ދުންޔާ އާއި ޔުމްނާ: އެއްމާބަނޑު ދެބެއިން ވަނީ އުފަންދުވަސް ފާހަގަކުރައްވާފަ
ދުންޔާ އާއި ޔުމްނާ: އެއްމާބަނޑު ދެބެއިން ވަނީ އުފަންދުވަސް ފާހަގަކުރައްވާފަ
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނަކީ އެއްމާބަނޑު ދެބެއިންނެވެ. ދެބެންގެ ފަރާތުންވެސް އެ ސިފަ ވަރަށް ބޮޑަށް ފެނެއެވެ. ހޯދުން ތަކުން ދައްކާ ގޮތުގައި ވެސް އަދި ބުނެކިޔައި އުޅޭ ގޮތުންވެސް، އެއްމާބަނޑު ކުދިންނަކީ އެކުދިންގެ ސިފައިގައި ވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ހުންނަ އެއް އިހުސާސް ތަކެއް ކުރެވޭ ބައެކެވެ. އާންމު ދިރިއުޅުމުގައި ހުންނަ އެއްގޮތް ކަންތައްތަކުގެ އިތުރުން ވިސްނުމާއި ފިކުރުގެ އެއްގޮތް ކަމާއި ކަމުދާ ކަންކަމާއި ކަމުދާ ގޮތްތަކާއި ކަންކަމުގައި ވެސް ވަރަށް ގިނަ އެއްގޮތް ކަންކަން ހުންނަ ބައެކެވެ.


އެ ދެބެއިން އިއްޔެ އުފަން ދުވަސް ފާހަގަކުރިއިރު ވެސް އެކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ. ދެބެއިން ވެސް އެކަކު އަނެކަކަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައި ވަނީ ދާދި އެއްގޮތް ޝުޢޫރު ތަކަކުންނެވެ. ކުޑައިރުގެ ހަނދާންތައް އާކުރައްވަމުންނެވެ. ޔުމްނާއާއި ދުންޔާގެ ފަރާތުން އިއްޔެ ހަމަގައިމުވެސް ފެނިގެން ދިޔައީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމަށްވުރެ ގާތްކަން ދައްކުވައިދޭ ގުޅުމެއް އެދެބެއިންގެ ދެމެދުގައި އޮތްކަމުގެ ހެކިތަކެވެ. ދެބެއިންގެ ސިޔާސީ ފިކުރު ކިތަންމެ ތަފާތު ވިޔަސް އެއީ ހަމައެކަނި ބޭރަށް ފެންނަން ހުރި ދަޅައެއްކަން ނޫނީ ހަމައެކަނި ގަބޫލުކުރެވޭ އުސޫލު ތަކަކުން ހާމަކުރާ ކުރުން ތަކެއް ކަމުގައި ހަމަގައިމުވެސް އިއްޔެ އެވަނީ ސާބިތުވެގެން ގޮސްފައެވެ.

ރައީސް މައުމޫނަކީ ސިޔާސީ ގޮތުން އަދިވެސް ރާއްޖޭގައި ހުންނެވި އެންމެ ތަޖުރުބާކާރު އެންމެ ދުވަސް ވީ ސިޔާސީ ލީޑަރެވެ. ރާއްޖެއިން ރަސްކަމުގެ ކޮއިލާއި ގަނޑުވަރުތެރޭގެ ވެރިކަން ނިމުނު ފަހުން އެންމެ ގިނަ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ސިޔާސީ ލީޑަރެވެ. މިއަދުގެ ސިޔާސީ މާހައުލާ އެއްގޮތަށް ރައީސް މައުމޫންގެ ލެގަސީއަށް ނަމެއް ދޭނަމަ އަޅުގަނޑުމެން ދަންނަވާނީ ރައީސް މައުމޫންގެ އާއިލާއަކީ ރާއްޖޭގައި މިހާރު ދެމިއޮތް މިޒަމާނުގެ ޝާހީ އާއިލާ ކަމުގައެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރާއެކު އެމަނިކުފާނުގެ ލެގަސީ ފަހަތަށް ދޫކުރަށްވައި ސިޔާސީ ދާއިރާއިން އެކަހެރިވެ ވަޑައިގަންނަވާކަށް ނުނިންމެވިއެވެ. ބޭނުންފުޅުވީ މިހާރުގެ ޒުވާން ސިޔާސީ ފިކުރުތަކާއި ވެސް ވާދަކުރަށްވާށެވެ. އެކަން ވެސް ކުރެއްވިއެވެ. އަދި ސިޔާސީ ޕާޓީ ހައްދަވައިގެން އަދިވެސް އެވަޑައިގަންނަވަނީ އެމަގުން ހަމަ ކުރިއަރެވެ. އެގޮތުން ރާއްޖޭގައި ސިޔާސީ ޕާޓީ ނިޒާމު އުފެދުނު ފަހުން އެމަނިކުފާނު ވެވަޑައިގެންފައިވަނީ އެންމެ ގިނަ ޕާޓީގެ ޒަޢީމްކަން ކުރެއްވި އެންމެ ދުވަސްވީ ވެސް ސިޔާސީ ލީޑަރަށެވެ. ޑީއާރްޕީއާއެކު ނުކުމެ ވަޑައިގެން އެޕާޓީގެ ކުރިމަގު ބަނަވުމުން ދެން ނުކުމެ ވަޑައިގެންނެވީ ޕީޕީއެމްގެ ނަމުގައި އާ ފިކުރެއް އުފައްދަވައިގެންނެވެ. ޕީޕީއެމް އަތްޕުޅުން ބީވުމުން ގޮތް ދޫނުކުރަށްވާ އަނެއްކާވެސް ޕާޓީއެއް އުފެއްދެވީއެވެ.

ދެން އޮތީ ރައީސް މައުމޫންގެ ލެގަސީގެ ހިޔަނީގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެން ހަތަރު ބޭފުޅުންގެ ވާހަކައެވެ. އެއްމާބަނޑު ދެބެންގެ ތެރެއިން ޔުމްނާ ބައްޕާފުޅު މައުމޫންގެ ފަހަތްޕުޅުގައި އެމްއާރުއެމްގައި މަސައްކަތް ކުރައްވާއިރު ދުންޔާ މިހާރު މަސައްކަތް ކުރައްވަނީ އުމަރު ނަސީރު އިސްކޮށް ހުންނަވާ އުފެއްދި ސިޔާސީ އިސްލާހީ މޫވްމެންޓެއް ކަމަށްވާ ޑީއެންއޭގައެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅު، ކުރީގެ ރައީސް ޔާމިނާ ދެމެދު ހިނގާދިޔަ ސިޔާސީ ދެބަސްވުން ތަކުގައި ސަރުކާރުގެ ތެރެއިން ނުކުމެ ވަޑައިގެންނެވި ތިން ބެއިންގެ ތެރެއިން އެންމެ ފަހުން ނުކުމެވަޑައިގެންނެވީ ވެސް ދުންޔާއެވެ. ވަޒީރުކަމުން ސްޓޭޓް މިނިސްޓަރު ކަމަށް "ޑީމޯޓް" ކުރެއްވުމުން ވެސް ހަމަ ހުންނެވީ އެކަމަނާގެ ގޮތުގައެވެ. ބޮޑުބޭބޭފުޅުގެ ސަރުކާރު ނިމެން ދިޔައިރު ބައްޕާފުޅާއި އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ފާރިޝް މައުމޫން ތިއްބެވީ ޖަލުގައެވެ. އެންމެ ހަގު ބޭފުޅާ، ޣައްސާން މައުމޫން ހުންނެވީ ދެގޮތެއް ނުވެ ބޮޑުބޭބޭފުޅު، ޔާމިންގެ އަތްޕުޅުގައި ހިއްޕަވައިގެން އެންމެ އަރިހުގައެވެ. އިސްލާހީ މަސައްކަތުގައި އެންމެ ވަރުގަދައަށް އުޅުއްވި ފާރިޝް މައުމޫނަށް މަޖިލީހުން ގޮނޑިއެއް ހޯދައިދޭން ކޯލިޝަންގެ މައިޕާޓީން ތާއީދު ނުކުރި ތާނގައި ސަރުކާރުން ރަނގަޅު ސިޔާސީ މަގާމެއް ދިން ތަނެއް ނުފެނެއެވެ. ބޭނުންފުޅު ނުވީވެސް ކަމަށް ވެދާނެއެވެ. އެކަމަކު ފާރިޝް މިހާރު ސިޔާސީ މައިދާނުން ވެސް ގެއްލިއްޖެއެވެ. ބުނެވޭ ގޮތުގައި ހުންނެވީ ބައްޕާފުޅާއެކު އެމްއާރްއެމްގައެވެ. ޔުމްނާއަށް ސަރުކާރުން ޖާގަ ލިބިވަޑައިގެންނެވުމުން ސަރުކާރުގައެވެ. މުނިފޫހިފިލުވުމާއި ތަރިކައާބެހޭ ވަޒީރު ކަމުގެ މަގާމުގައި އެކަމަނާ ސަރުކާރު ދަމަހައްޓަން ރެއާ ދުވާލު ބުރަ މަސައްކަތުގައެވެ.

މިހާރު ސިޔާސީ މަޝްރަހުން ފެންނާން ތިބި ރައީސް މައުމޫންގެ ތިން ބޭފުޅުން މިހާރު ތިއްބެވީ ސިޔާސީ ގޮތުން ތިން ދިމާލުގައެވެ. ސިޔާސީ ތިން އޮޑީގައެވެ. ތިން ދިމާލުގައި ފައިންޕުޅު އަޅުއްވައިގެންނެވެ. ރައީސް މައުމޫން އަދިވެސް ހުންނެވީ ސަރުކާރު ކޯލިޝަންގެ ތެރޭގައެވެ. އެމަނިކުފާނާއެކު އެއް އޮޑިއެއްގައި ހުންނެވީ އެއްމާބަޑު ދެބެންކުރެ ޔުމްނާއެވެ. ޣައްސާން ހުންނެވީ ބޮޑުބޭބޭފުޅު ހޯއްދަވައިދެއްވި މަޖިލީހުގެ ގޮނޑިއާއެކު ބޭބޭފުޅުގެ ފަހަތްޕުޅުގައި ޕީޕީއެމްގައެވެ. ބައްޕާފުޅާއި އެއްމާބަނޑު ޔުމްނާ އެގޮތަށް ތިއްބެވި ނަމަވެސް ދުންޔާގެ ސިޔާސީ ފިކުރު ތަފާތުކަން އެނގެނީ އިއްޔެއާއި ޖެހެންދެންވެސް ކުރަށްވާފައިވާ ޓްވީޓް ތަކުންނެވެ. އެންމެ ފަހުން ދުންޔާ ތެދުވެވަޑައިގެންނެވީ ސީދާ ސަރުކާރާ ދެކޮޅު ރޫހެއްގެ ތެރެއިންނެވެ. އުމަރާއެކު މުޅިން އާ ސިޔާސީ ފިކުރެއްގެ ތެރެއިން އުފެދުނު ހަރަކާތަކުންނެވެ. އެހެންވީމާ މިހާރު ރައީސް މައުމޫންގެ ލެގަސީން އުފަންވި ތިން ބޭފުޅުން މިހާރު ތިއްބެވީ ސިޔާސީ ގޮތުން ތަފާތު ތިން ފިކުރުގެ ތިން އޮޑީގައެވެ.

މިކަމަށް ބައެއް މީހުން މަޖާޒީ ގޮތުން ނުސީދާކޮށް ފާޑުކިޔައިވެސް އުޅެއެވެ. މިފަދަ ފަރާތްތަކުން ބުނެ އުޅެނީ މިކަން މިމަގުން ހިނގުމަކީ ވެސް ރައީސް މައުމޫންގެ ސިޔާސީ ތަޖުރިބާއާއި ފިކުރު ކަމަށެވެ. މިހާރު ރާއްޖޭގައި އޮތް ސިޔާސީ ފިކުރު ތަކުގެ ތެރެއިން ކޮންމެ ފިކުރެއް ވެރިކަން ކުރި ނަމަވެސް އެ ސަރުކާރުގެ ކޮންމެވެސް މިންވަރެއްގެ ހިއްސާއެއް އެމަނިކުފާނުގެ އާއިލާއަށް ހިއްސާވާނެ އެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އެމަނިކުފާނުގެ ލެގަސީ ދެމި އޮންނާނެތީއެވެ.

ކޮންމެއަކަސް ތިންބެއިންގެ ވެސް ސިޔާސީ ފިކުރު ވަރަށް ތަފާތެވެ. ބޭރަށް ފެންނަ ފެނުމަށް މިއީ ސައްތައިން ސައްތަ ޔަގީންވާ ކަމެކެވެ. މިއީ މިރާއްޖެއަށް ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރަފުވި ފަހުން އާކަމެއް ނޫނެވެ. އެއްއާއިލާއެއްގައި އެއްބަނޑު އެއްބަފާ މީހުން ވެސް ސިޔާސީ ވާދަވެރިކަމުގައި ބައިބައިވެ އެކަކު އަނެކަކަށް ހުތުރު ބަސްތައް ކިޔައި ދެބުރަކަށި ޖައްސައިގެން ހިނގުމާއި އެއްތަށި މައްޗަށް ނާރައި އަނގައިން ނުބުނެ މުޅި ހަޔާތް ވޭތުކޮށްލުމަކީ މިއަދު މި ރާއްޖެއަށް އާކަމެއް ނޫނެވެ. ނަމަވެސް ރައީސް މައުމޫންގެ ބޭފުޅުންގެ ޒާތީ ދިރިއުޅުމުގައި ފެންނަ ފެނުމުން މިކަން މިގޮތަށް އޮންނަ ހެނެއް ހީއެއް ނުވެއެވެ. އެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެރަވާ ނުވަތަ ހުތުރުވާ ބަހެއް، ޒާތީ ބަހެއް ވިދާޅުވާ އަޑެއް ވެސް ނީވެއެވެ.

މިކަން މިފަހުން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ރައީސް މައުމޫންގެ އެއްމާބަނޑު ދެބެންގެ ފަރާތުންނެވެ. އިއްޔެ ޓްވިޓާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ޓްވީޓަކީ ދުންޔާއާއި ޔުމްނާގެ އުފަންދުވަހުގެ ތަހުނިޔާގެ ޓްވީޓްތަކެވެ. ދެބޭފުޅުންވެސް އުފަންދުވަހުގެ ތަހުނިޔާ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރަށްދު ކުރައްވަމުން ހަނދުމަފުޅު ކުރަށްވާފައިވަނީ ޅައިރުގެ ހަނދާން ތަކެވެ. އެއްމާބަނޑު ދެބެންގެ ގޮތުގައި އުފަން ދުވަސް ފާހަގަކުރަމުން ގެންގޮސްފައިވާ މާޒީގެ ހަނދާން ތަކެވެ. މީގެތެރެއިން ވެސް އެންމެ ގިނަބަޔަކު އަޅައިގަތީ ޔުމްނާ ކުރަށްވާފައިވާ ޓްވީޓްގައިވާ ދެބެން އެއްކުލައިގެ ހުދުންއަޅުއްވައިގެން ތިއްބެވި ފޮޓޯގައެވެ. އުފަންދުވަހުގެ ކޭކު ފަޅުއްވާ މަންޒަރު ފެންނަ މި ފޮޓޯ ހިއްސާކުރައްވާ މިނިސްޓަރު ޔުމްނާ ވަނީ ދުންޔާއާއި ސުވާލެެއްވެސް ކުރައްވާފައެވެ. ޔުމްނާ އައްސަވަނީ ކުނޑައިރު މަންމަ އެއްވައްތަރު ހެދުން ލައްވާ ހަނދާންވޭތޯއެވެ.ދުންޔާ އުފަންދުވަހުގެ ތަހްނިޔާ ވިދާޅުވެ ކުރެއްވީ ތަންކޮޅެއް ތަފާތު ޖަޒުބާތީ ޓްވީޓެކެވެ. ދުންޔާ ވިދާޅުވީ ދިރިއުޅުމުގެ ދަތުރުގައި ހިއްސާވާން އެއްމާބަނޑު ބޭފުޅަކު ހުރުމުން އިތުރަށް ދިރިއުޅުން ފުރިހަމަވާކަމަށެވެ.

މިޓްވީޓް އެކަނިވެސް ކުރިން މިދެންނެވި ވާހަކަތަކުގެ ހެއްކަކަށް ފުދެއެވެ. އެބޭފުޅުންގެ ސިޔާސީ ފިކުރު ކިތަންމެ ތަފާތުވި ނަމަވެސް ޒާތީ ދިރިއުޅުއްވުމުގައި ކަންކަން ހިއްސާ ކުރެއްވުމާއި އެހީތެރިވެ ދެއްވުމުގައި އެކަން ނުގެންގުޅުއްވާ ކަމެވެ. ތިންބޭފުޅުން ކުރިއަށް ވަޑައިގަންނަވަނީ ވަރަށް ތަފާތު ވާދަވެރި ތިން ސިޔާސީ ފިކުރާއެކުއެވެ. ސިޔާސީ ފާޑުކިއުމާއި ރައްދު ދިނުންވެސް ކުރިއަށް ގެންދަވައެވެ. ނަމަވެސް އެފިކުރުތައް އާއިލީ ސުފުރާ މަތިންނާއި އާއިލީ ބައްދަލުވުން ތަކުން ފެންނާނެ ގޮތަކާއި މެދު ސުވާކު އުފެދޭނެ މީހުން ވަރަށް ގިނަވާނެކަން ޔަގީނެވެ. މިއީ ހަމަ ސުވާލު އުފެދޭން ހަމަ ރަނގަޅު ސިޔާސީ މަންޒަރެކެވެ. އެއް ގެއެއްގެ ފެންޑާއަކުން އެންމެ ގިނަ ސިޔާސީ ކުލަ ފެނިގެން ދާނެ އެއް ފެންޑާއަކީ ރައީސް މައުމޫންގެ އާއިލީ ގެކޮޅު ކަމުގައި ވުމީވެސް އެކަށީގެންވާ ކަމެކެވެ.ނަމަވެސް ޔުމްނާގެ މެސެޖުގައި ވަރަށް ބޮޑު ހަގީގަތެއް ވިދާޅުވެދެއްވާފައި ވެއެވެ. ޔުމްނާ ވިދާޅުވީ، އެެއްމާބަނޑު ދެބޭފުޅުން ކަމަަށް ވީނަމަވެސް ހުރިހާ ކަމެއްގައި ހިޔާލު އެއްގޮތް ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް އެދެމެދުގައި އޮންނަ ގުޅުމަކީ ހިޔާލުތަފާތުވުންތަކާއި އެކުވެސް ވަރުގަދަ ގުޅުމެއްކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

އުއްމީދަކީ ޔުމްނާގެ މި އިބާރާތްކޮޅުން ރައްޔިތުންގެ ސުވާލު ތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބޭނެ ކަމަށެވެ. އެކަމަކު އެއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ހަމަ ނޭނގެއެވެ. އެއީވެސް ވެދާނެ ގޮތެކެވެ. ބައެއް މީހުންގެ ތަހައްމަލުގެ ބައި ކުޑަވީމާ ސިޔާސީ ވާދައިގެ ފިކުރުގައި ޒުވާބުކޮށް ދެބަސްވާން ޖެހުނަސް ތަހައްމަލު ކުރުމާއި ކެތްތެރިކަން ވަރުގަދަ ނަމަ އެހެން ވާކަން ނުޖެހޭނެއެވެ. ނަމަވެސް އެއީ މަދު ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު