އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   6 މާރިޗު 2021 - 15:29
ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމަށް މޯލްޑިވް ގޭހުން ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީގުކުރަމުން އަންނަކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން ބުނީ ކޯވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި މޯލްޑިވް ގޭސް ކުންފުނިން ހިންގި ޚިޔާނާތް 16 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެ ކޮރަޕްޝަންގެ ތުހުމަތު ކުރަނީ މޯލްޑިވް ގޭސް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ޢަލީގެ މައްޗަށެވެ.

މޯލްޑިވް ގޭހުން 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރު ހޯދުމަށް ބޭރުގެ ކުންފުންޏަކާ 1،000 ސިލިންޑަރު ގަންނަން ހަވާލުކޮށް ބާކީ 3،000 ސިލިންޑަރު ގެނައުމަށް އެއްބަސްވީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މަޢުލޫމާތުތަކުން އެނގެއެވެ. ނަމަވެސް އެ ކުންފުނިން ފޮނުވި ރީފާބިޝްޑް ސިލިންޑަރުތައް ބޭނުމެއް ނުކުރެވެއެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ޕްރޯބިޒްގެ އަގު އެހެން ކުންފުނިތަކަށް ވުރެ ބޮޑުކަމަށާ އެކުންފުނި މެދުވެރިކޮށް ސިލިންޑަރު ގެނައުމަށް އިކްރާމް އިރުޝާދު ދެއްވާފައިވާ ސަބަބަކީ އަގު ބޮޑުވިޔަސް ވީހާވެސް އަވަހަށް އެތަކެތި ގެނައުންކަން އެނގެން އޮތްކަމަށެވެ. އަދި ސިންގަޕޫރުގެ ކުންފުނިން ފޮނުވާފައި ހުރީ ބާ ސިލިންޑަރުތަކެއް ކަންވެސް ކޮމިޓީގެ މަޢުލޫމާތުތަކުން ވަނީ ހާމަވެފައެވެ.

މޯލްޑިވް ގޭހުން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ކަން ހިންގާފައިވާ ގޮތް ބެލުމަށް އެސްޓީއޯ އިން ވަނީ އިންޓަރނަލް އޮޑިޓެއްވެސް ހަދާފައެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، ރާއްޖެއަށް އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމުގައި މޯލްޑިވް ގޭހުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަން ފަށާފައިވަނީ މިދިޔަ އަހަރު އެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވެނީ ކިތައް މީހުންގެ މައްޗަށްކަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާ ތަކުން ޚަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް އިތުރެވެފައިވާއިރު މިހާތަނަށް އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައިވަނީ ހެލްތު މިނިސްޓްރީގެ ތެރެއިންނެވެ. އެގޮތުން ކޮވިޑްގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށްޓަކާ އެތެރެކުރަން އުޅުނު ވެންޓިލޭޓަރުތައް ގަތުމުގައި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. ދުބާއީގެ ކުންފުންޏަކާއި އެކު ވެންޓިލޭޓަރު ގަތުމަށް ހިންގާފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހިންގާފައިވާ ކަމަށް ހާމަވެފައި ވީނަމަވެސް އެމައްސަލަ މާ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުން ނުދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މިމައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އޭސީސީން މިހާތަނަށް ކޮށްފައިވާ ތަހުގީގުގެ މައްޗަށް ބިނާކޮށް މައްސަލަ ޝަރީއަތަށް ހުށައެޅޭވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް ޕީޖީން ކުރިން ވަނީ ބުނެފައެވެ. މިމައްސަލަ ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި އަލުން ބަލާ ކަމަށް އޭސީސީން އަޑު އަރާވާފައި ވީ ނަމަވެސް މި މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު ވަޒީފާއިން ވަކިވެވަޑައިގެންނެވުމަށް މަޖުބޫރު ވުމާއި ބައެއް މުއައްޒަފުން ޒިންމާތަކުން އެކަހެރިކޮށް ގޭގައި ބޭތިއްބުމާއި ހެލްތު މިނިސްޓްރީ ހިންގަން އެމްޑީޕީގެ އިސް ބޭފުޅަކު އައްޔަން ކުރުން ފިޔަވައި މާބޮޑު އިތުރު ކަމެއް ކުރެވިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން