-ޙުސައިން ރަޝީދު އަޙްމަދު-



ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންނާ ކުރިމަތި ލާފައި މިވަނީ ރޯދަ މަހާއެވެ. ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ރަޙްމަތުގެ މައްސަރެކެވެ. އެއާއެކު އަންނަނީ ޢަދަދު ނުކުރެވޭހައި ގިނަގުނަ ހެވަކާއި ސަވާބެކެވެ. ﷲގެ ޙަޟުރަތުގައި އެކަންކަމުގެ ޝުކުރު އަދާކުރުމަށް އަޅާއަށް އޮންނަނީ ނުކުޅެދިފައެވެ. އަޅާ ރޯދަމަހު ރޯދަ ހިފާއިރު ތިމާއަށް ލިބެނިވި ސަވާބަށް އެދިހުރެ އެކަން ޤަބޫލުކޮށްގެން ރޯދަ ހިފާހިނދު އޭނާއަށް ދެއްވާ ސަވާބު އެތަކެއް ގުނައަކަށް އިތުރު ކުރަށްވާ ހުއްޓެވެ. އަދި އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވާހުއްޓެވެ.

ޝައްކެއްނެތެވެ. ރޯދަ މަސް ފެށިގެން އަންނަނީ ރަޙްމަތުންނެވެ. އޭގެ މެދުތެރޭގައި ވަނީ ފާފަ ފުއްސެވުމުގެ މޫސުމެކެވެ. އޭގެ ނިމުން އަންނާނީ އަޅާ ނަރަކައިން މިންޖު ކުރެއްވުމުގެ ސަނަދު ލިބިއްޖެކަން އިޢުލާން ކުރާ ހާލުގައެވެ.

އިމާމު ތިރްމިޛީ ނެރުއްވި ޙަދީޘެއްގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. " ރޯދަމަހުގެ ފުރަތަމަ ވިލޭރެއާ ގުޅިގެން އެންމެހައި ޖިއްނި ޝައިޠާނޫންނާއި ފުރޭތައިން ކަސްތޮޅު އެޅުއްވޭނެއެވެ. ނަރަކައިގެ އެންމެހައި ދޮރުތަކެއް ބަންދު ކުރެވޭނެއެވެ. އެއިން އެންމެ ދޮރެއްހައިމިނުވެސް ހުޅުވިފައި ނުހުންނާނެއެވެ. އަދި ސުވަރުގޭގެ އެންމެހައި ދޮރުކޮޅުތައް ހުޅުވައިލެވޭނެއެވެ. އެއިން އެންމެ ދޮރުކޮޅެއްހައިމިނުވެސް ލައްޕާލެވިފައި ނުހުންނާނެއެވެ. މުޅި ރޭގަނޑުގައި ޚާއްޞަ މަލާއިކަތަކު އިޢުލާން ކުރަށްވަ ކުރަށްވާ ހުންނަވާނެއެވެ. އޭ ހެއުކަމަށް އެދިއެދި ހުންނަ މީހާއެވެ. އަޅުކަން ކުރުމުގައި ހިއްވަރު ކުރާށެވެ. އަދި އޭ އުރެދުމަށް އަރައިގަންނަން ބޭނުންވެ ހުންނަ މީހާއެވެ. އަޅެ ފާފައާ ދުރަށް ޖެހިބަލާށެވެ. ﷲގެ ޙަޟުރަތަށް ކުއްތަންވެ ބަލާށެވެ. މިގޮތަށް ރޯދަވެރިޔާއާމެދު މުޢާމަލާތު ކުރެވޭނެއެވެ. އަދި ދަންނާށެވެ. ތިޔައިގެ ތެރޭން ގިނަމީހުން ނަރަކައިން މުއްތިކުރެއްވުމަކީ ﷲ ލޮބުވެތިވެ ވޮޑިގަންނަވާ ގޮތެވެ. މިގޮތަށް ނިދާ އިއްވެވުމުގައި މަލާއިކަތާ ރޯދަ މަހުގެ މުޅި ރޭތައް ވެއަތު ކުރަށްވާނެއެވެ."

ކީރިތި ރަސޫލާ ޙަދީޘު ބަސްފުޅުން ފަދައިން ސުވަރުގޭގެ އެންމެހައި ދޮރުކޮޅުތައް ހުޅުވާލެވިފައި ހުންނަކަމަށް ވާރިދުވެފައި ވިއަސް އަޅުގަނޑުމެން އެންމެ އުފާކުރަން ޖެހޭކަމަކީ، ރޯދަ ވެރިޔާއަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ހުޅުވާލެވައި ހުންނަ ކަމެވެ. އެދޮރުކޮޅުގެ ފާރަވެރިން އަބަދުމެ ރޯދަވެރިޔާއަށް މަރުޙަބާ ވިދާޅުވެ ވިދާޅުވެ ތިއްބަވާނެއެވެ. އެއީ ރައްޔާން ކިއުނު ދޮރުކޮޅެވެ.

ރޯދަމަހާ ކުރިމަތި ލައިގެން އުޅޭހިނދު، އަޅުގަނޑުމެންނަށް އޮތްކަމަކީ އަޅުގަނޑުމެންގެ އަދަބާއި ސުލޫކު ބަދަލު ކުރުމެވެ. ޢަމަލުތައް ރިވެތި އަޚްލާޤަކުން ޒީނަތްތެރިކޮށް ބައްޓަން ކުރުމެވެ. ގޯސް ޢަމަލުތަކުން އެއްކިބާވުމެވެ. ކުރާކޮންމެ ކަމެއްގައި އެކަމެއްގައި އޮންނަ އެންމެ ރިވެތި ގޮތް އިޚްތިޔާރު ކުރުމެވެ. އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަކީ މާތް ﷲ ސުބުޙާނަހޫ ވަަތަޢާލާ ވަނީ އަހަރުގެ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް ޚާއްޞަ މައްސަރެއްގެ ގޮތުގައި ލައްވާފައި ކަމާއި އޭގައި ހެވާއި ބަރަކާތް ލައްވާފައިވާ ކަމާއި މިއީ މަތިވެރިވެގެންވާ މާތް މޫސުމެއްކަން ކަށަވަރު ކުރުމެވެ. އެއަށް މަރްޙަބާ ކިއުމާއެކު އުފަލާއެކު ފުރިހަމަ ގޮތުގައި ރޯދަމަހުގެ ދުވާލާއި ރޭގަނޑުގެ މިބަރަކާތާއި ސަވާބުން ފުރިގެންވާ މޫސުމަށް ލައްބައިކަ ކިއުމެވެ. އިޚްލާޞްތެރިކަމާއެކު މިމަތިވެރި މޫސުން ބަލައިގަތުމެވެ.

މާތް ﷲގެ ޙަޟުރަތުގައި އެދިދަންނަވަނީ، މިމޫސުމުގެ އެންމެ ފުރިހަމަ ފައިދާ ލިބިގަތުމުގެ ތައުފީޤު އަޅުގަނޑުމެންނާއި ލޮބުވެތި އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް ދެއްވުމެވެ. އަޅުގަނޑުމެންނަކީ ރަމަޟާން މޫސުމުގެ ގާތް އެކުވެރިން ކަމުގައި ލެއްވުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން