އިކޮންމިކް މިނިސްޓަރު ފައްޔާޒު  އިސްމާއިލް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ގުޅީފަޅަށް ޕޯޓް ބަދަލުކުރުމުން ތަކެތީގެ އަގުހެޔޮވެގެންދާނެ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.


ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ގުޅީފަޅަށް ޕޯޓް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. ގުޅީފަޅަށް ޕޯޓް ބަދަލުކުރުމުން ޚަރަދުތައް ކުޑަވެ ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ގުޅީފަޅު ޕޯޓް ބޮޑުކުރުމުގެ މަޝްރޫއަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އެއީ މުޅި މާލޭގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ގުޅީފަޅުގައި ޕޯޓް ހެދުމާއިގުޅިގެން ޚަރަދުކުޑަވުންތަށް އަންނާނެ، މާލޭގެ ހުރިހާ ގުދަންތައް މާލޭގައި ލިބޭ އަގަށްވުރެ މާ ކުޑަ އަގުގައި ގުޅީފަޅުގައި ގުދަން ކުރުމުގެ ފުރުސަތު ލިބުނީމާ އެއްޗެހީގެ އަގު ހެޔޮވުމުގެ ފުރުސަތު އެބަ ލިބޭ، އަތޮޅު ތެރޭ ދޯނިތައް މާލޭގެ ބަނދަރަށް ވަދެގެން އުޅޭ މި ދަތިހާލުގައި އުޅުމުގެ ބަދަލުގައި ގުޅީފަޅުގައި ޑޮމެސްޓިކް ހާބަރުގައި އަޅައިގެން އޮވެ މުދާ އަރުވައިގެން ސީދާ ރަށައް އެބަދެވޭ، ބްރިޖުން އަޅުގަނޑުމެން މި ގުޅާލަނީ." އިކޮންމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިޔުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް މާލެއާއި ގުޅިފަޅު ގުޅާލަން އަޅާ ބްރިޖުގެ އަމަލީ މަސައްކަތެއް އަދި ނުފެށެއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އެވެ. ގުޅީފަޅުގައި 187 ހެކްޓަރުގެ ބިން ހިއްކޭއިރު، އޭގެ ތެރެއިން ބޮޑުބައި އޮންނާނީ ޕޯޓު އަދި ޕޯޓާ ގުޅިގެން ހިންގާ މަސައްކަތްތަކަށް ކަމަށް ހައުސިން މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު