އެއޮންނަ އީމާންކަމަކީ ކުޑަވެބޮޑުވާ އެއްޗެކެވެ. އެކަން އޭނާއަށް ވުރެން ބޮޑަށް އެނގިވޮޑިގެންވާނީ ﷲ އަށެވެ. އެހެންކަމުން ވަކިމިވެނި މީހަކީ އެންމެ ފުރިހަމަ މުސްލިމެކޭ ބުނަން އެކަކަށް ވެސް ނޭގޭނެއެވެ. އެކަން ކިރަންއޮންނަ ތަރާދަކީ ތަޤްވާވެރިކަމުގެ ތަރާދެވެ. ބޭރުފުށުން ތިމާއަށް އޮތީ ތިމާގެ އަޚްލާޤާއި ބަސްމޮށުންތެރިކަން ރިވެތިކުރުމެވެ. ކީރިތި ރަސޫލާގެ ޙަދީޘު ފުޅެއް އިމާމު އިބްނި އަބީޝައިބާ ރިވާކުރަށްވާފައި ވެއެވެ. إِنَّ أَحْسَنَ النَّاسِ إسْلَامًا أَحْسَنُهُمْ خُلُقًا މާނައީ: މީސްތަކުންގެ ތެރެއިން އެންމެ ފުރިހަމަ އިސްލާމަކީ އެއުރެންގެ ތެރެއިން އެންމެ ޚުލުޤު ރިވެތި މީހާއެވެ.

ކޮންމެ އަކަސް އަޅުގަނޑުގެ އަޚުންނަށް އަޅުގަނޑު ދަންނަވާލާ ހިތްވަނީ ތިޔައީ ހަމަ ދީނަށް އޮތް ލޯއްބެއްގެ ބޮޑުކަމުން ކުރަށްވާ ކަމެއް ނަމަ ޝަރުޢީ އުޞޫލުގެ ދަށުން މަޙްކަމާ މެދުވެރިކޮށް ހުކުމްހޯދޭތޯ ބައްލަވާށެވެ. އަދި ތިޔަގޮތަށް ފަތުވާ ދެއްވައި ހައްދަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވާނަމަ ތިޔަ ކޮނުއްވަނީ ވަރަށް ބިރުވެރި ނާމާން ވަޅުގަނޑެކެވެ. އޭރުން ތިމާ އަމިއްލައަށް މަގުފުރެދި އަނެކުން މަގުފުރެއްދެވެނީއެވެ. އެކަމާމެދު އަޅެ ނިކަން ވިސްނާލައްވަ ބައްލަވާށެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެއު ވިސްނުން ދެއްވާށިއެވެ. ދިވެހި ރާއްޖޭގެ ދީނީ، ސިޔާސީ މީހުންގެ ސިޔާސީ އައްޑަނައަކީ އިސްލާމް ދީންކަމުގައި ނުހެދުމުގެ ތައުފީޤު އެއުރެންނަށް ދެއްވާދޭވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު