އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޕްރޮގްރާމްގެ ދަށުން ކޮންމެ ރެއަކު ގެނެސްދޭ "ރަށްވެހި ފަތިސް" ޓީވީ ލައިވްޝޯގެ އައްޑޫ ސިޓީއަށް ޚާއްސަ އެޕިސޯޑުން ފާހަގަވެގެން ދިޔައީ މިހާރު ވެރިކަން ހިންގާ ޕާޓީ، އެމްޑީޕީއަށް މުޅި އައްޑޫ ސިޓީގެ ކައުންސިލް ރައްޔިތުން ދިނުމުންވެސް އެއްކަމަކީ ތިން ދައުރު ފުރިހަމަ ކޮށް ނިމުނުއިރުވެސް ސިޓީއަށް އެކަށޭނަ އިގްތިސާދީ ތަރައްގީއެއް ގެނައުމަށް މަސައްކަތް ކޮށްފައި ނުވާކަމެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އެކަން ނުވާކަމީ އެމްޑީޕީއަށް ތާއީދު ކުރަށްވާ ގިނަ ބޭފުޅުންވެސް ގަބޫލުކޮށް ދައްކާ ވާހަކައެކެވެ. އަދި ފެންނަން އޮތީ އެ ހަގީގަތެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ އިތުރުން ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާ މިޝޯގައި މިފަހަރު ލޯކަލް ކައުންސިލްގައި ވާދަކުރާ ހުރިހާ އެމްޑީޕީ މެމްބަރުން އެކި އެޕިސޯޑު ތަކުގައި ބައިވެރި ވެއެވެ. އަދި އެމީހުންގެ ކަންބޮޑުވުން ފާޅުކޮށް، ދާއިރާގެ ކުރިމަގަށް ވަރަށް ގިނަ ވާހަކަ ދައްކައެވެ. ހުރިހާ ހިސާބެއްގެ މީހުންގެވެސް ގިނަ ޝަކުވާއަކަށް ވަނީ ކުރަން ބުނެފައިވާ ކަންކަން ފުރިހަމަ ނުވާކަމަށެވެ. އެހެންކަމުން އެކަންކަން ވީހާވެސް އަވަހަށް ކޮށްދެއްވުމަށް ކެންޑިޑޭޓުން ދިޔައީ އެދެމުންނެވެ.

މިކަން މިހެން އޮތް ނަމަވެސް އައްޑޫ ސިޓީގެ ކެންޑިޑޭޓުން ސަރުކާރަށް ކުރާ ތާއީދު ހާމަކުރަށްވައި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އަދި އެމީހުން ސިޓީގެ މުސްތަގުބަލައްޓަކައި ކުރުމަށް ބޭނުންވާ ތަރައްގީގެ ވާހަކަތައް ކިޔައިދިނެވެ. އެމީހުންގެ ވާހަކަ ނިމުމާއެކު ރައީސް ވިދާޅުވީ މިދިޔަ ދެއަހަރުގެ ތެރޭގައި 535 މިލިއަން ރުފިޔާ އައްޑުއަށް ޚަރަދު ކޮށްފައިވާ ކަމަށެވެ.

މިހާ ބޮޑު ޚަރަދުތައް އައްޑުއަށް ކޮށްފައިވީ ނަމަވެސް އެކަން އައްޑޫގެ ގިނަބަޔަކަށް ގަބޫލު ކުރަން ދަތިވިއެވެ. ނަމަވެސް ރައީސް ވިދާޅުވާނީ ހަގީގަތްކަމަށް ގަބޫލު ކުރަންޖެހެއެވެ. ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މަޢުލޫމާތު ކައުންސިލުން ފޯރުކޮށްދީފައިވާނަމަ ރައްޔިތުންގެ ހިތުގައި މިސުވާލު ނުއުފެދުނީހެވެ.

އައްޑޫ ސިޓީއަށް ޚާއްސަ ޝޯގައި ބައެއް ކަންކަން ފާހަގަ ވިއެވެ. އެންމެ ފުރަތަމަ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް މުޅިކައުންސިލްގެ މެޖޯރިޓީ ވިދިވިދިގެން ތިންދައުރު އޮތްނަމަވެސް އެކަށީގެންވާ އިގްތިސާދީ އެއްވެސް ކަމެއް ކުރެވިފައި ނުވާކަމެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް ނަނާ ހުފެންތަކެއް ދައްކާ އަދި އެއްވެސް ހުވަފެނެއް ހަގީގަތަކަށް ހެދިފައި ނުވާކަމެވެ. މީގެ ހަގީގަތަކީ ސިޓީގެ އަވަށްތަކުގެ ކައުންސިލަރުންނާއި އަދި މޭޔަރުވެސް ބޮޑުތަނުން ފެއިލްވެފައިވާ ކަމެވެ. އައްޑޫއަށް ނިސްބަތްވާ މޭޔަރާއި އަދި ގިނަ ކައުންސިލަރުން ގެންގުޅޭ ސިޔާސަތަކީ އެމީހުންގެ ޕާޓީ ވެރިކަމުގައި ނެތީމާ އައްޑޫ ތަރައްގީއަށް މަސައްކަތް ކުރަން ބޭނުން ނުވާކަމެވެ. އަދި އަމިއްލަ ޕާޓީގެ ވެރިކަމުގައިވެސް ކަންކަން ކުރުމުގެ ގާބިލުކަން ނެތުމެވެ. ސަތޭކަ ދުވަހުގެ ތެރޭގައި ނަގަން އިޢުލާން ކުރި ދިދަ ނެގުންވެސް އަދިވެސް ފުރިހަމަ ނުވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން މިފަދަ ކައުންސިލަރުންނާއެކު ޙާސިލު ނުވާނެކަން ވަރަށް ރަނގަޅަށް ފާހަގަ ވެގެން ދިޔައެވެ. އެމީހުންނަށް އެނގެނީ ހަމަ އެކަނި އެލަފްޒުގެ މޮޅުވާހަކަ ދައްކާށެވެ. އަމިއްލަ ޤާބިލުކަމުގައި ސިޓީގެ ކުރިމަގު ބައްޓަން ކުރުމުގެ އެއްވެސް ގާބިލުކަމެއް ފެނިގެން ނުދިޔައެވެ. ހަގީގީ ލާމަރުކަޒީއަކީ ކޮން އެއްޗެއްކަންވެސް އެމީހުންނަށް އެނގޭބާއޭ ހިތާހިތާ ސުވާލު އުފެދުނެވެ. އެމީހުންގެ ވިސްނުން ހުރީ މުޅިންވެސް މައިސަރުކާރަށް ބަރޯސާވެގެން ކަންކަން ކުރުމުގެ ޚިޔާލެވެ. އަދި އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށެވެ. ތަރައްގީއަކީ ކޮން އެއްޗެއްކަން އެނގެނީ އެމީހުންނަށެވެ. ނަމަވެސް އެކަން ކުރާނެ ގާބިލުކަމެއް އެމީހުންގެ ކިބައިގައި ހުރިކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ސިފައެއް ފެނިގެން ނުދިޔައެވެ.

ދެންފާހަގިވި ކަމަކީ އައްޑޫ ސިޓީގެ ކުރިމަގު، އިގްތިސާދީ ވިސްނުމެއްގައި ބައްޓަން ކުރުމުގެ ޚިޔާލާއި ފިކުރު ނެތްކަމެވެ. ނަމަވެސް ހަގީގަތަކީ މުޅިއައްޑޫ ސިޓީގެ ރައްޔިތުންގެ ފިކުރު އޮތީ މިބޭފުޅުންނާއެކު ކަމެވެ. އެހެންކަމަށްވާނަމަ އައްޑޫ މީހުން މިވަނީ މޮޅުވާހަކަ ދައްކާ، އެހެނަސް ކަންކުރުމަށް ނުކުޅެދޭ މީހުންގެ ގޮތުގައި ނޫންތޯއެވެ؟ ތިމާގެ ޙާލަތު ކޮންމެ ގޮތަކަށް ބައްޓަންވިކަމުގައި ވިޔަސްވެސް، އަދި ތިމާގެ ދަރިންގެ މުސްތަގުބަލް އުޖާލާ ނުވިނަމަވެސް ތިމާގެ ޕާޓީ ވެއްޖެނަމަ ކުރިމަތިލާފައިވަނީ ކޮންމެ މީހެއްކަމުގައި ވީނަމަވެސް އެމީހެއްގެ ފަހަތަށް އެރުމެވެ. މިފަދަ ސަގާފަތެއް އައްޑޫގައި އެއޮތީ ހަމަ ތަންދޮރު ނުދަންނާތީ ނޫންތޯއެވެ؟ ނުވަތަ ހަމަ ޕާޓީގެ ރޫޙުގައި ކޮންމެ ކަމެއް ވަރިހަމަ ވީމަތޯއެވެ؟

އައްޑޫގެ އިގުތިސޯދު ރަނގަޅުވާނީ އެތަނުގައި ފަތުރުވެރިކަން ތަރައްގީ ކޮށްގެންކަން އެންމެހާ ރައްޔިތުންނަށް އެނގެއެވެ. އެކަމަކު އަދި މިހާތަނަށް އެކަން ކުރެވިފައެއް ނުވެއެވެ. އަދި ވެސް އެކައުންސިލަރުން އެދައްކަނީ އެތަރައްގީ ގެންނަ ވާހަކައެވެ. އެ އިގުތިސޯދު ކުރިއަރާ ދާން އޮތީ އައްޑޫގައި މިހާރު ނަމެއްގައި އެއޮތް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ބައިނަލްއަޤްވާމީ ފްލައިޓްތައް ސީދާ އައިސް ޖައްސައިގެން އައްޑޫއަށް ފަތުރުވެރިން ގެނަސްގެންކަން އެނގެއެވެ. މިހާތަނަށް ވެސް ދެއްކީ އެވާހަކައެކެވެ. މި ސަރުކާރު ދެބައިވި އިރުވެސް އެދައްކަނީ އެވާހަކައެވެ. މިހާރު ހެދިފައި އޮތް ރިސޯޓްތައް ވެސް އަދިވެސް އޮތީ ބަންދުކޮށްފައެވެ. އަދިވެސް ދައްކަނީ އެނދު އިތުރުކުރާ ވާހަކައެވެ. އަދި މިދައްކަނީ ހަމަ ހުސް ވާހަކައެވެ.

ފަހުބަހަކަށް ބުނެލަން އޮތީ އެބައެއްގެ ޙާލަތު ބަދަލުކުރާނީ އެބަޔަކު އަމިއްލައަށް ކަމެވެ. އެބަޔަކުގެ ހާލަތު ބަދަލުކުރަން އެބަޔަކު ނުކުރިކަމެއް އެހެން ބަޔަކު ނުކުރާނެ ކަމެވެ. އެކަން ނުކުރެވުމަކީ ނުކުޅެދޭކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން