ދީނީ އިލްމުވެރިންގެ އަގުވައްޓާލާ ދީނީ އިލްމުވެރިންނާ ޖައްސާލުމަކީ ކޮންމެ ވެރިކަމެއްގައިވެސް ހެދޭ އެންމެ ބޮޑު ގޯސްކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް ތެދުވި އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގެން މިހާރުގެ ސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ޝައިޙް އިލްޔާސް މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ދެއްކި ބައެއްވާހަކަތަކާއި ގުޅިގެން ގައުމީ ޔުނިވަރސިޓީން ޑރ އިޔާޒް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. ޝައިޚް އިލްޔާސް ވިދާޅުވީ އެބޭފުޅުން ތިއްބެވީ ޑރ އިޔާޒް އާއިއެކު ކަމަށާ ޑރ. އިޔާޒަށް ދެރައެއް ލިބުނަކަ ނުދޭނެ ކަމަށެވެ.



ޑރ. ޢިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަލީ އާޒިމް ވަނީ ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތް ކުރާ "މިފަދަ މުނާފިގުން" ހައްޔަރުކޮށް އެކަހެރި ކުރަން ގޮވާލައްވައި ޑރ. އިޔާޒް ދޫކޮށްފައި ބަހައްޓައިފި ނަމަ އަންހެން ދަރިން މަރަން ވެސް ގޮވާލާފާނެ ކަމަށް ބުވިދާޅުވެފައެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މުނާފިގުންގެ ސިފަތަކަކީ ލޮބުވެތި ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާ ސިފަތަކެއް ކަމަށާއި "އެސިފަތައް ހުރީ ޑރ އިޔާޒްގެ ކިބައިގައިތޯ ނުވަތަ މުނާފިގުންނަށް ގޮވާ މީހުންގެ ކިބައިގައިތޯ ދިވެހި ރައްޔިތުން ވިސްނާލުން މުހިންމު" ކަމަށެވެ.



ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް ޑރ. އިޔާޒަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ ކަމަށާއި ޖެހިލުމެއްނެތި ޑރ. އިޔާޒް ދެއްވަމުން ގެންދަވާ ރައްދަށް އެބޭފުޅުންނަށް ކެތް ނުކުރެވެނީ ކަމަށެވެ.



ޑރ އިޔާޒް ސަސްޕެންޑްކުރުމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ޝައިޙް އިލްޔާސް ވިދާޅުވީ "ޑރ އިޔާޒާ މެދު ނާއިންސާފުން އަޅާ ކޮންމެ ފިޔަވަޅަކީ އަޅުގަނދުމެން ތަހައްމަލު ކުރާނެ ކަމެއް ނޫން" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން