މާލޭގެ މަލަމަތި ބަދަލުކޮށްލަދޭ ރީތި ބިނާއެއްކަމަށްވާ ކިންގ ސަލްމާން މިސްކިތަކީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހު އިމާރާތްކުރަން ފެށި މިސްކިތެކެވެ. 2018 ވަނަ އަހަރުގެ ޖެނުއަރީމަހު އަމަލީ މަސައްކަތް ފަށައިގަނެ އެއަހަރު މާޗުމަހަށް ދިޔައިރު، މިސްކިތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާލިއެވެ. އަދި އެއަހަރު ނިމުނުއިރު، މިސްކިތުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައި، ރައީސް ޞާލިހު ވެރިކަމާއި ހަވާލުވިއިރު އޮތީ ހުޅުވަން ތައްޔާރުވެފައެވެ. ނަމަވެސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 2 އަހަރު ވެގެންދިޔައިރުވެސް މިސްކިތް ހުޅުވޭގޮތެއް ނުވިއެވެ. ކޮންމެވެސް މަސައްކަތެއް ނުނިމިގެން މިސްކިތް ހުޅުވުން ލަސްވަމުން ގޮސް، އިބިލީހުގެ ކައިވެންޏަށްވެއްޖެއެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ސަރުކާރުން އެ މިސްކިތް ނުހުޅުވާ ލަސްކުރަނީ ގަސްތުގައެވެ. އެއީ ކުރީގެ ރައީސް ޔާމީނަށް އެކަމުގެ ތައުރީފެއް ލިބިދާނެތީ ބިރުންކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިސްކިތް ހުޅުވުން ލަސްވުމާއި ގުޅޭގޮތުން ސަރުކާރުން ތަފާތު އެކި ފަހަރު ދައްކާފައި ވަނީ އެކި ވާހަކައެވެ. އެހެން ވީމާ އެއީ ބަހަނާއެއް ކަމުގައި ބުނުމުގެ ޖާގަވެސް ލިބެނީއެވެ. މިސްކިތް ހުޅުވުމާއި ގުޅޭގޮތުން މިދިޔަމަހު އެންމެފަހުން ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިސްކިތް ހުޅުވުން ލަސްވީ ކޯވިޑްގެ ސަބަބުން ސައުދީން ރާއްޖެ އަންނަންޖެހޭ ވަފްދަކަށް ނާދެވިގެންކަމަށެވެ. އަދި އެ ބޭފުޅުންނަށް ވަޑައިނުގެންނެވުނު ނަމަވެސް ކުރިއަށް އޮތް ރޯދަމަހު މިސްކިތް ބޭނުންކުރަން ފެށޭތޯ ބަލަމުންދާކަމަށް އެދުވަހު ރައީސް ޞާލިހު ވިދާޅުވިއެވެ.



ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުން މިސްކިތް ނުހުޅުވިގެން އުޅެނީ މަސައްކަތް ނުނިމިގެންކަމެއް ވިދާޅެއް ނުވެއެވެ. ރައީސް ޞާލިހު ވިދާޅުވިގޮތުން މިސްކިތް ނުހުޅުވި އޮތީ އެހެން ސަބަބަކާ ހެދިއެވެ. ނަމަވެސް މީޑިއާތަކަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ދެއްވާ މައުލޫމާތު މުޅިން ތަފާތެވެ. އެހެންވީމާ އަދި މިވާގޮތެއް މުޅިއަކުން ސާފެއް ނުވެއެވެ. މިއަޑުއިވޭ ވާހަކަތައް ދެކޮޅު ޖައްސާނެ ގޮތެއް އަދި ނޭނގެއެވެ.

މި ރޯދަމަހު ސަލްމާން މިސްކިތް ހުޅުވާނެކަމަށް ރައީސް ވިދާޅުވިނަމަވެސް، ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ މި ރޯދަމަހުވެސް ސަލްމާން މިސްކިތް ހުޅުވޭނެކަމަށް ލަފާ ނުކުރެވޭކަމަށެވެ. އެގޮތުން މިސްކިތުގައި ނުނިމޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިއީ ވެސް މުޅިން ތަފާތު އާވާހަކައެކެވެ.



"އަދިވެސް މިސްކިތުގައި ހިމެނޭ އޮޑިޓޯރިއަމް އާއި އެހެން ބައެއް ތަންތަނަށް ފަރުނީޗަރު ހޯދަން ޖެހޭ. އެ ނޫން ބައެއްކަންކަން ވެސް އެބަހުރި. ހަގީގަތުގައި އޮނިގަނޑުގެ މަސައްކަތް ނިމި ކާޕެޓް އެޅިފައި އެ ހުރީ. އެހެން ކަންކަމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެން އެކި ގޮތްގޮތުން އެބަ ހޯދަން،" މިސްކިތް ނިންމުމަށް ފައިސާގެ ދައްޗެއް އުޅޭ ކަމަށް ހާމަ ކުރަށްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވޭއިރު، އެ މިސްކިތް ހުޅުވޭނެ ތާރީހެއްވެސް އިސްލާމިކް މިނިސްޓަރަށް ވިދާޅުވާކަށް ނޭނގެއެވެ. އެހާވެސް އެމަސައްކަތް އޮތީ "ވާނުވާ" ގައެވެ. މިސްކިތުގެ މަސައްކަތް ނިމިފައެވެ. ކާޕެޓް ވެސް އަޅާފައެވެ. ކަރަންޓާއި ފަންކާލައި ދިއްލާފައެވެ. ދެން މިސްކިތެއް ހުޅުވާން ބޭނުންވާނީ ކޮން ފަރުނީޗަރެއް ބާވައޭ ސުވާލު އުފެދެއެވެ. އެއީ އޮފީސް ތަކާއި ބައްދަލުވުންތައް ބޭއްވޭ ގޮތަށާއި ލައިބްރަރީ ފަދަ އެތައް ބައިތަކެއް ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ އިމާރާތެއް ކަމަށްވާތީ އެބައިތައް ވެސް މުޅިން ފުރިހަމަކޮށްފައި ނޫނީ މިސްކިތް ހުޅުވާން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ޤާއިމުވެގެންދާނެއެވެ. އެގޮތުން އިސްލާމިކް ލައިބްރަރީއަކާއި، ސެމިނަރ ހޯލްތަކާއި، ކްލާސް ރޫމްތަކުގެ އިތުރުން އޮފީސް ޖާގައާއި، ބޮޑު އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް ވެއެވެ. އަދި މިސްކިތް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަކަށް ލިފްޓުވެސް ހަރުކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު މިސްކިތަށް ވަދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

6 ފަންގިފިލާއަށް ބިނާ ކުރާ މި މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުންނާނެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ. ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން